Sunday, August 8, 2010

فِـداكَ أبى و أمّـِى يا رَسُـــولَ اللهِ

ކީރިތި މާތް الله އަކީ ޙައްޤު އިލާހެވެ. އެއީ އެއްކައުވަންތަ ގަދަ ކީރިތި ވަންތަ މާތް އިލާހެވެ. ޢިއްޒަތާއި ޖަބަރޫތުގެ އަދި މަލަކޫތުގެ ވެރި ޚާލިޤް ވަންތަ އިލާހެވެ. އެކަލާނގެ އަށް ޝަރީކަކު ނުވަތަ ބައިވެރިޔަކު ނުވެއެވެ. އަދި އެކަލާނގެއަށް ދަރިކަލަކު އަދި އަނބިކަނބަލަކު ވެސް ނުމެ ވޭމެއެވެ. އެކަނލާގެ އަށް ފިރިހެންވަންތަ ކަމެއް ނުވަތަ އަންހެންވަންތަ ކަމެއް ނިސްބަތް ނުކުރެވޭ ހުއްޓެވެ. ފިރިހެން އަދި އަންހެން މި ދެޖިންސު އުފައްދަވާ ދިރޭތަކެތި އެ ދެޖިންސުގެ މަތީގައި އެކަލާނގެ ޚަލްޤު ކުރެއްވިއެވެ. އެކަމަކު އެކަލާނގެ ޒާތުފުޅު ވަނީ މި ދެ ޖިންސުން ދުރުވެ ހުސްޠާހިރު ވެ ވޮޑިގެންނެވެ. އަހަރެމެންގެ އިލާހަކީ، އަދި ސާހިބަކީ އެކަލާނގެއެވެ. އަހރެމެން މުސްލިމުން ބޯލަނބާ ކިޔަމަންވާ ފަރާތަކީ އެކަލާނގެއެވެ. އެކަލާނގެ އެންގެވިނަމަ އަހަރެމެން އަހަރެމެންގެ އަމިއްލަ ނަފްސުތައްވެސް ކަތިލައިފީމުހެވެ. (ކީރިތި މާތް الله عزّ و جلّ ގެ ހެޔޮ ރަޙްމަތުން އެފަދަ އަމުރު ފުޅެއް ނުކުރައްވައެވެ. އެފަދަ އަމުރުފުޅެއް ކުރައްވައިގެން އެ އަމުރުފުޅަށް އަހަރެމެން އުރެދިއްޖެ ނަމަ ފުރިހަމަ މުސްލިމުން ކަމުގައި އަހަރެމެން ނުވާނެއެވެ.) އެކަލާނގެ ހެޔޮ ރަޙްމަތުން އަހަރެމެންނަށް ތެދު މަގު ދެއްކެވުމަށް ރަސޫލުންނާއި ނަބިއްޔުން ފޮނުއްވެވިއެވެ. އެ ހުރިހާ ބޭބޭފުޅުންނަށް އަހަރެމެން އީމާން ވަމުއެވެ. އަދި އެހުރިހާ ބޭފުޅުންނަށް އަހަރެމެން އަދަބު އިޙްތިރާމާ އެކު ކަމޭހިތާ މާތްކުރަމެވެ. އެއީ އިންސާނުންގެ ތެރެއިންވާ އެންމެ ޢިއްޒަތްތެރި ޤަދަރުވެރީން ކަން ދަންނަމުއެވެ. އެއީ ރިވެތި އަޚަލާޤުގެ އެންމެ ރީތި ނަމޫނާތައް ކަމާއި އަދި ތަޤްވާވެރިކަމުގެ އެންމެ ހެޔޮ މިސާލުތައް ކަން ވެސް ދަންނަމުއެވެ. މި ހުރިހާ ނަބިއްޔުންނާއި ރަސޫލުން ގެންނެވީ އެއް ދީނެކެވެ. އެއީ ޙައްޤު ދީން ކަމުގައި ވާ އިސްލާމް ދީނެވެ. ކީރިތި މާތް الله ރުހިވޮޑިގަންނަވާ ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ. އެކަލާނގެ ޙަޞްރަތުގައި ދީނަކީ އިސްލާމް ދީނެވެ. އެ ނޫން ދީނެއް އެ ކަލާނގެ ޙަޞްރަތުގައި ޤަބޫލު ވެވިގެންނެއް ނުވެއެވެ. އަދި އެނޫން ދީނެއް ކީރިތި މާތް الله މި ބިމަށް ބާވާލައްވާފައި ނުވެއެވެ. މި ޙައްޤު ދީނަށް ތަބާވެ އަދި އެންމެހާ ނަބިއްޔުންނާއި ރަސޫލުންނަށް އީމާން ވެގެން ތިބި ބަޔަކީ ހަމައެކަނި އަހަރެމެން މުސްލިމުންނެވެ. މި އީމާން ކަމަކީ ކީރިތި މާތް الله ގެ ޙަޟްރަތުން ލިބިފައިވާ މަތިވެރި ނިޢްމަތެކެވެ. އެ ނިޢްމަތުން މަޙްރޫމު ވެފައިވާ ކާފިރުންނަކަށް އެ ނިޢްމަތުގެ އަގެއް ވަޒަން ނުކުރެވޭނެއެވެ. އަދި އެހުރިހާ ކާފިރުން ކިތައްމެ ރުޅި އަޔަސް އަހަރެމެން މުސްލިމުން އަހަރެމެންގެ މި އީމާންކަން ދުވަހަކުވެސް ދުލެއް ނުކުރާނޫއެވެ. އެ އީމާން ކަން ރައްކާތެރިކުރުމުގެ އަގަކީ އަހަރެމެންގެ ހުރިހާ މުދަލާއި އަދި ޖާނާއި ނަފްސާއި އަދި ފުރާނަ ކަމަށް ވާނަމަ އެ ހުރިހާ އެއްޗެއް ޤުރްބާން ކޮށްފައިވެސް އަހަރެމެން އަހަރެމެންގެ އީމާންކަން ހިފަހައްޓާ އެ އީމާންކަމަށް ރައްކާތެރިވާނޫއެވެ. އަހަރެމެންގެ قدوة އަކީ އަދި أسوة އަކީ نبيّ الله و رسوله ކަމުގައި ވާ محمـّــد بن عبد الله بن عبد المطلب އެވެ. (ކީރިތި މާތް الله އެކަލޭގެފާނަށާއި އެކަލޭގެފާނުގެ أهل البيت އިންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. އާމީން). محمـّد صلى الله عليه و سلم އަކީ އެންމެ ފަހުގެ ނަބިއްޔާއެވެ؛ އަދި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެ ފާނު ގެންނެވި ޝަރީޢަތަކީ އެންމެ ފަހުގެ ސަމާވީ ޝަރީޢަތެވެ. އެ ޝަރީޢަތް އައުމުން އެންމެހާ ސަމާވީ ޝަރީޢަތްތައް މަންސޫޚު ވީއެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ޤިޔާމަތާ ޖެހޭންދެން ހުރިހާ އިންސީންނާއި ޖިންނީން އެއަށް ތަބާވުން ވާޖިބު ސަމާވީ ރިސާލަތެވެ. ގަދަ ކީރިތި ވަންތަ މާތް الله ކަނޑައަޅުއްވާ ނިންމަވާފައި ވާ ފަދައިން محمّد صلى الله عليه و سلم އަކީ އާދަމުގެ ދަރީންގެ ތެރެއިން ވާ އެމީހުންގެ ސާހިބާއެވެ. ވީމާ އަހަރެމެން މުސްލިމުން ގެ ކުރިމަތީގައި އަހަރެމެންގެ އަމިއްލަ ނަފްސާއި އަދި އަހަރެމެންގެ އަނބިދަރީންނާއި އަދި އަހަރެމެންގެ މައިންބަފައިންނަށް ވުރެވެސް އިސްވެފައި މަތިވެރި ފަރާތަކީ މާތް رسول الله ކަމުގައިވާ محمّد صلى الله عليه و سلم އެވެ. މި ކަމަށް އިންކާރު ކުރާ މީހަކު އިންކާރު ކުރިޔަސް އަހަރެމެންނަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި ބާރުގަދަ ޔޫރަޕާއި އަދި އެމެރިކާ ގެ ޞޮލީބީ އަދި ޔަހޫދީ ބާރުތަކާއި ބުދަށް އަޅުކަންކުރާ ހިންދީ އަދި ބުޑިސްޓް ބާރުތައް ގުޅިގެން އައިސް އިންކާރު ކުރިޔަސް އަހަރެމެން މި ކަމުގައި ކުޑަވެސް ދުލެއް ނުދޭނޫއެވެ. ފާފަވެރި ކާފިރުންނާއި، ގެއްލެނިވެ މަގުފުރެދިގެން ގޮސް މި ކާފިރުންގެ ނިގުލުގައި އެލިގަނެގެން އުޅޭ މީހުންނަށް އަހަރެމެން މުސްލިމުން ދޭނޭ ޖަވާބަކީ އަހަރެމެންގެ އަމިއްލަ ނަފްސާއި މައިންބަފައިންނާއި އަދި ދަރީންނަށް ވުރެ އަހަރެމެން ގެ ގާތުގައި މަތިވެރި އަދި ލޮބުވެތި އަދި ޢިއްޒަތާއި ޤަދަރު ބޮޑު ފަރާތަކީ رسول الله محمـّــد صلّى الهަ عليه و سلّم އެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ! އަހަރެމެން ގެ ތެރެއިން ކޮންމެ މީހަކުމެ އެމީހެއްގެ ވާހަކަ ދައްކާ ދުލުންނާއި އަދި ޙާލުގެ ދުލުން ހަރުއަޑުން މި އިޢްލާން ކުރަނީ أشهد أنّ محمـّــدا رســول الله (މުޙައްމަދުގެފާނަކީ الله ގެ ރަސޫލާ ކަން އަހަރެން ދަނެ އެކަމަށް ހެކިވަމެވެ.) صلّى الله عليه و على آله وسلّم. ހަތް އުޑުގެ މަތިން އެކަލޭގެފާނަށް (محمّد صلى الله عليه و سلم އަށް) ބާވާލެއްވުނު އިލާހީ ވަޙީ އަހަރެމެން ޤަބޫލު ކުރަމެވެ. އެންމެ ތެދުވެރި، އެންމެ އަމާނާތްތެރި، އެންމެ ޢަދްލުވެރި، އަދި އެންމެ ތަޤްވާވެރި އިންސާނަކީ އެކަލޭގެފާނެވެ. ކީރިތި މާތް الله تبارك و تعالى އަށް ބޯލަނބާ ކިޔަމަން ވުމުގައި އެންމެ ހެޔޮ ނަމޫނާ އަކީ އެކަލޭގެފާނެވެ. މީސްތަކުންނާ މުޢާމަލާތް ކުރުމުގައި އެންމެ އިންޞާފުވެރި އެންމެ ޢަދްލުވެރި އިންސާނަކީ އެކަލޭގެފާނެވެ. ދުނިޔަވީ ދިރިއުޅުމުގައި އެންމެ ޠާހިރު އަދި އެންމެ ރީތި ނަމޫނާއެއް ފެންނާނީ އެކަލޭގެފާނުގެ ރިވެތި މާތް ސީރަތުންނެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޢަދްލުވެރިކަމާއި ޚުލުޤުގެ ރިވެތިކަމާއި ހިތްވަރުފުޅުގަދަކަމަށް އެކަލޭގެފާނުގެ ދުޝްމަނުން ކަމުގައި ވީ މައްކާގެ މުޝްރިކުން އެއްބަސްވިއެވެ. އަދި ހަމަ އެކަންކަމަށް މި ޒަމާނުގެ އެތައްބައިވަރު ޣައިރު މުސްލިމު ޢިލްމުވެރީން ވަނީ އެއްބަސްވެ އިޢްތިރާފު ވެފައެވެ. އެކަމަކު މި ހުރިހާ އެންމެންގެ ތާރީފަށް ވުރެ އަގުބޮޑުވެފައި ޤަދަރު މަތިވެރީ އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ އިލާހީ ޘަނާ އާއި މަދަޙައެވެ. وَ إنّك لعلى خُلُق عَظِيم ގެ މަތިވެރި ތާރީފެވެ

އަމިއްލަ ނަފްސާއި މައިންބަފައިންނާއި އަދި އަނބިދަރީންނަށް ވުރެވެސް އަހަރެމެންގެ ގާތުގައި އިސްވެފައި މަތިވެރި ފަރާތަކީ މާތް رسول الله އެވެ(صلى الله عليه و سلم)

اللهمّ صلّ على محمّد النّبىّ الأمّىّ و على آل محمّد صلّى الله عليه و سلّم