Saturday, December 18, 2010

މާތް ސުންނަތުގެ ނޫރާނީ ހިޔަލުގައި ... (1)



ޢާލަމުތަކަށް ރަޙްމަތެއްކަމުގައި އަދި މުޅި އިންސާނިއްޔަތަށާއި ޖިންނީންނަށް ރަސޫލެއްކަމުގައި ކީރިތި މާތް الله سبحانه و تعالى ފޮނުއްވި ނަބިއްޔާ محمّد رسول الله صلّى الله عليه و سلّم އަކީ އެކަލޭގެފާނަށް ފަހު އެހެން ނަބިއްޔަކު އިލާހީ ރިސާލަތަކާއިގެން މި ބިމަށް އަލުން ނުފޮނުއްވޭނޭ خاتم الأنبياء ކަމަށް ވީ އިރު އެ ކަލޭގެފާނު ދޫކުރެއްވި ނަބަވީ ތަރިކަ އަކީ މުޅި އިންސާނިއްޔަތަށް ލިބިފައިވާ އެންމެ މަތިވެރި، އެންމެ މާތް، އެންމެ މުހިންމު، އަދި އެންމެ އަގު ބޮޑު ނިޢްމަތެވެ. އެހެން ނުވާނީ ކީއްވެ ތޯއެވެ! الصراط المستقيم ކަމުގައިވާ އިލާހީ ހިދާޔަތު އަޅުގަޑުމެންނަށް ލިބެން އޮތީ އެކަލޭގެފާނު ދޫ ކުރެއްވި ނަބަވީ ތަރިކައިންނެވެ. ކީރިތި ޤުރްއާނާއި މާތް ނަބަވީ ސުންނަތުންނެވެ. ކީރިތި މާތް ﷲ ގެ ރަޙްމަތްފުޅުން سَـيّـِدُ وَلـَدِ آدَمَ ކަމުގައި ލައްވާފައި ވާ محمّد رسول الله صلى الله عليه وسلم ދޫކުރެއްވި ނަބަވީ ތަރިކާގެ މަޞްދަރަކީ އިލާހީ ވަޙީ އެވެ. ވީމާ ކީރިތި މާތް ﷲ ގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި ރައްބާނީ ތެދުމަގަށް ތަބާ ވުމަކީ ޙަޤީޤަތުގައި ކީރިތި މާތް ﷲ އަށް ތަބާ ވުމެވެ. އެހެނީ ކީރިތި މާތް ﷲ އަށް ތަބާ ވެވޭނީ رسول الله صلى الله عليه وسلم ގެ ހަދްޔު ގައި ހިފެހެއްޓިގެންނެވެ. އަދި އެކަލޭގެފާނަށް ކިޔަމަންތެރި ވުމަކީ ކީރިތި މާތް ﷲ އަށް ކިޔަމަންތެރި ވުމެވެ. މި ޙަޤީޤަތަށް އިޝާރާތް ކުރައްވާ ކީރިތި މާތް ﷲ ވަޙީ ކުރައްވައެވެ: ﴿مَنْ يـُطِعِ الرَّسـُولَ فـَقـَـدْ أطَاعَ اللهَ﴾ (سورة النساء: 80). މާނައީ: ”ރަސޫލާ (محمّد صلّى الله عليه و سلّم) އަށް ކިޔަމަންތެރި ވެއްޖެ މީހާ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންތެރި ވެއްޖެއެވެ.“ އަދިވެސް ކީރިތި މާތް ﷲ އެކަލާނގެ އަޅާ އަދި ނަބިއްޔާ محمّد صلى الله عليه و سلم އަށް އަންގަވާ ވަޙީ ކުރައްވައެވެ:
﴿وَ إنـَّكَ لـَتـَهْـدِي إلـَى صِـرَاطٍ مُسْـتـَـقِـيْمٍ * صِـرَاطِ اللهِ الَّذِي لـَهُ مَا فِي السَّـمَاوَاتِ وَمَا فِي الأرْضِ﴾ (سورة الشورى: 52 - 53)
މާނައީ: ”އަދި ކަލޭގެފާނު މަގުދައްކަވާކަން ކަށަވަރީ ސީދާ ވެގެން ވާ ތެދު މަގަކަށެވެ. އެއީ ﷲ ގެ މަގެވެ. އެކަލާނގެއީ އުޑުތަކުގައި ވާހާ ތަކެއްޗަކާއި ބިމުގައި ވާހާ ތަކެއްޗެއް މިލްކުވެ ވޮޑިގެންވާ އިލާހެވެ.“

ލޮބުވެތި ސާހިބާގެ މާތް ސުންނަތް އަޅުގަނޑުމެންނަށް ހަދިޔާ ކޮށްފައިވާ ބައެއް ރައްބާނީ އިރްޝާދުތަކުގެ ނޫރާނީ ހިޔަލުގައި ވަގުތުކޮޅެއް ހޭދަކުރަމާތޯއެވެ!

ފުރަތަމަ ޙަދީޘް
عن عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ قَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقـُوْلُ: ” إِنـَّـمَا الأعْمَالُ بِـِالنـّـِـيَّـاتِ وَإِنـَّـمَا لِكـُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتـُهُ إِلَى اللَّهِ وَرَسُولِهِ، فَهـِجْرَتـُهُ إِلـَى اللَّهِ وَرَسُولِهِ، وَ مَنْ كَانَتْ هِجْرَتـُهُ إِلَى دُنـْيـَا يُصِيبُهَا أوْ امْرَأةٍ يَنـْكِـحُهَا فَهـِجْرَتـُهُ إِلـَى مَا هَاجَرَ إِلـَيْهِ“
މި ޙަދީޘް ގެ މާނާގެ ތަރުޖަމާ
عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ؛
”ޢަމަލުތައް (ޤަބޫލު ކުރެވުމާއި ނުކުރެވުން) ބިނާ ވެގެން ވާ ކަން ކަށަވަރީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް ވެސް (އެމީހެއްގެ ޢަމަލުގެ ސަބަބުން) ލިބޭހުށީ އެ މީހަކު ނިޔަތް ގަތް ކަމެކެވެ. ފަހެ، ﷲ ގެ ވަޖްހުފުޅަށްޓަކައި އެކަލާނގެ ރަސޫލާ ގެ އަރިހަށް ހިޖްރަ ކުރި މީހާގެ ހިޖްރަ ވަނީ ﷲ ގެ ވަޖްހުފުޅަށްޓަކައި އެކަލާނގެ ރަސޫލާ ގެ އަރިހަށެވެ. އަދި، ދުނިޔެއަށްޓަކައި ހިޖްރަ ކުރި މީހެއް ނަމަ ފަހެ އެ މީހާއަށް ދުނިޔެ ލިބޭހުއްޓެވެ. ނުވަތަ އަންހެނަކަށްޓަކައި ހިޖްރަ ކުރި މީހެއް ނަމަ އޭނާ އަށް އެ އަންހެނަކާ ކައިވެނި ކުރެވޭހުއްޓެވެ. ފަހެ ހިޖްރަ ކުރާ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ހިޖްރައިން ލިބޭ ހުށީ އެކަމަކަށްޓަކައި އޭނާ އެ ހިޖްރަ ކުރި ކަމެކެވެ.“

މި ޙަދީޘް އަކީ ޙަދީޘް ޢިލްމުގައި އަރާ ތިއްބެވި މި އުއްމަތުގެ އުސްތާޛުން ކަމުގައި ވާ އަދި އެ ޢިލްމުގައި ފޮތްތައް ތަޞްނީފު ކުރެއްވި އިމާމުން ކަމުގައި ވާ أحمد بن حنبل އާއި، البخارى އާއި، مسلم އާއި، أبو داؤد އާއި، النسائى އާއި، الترمذى އާއި އަދި، ابن ماجه (رَحِمَهُم اللهُ و رَضِيَ عَنْهُم) ރިވާ ކުރައްވާފައި ވާ ޞައްޙަ ޙަދީޘްއެކެވެ. މިއީ އޭގެ ޞައްޙަކަމާމެދު އެއްވެސް ޢިލްމުވެރިއަކު ސުވާލު ނުކުރައްވާފަދަ އަދި އެއްވެސް މީހަކަށް ޝައްކު ނުކުރެވޭ ފަދަ ޞައްޙަކަން ބޮޑު ޙަދީޘެކެވެ.

الإمام ابن حجر العسقلانى (رحمه اللهُ) އޭނަގެ މަޝްހޫރު ފޮތް فـَتــْــحُ البَارِى ގައި ވިދާޅުވެއެވެ.”عبدالرحمن بن مهدى އާއި الشافعى އާއި أحمد بن حنبل އާއި على بن المَدِينِى އާއި أبوداؤد އާއި الترمذى އާއި الدارقـُطنى އަދި حمزة الكِنـَانِى އާ މިހުރިހާ ބޭފުޅުން إتفاق ވެވަޑައިގަންނަވާގޮތުގައި މިޙަދީޘަކީ އިސްލާމްދީނުގެ ތިންބައިކުޅަ އެއްބައެވެ. އަދި ޢިލްމު ވެރިންގެ ތެރެއިން ބައެއް ބޭބޭފުޅުން ވިދާޅުވާ ގޮތުގައި މި ޙަދީޘަކީ ދީނު ގެ ހަތަރު ބައި ކުޅަ އެއް ބައެވެ. (رحمهم اللهُ). އަދި عبدالرحمن بن مهدى ވިދާޅުވާގޮތުގައި ޢިލްމުގެ ތިރީސް باب އަށް މިޙަދީޘް ވަދެއެވެ. އަދި الشافعى ވިދާޅުވާގޮތުގައި ޢިލްމުގެ ހަތްދިހަ باب އަށް މިޙަދީޘް ވަދެއެވެ.“

((ނޯޓް 1: މި الإمام عبدالرحمن بن مهدى އަކީ الإمام أحمد بن حنبل ގެ އެކުވެރިއެކެވެ؛ އަދި އުސްތާޛެއްމެއެވެ. الإمام أحمد ގެ މުސްނަދު ގައި އެތައް ޙަދީޘެއް عبدالرحمن بن مهدى ގެ ކިބައިން ރިވާ ކުރައްވާފައި ވެއެވެ. އަދި عبدالرحمن بن مهدى އަކީ الإمام الشافعى ގެ ވެސް އެކުވެރިއެކެވެ. أصول الفقه ގެ ޢިލްމުގައި ފުރަތަމަ ތައުލީފު ކުރެވުނު ފޮތް ކަމަށް ވާ الرّسالة އަކީ عبدالرحمن بن مهدى ގެ އެދިވަޑައިގަތުމަށް الإمام الشافعى ލިޔުއްވާފައިވާ ފޮތެކެވެ. އެފޮތަށް މި ނަން (الرسالة) ދެވުނީ ވެސް އެއީ ފިޤްހު ޢިލްމުގެ އުޞޫލީ މައިގަނޑު ބައިތައް ޖަމާ ކުރައްވާ ލިޔުއްވުމަށް ފަހު عبدالرحمن بن مهدى އަށް الشافعى ފޮނުއްވި ޢިލްމީ ފަތްކޮޅެއް ކަމަށް އެ ފޮތް ވުމުންނެވެ. الرّسالة ގެ އެއް މާނައަކީ ފަތްކޮޅެވެ؛ ނުވަތަ ސިޓީ އެވެ. عبدالرحمن بن مهدى އަކީ (ޢިރާޤު ގެ) ބަޞަރާ ގެ އާދައިގެ ޢާއިލާ އަކަށް ނިސްބަތް ވާ އަމިއްލަ މަސައްކަތުން ޢިލްމީ ހަރުފަތްތަކުން މައްޗަށް އަރާވަޑައިގެންނެވި މަތިވެރި ޢިލްމުވެރިއެކެވެ. ހިޖްރައިން 135 (ސަތޭކަ ތިރީސް ފަހެއް) ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މި އިމާމު ދުނިޔެ ދޫ ކުރެއްވީ ހިޖްރައިން 198 (ސަތޭކަ ނުވަދިހަ އަށެއް) ވަނަ އަހަރު ގައެވެ. رحمه اللهُ تعالى رحمةً واسعة.))


((ނޯޓް 2: މަތީގައި ނަން ގެނެވިފައިވާ على بن المدينى އަކީ الإمام علي بن عبد الله بن جعفر بن نجيح بن بكر بن سعد السعدي އެވެ. ހިޖްރައިން 161 (ސަތޭކަ ފަސްދޮޅަސް އެކެއް) ވަނަ އަހަރު ޢިރާޤު ގެ ބަޞަރާ ގައި އުފަންވެ ވަޑައިގެންނެވި ނަމަވެސް ޢާއިލީ އަޞްލު المدينة المنوّرة އަށް ނިސްބަތް ވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ޢިލްމުވެރި ޢާއިލާއަކުން ވަޑައިގެން ހުންނެވި މަތިވެރި ޢިލްމުވެރިއެކެވެ. الإمام على بن المدينى ގެ ބައްޕަ عبد الله بن جعفر އާއި އަދި ކާފަ جعفر بن نجيح އާއި އަދި މާފަ (އިބްނުލްމަދީނީ ގެ މަންމަ ގެ ބައްޕަ جـُـمـْـهان) އަކީ ވެސް ޙަދީޘް ޢިލްމުގެ އަހުލުވެރީންނެވެ. ޙަދީޘް ޢިލްމުގެ އެންމެ މަތީ ދަރަޖަ އަށް ވާޞިލު ވެވޭ އެ ޢިލްމުގެ އުސްތާޛުންނަށް ދެވޭ أمير المؤمنين فى الحديث (ޙަދީޘް ޢިލްމުގައި މުއުމިނުންގެ އަމީރު) ގެ ލަޤަބު ލިބިވަޑައިގެންނެވި މި ޢިލްމު ވެރިޔާ އިބްނުލްމަދީނީ އަކީ الإمام البخارى އާއި الإمام أبو داؤد ފަދަ ބޮޑަތި އިމާމުންގެ އުސްތާޛެކެވެ. الإمام الترمذى އާއި الإمام النسائى އާއި އަދި الإمام ابن ماجه ގެ އުސްތާޛުންގެ އުސްތާޛެކެވެ. އަވަހާރަވީ ހިޖްރައިން 234 (ދުއިސައްތަ ތިރީސް ހަތަރެއް) ވަނަ އަހަރު ގެ ޛުލްޤަޢިދާ މަހުގައެވެ. رحمه اللهُ تعالى رحمةً واسعة.))


((ނޯޓް 3: މަތީ ގައި ނަން ގެނެވިފައިވާ حمزة الكنانى އަކީ ހިޖްރައިން 275 (ދުއިސައްތަ ހަތްދިހަ ފަހެއް) ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ގެ ޒަމާނުގައި މިޞްރު ގެ އެންމެ މަތީ ޙަދީޘް ޢިލްމުވެރީންގެ އެންމެ މަތީ ފަންތީ ގައި ގުނާ ލެވޭ މި ޢިލްމު ވެރިޔާ އަކީ الإمام أبو عبد الرحمن أحمد بن شعيب النسائى (سنن النسائى ގެ މުއައްލިފު) ގެ ދަރިވަރުން ގެ ތެރެއިން އަރާ ހުންނެވި އެއް ދަރިވަރެވެ. އަދި އަބޫ ޔަޢްލާ ގެ ކުންޔާ އިން މަޝްހޫރު ޢިލްމުވެރިޔާ الإمام الحافظ أحمد بن علي بن المثنى التميمي الموصلي (مُسـْـنــَد أبى يَعــْـلى ގެ މުއައްލިފު) އާއި الإمام أبو خليفة الجمحى ފަދަ ބޮޑެތި އެތައް ޢިލްމުވެރީންގެ ވެސް ދަރިވަރެކެވެ. އަދި الإمام الدارقطنى (سُنـَن الدارقطنى ގެ މުއައްލިފު) އާއި ابنُ مَنـْده ގެ ނަމުން އިން މަޝްހޫރު ވެފައިވާ އިމާމު الإمام أبو القاسم عبد الرحمن بن محمد بن إسحاق الأصبهانى ފަދަ ޢިލްމުވެރި އިމާމުން ވަނީ الإمام حمزة الكنانى ގެ އަރިހުން ދަރިވަރުވެ ވަޑައިގެންފައެވެ. الإمام حمزة الكنانى އަކީ ޙަދީޘް ޢިލްމުގައި އަރާ ހުންނެވި ޢިލްމުވެރިޔަކަށް ވުމުގެ އިތުރަށް އަޅުކަމުގައި މަޝްޣޫލުވެ ވަޑައިގެން އުޅުއްވި ޒާހިދު ބޭފުޅެކެވެ. ދުނިޔެ ދޫކުރެއްވީ ހިޖްރައިން 357 (ތިންސަތޭކަ ފަންސާސް ހަތެއް) ވަނަ އަހަރު ޛުލްޙިއްޖާ މަހުގައެވެ. رحمه اللهُ تعالى رحمةً واسعة.))

އިމާމު ބުޚާރީ އާއި އިމާމު މުސްލިމް ގެ ދެ ޞަޙީޙު އަށް ފަހު ދެން އެކުލަވާލެވިފައިވާ އެންމެ މަޝްހޫރު އަދި އެންމެ މުހިއްމު އެއް ޙަދީޘް ފޮތް ކަމުގައިވާ سـُنـَـنُ أبى داؤد ގެ މުޞައްނިފު الإمام أبو داؤد السَّـجَسْـتَانِى (رَحِمَهُ اللهُ) ދެކެވަޑައިގަންނަވާ ގޮތުގައި އިންސާނަކަށް އޭނާގެ ދީނަށްޓަކައި ކޮންމެހެން ބޭނުންޖެހި ޙާޖަތްތެރިވާނޭ ހަތަރު ޙަދީޘްގެ ތެރެއިން އެއް ޙަދީޘަކީ މިއީއެވެ. أبو داؤد ވިދާޅުވެއެވެ: "މާތް ރަސޫލު ﷲ صلى الله و سلم ގެ ފަސްލައްކަ ޙަދީޘް ތިމަންކަލޭގެފާނު (ދަސް ކުރައްވާ ދިރާސާ ކުރެއްވުމަށްޓަކައި) ލިޔުއްވީމުއެވެ. ދެން އެ ފަސްލައްކަ ޙަދީޘް ގެ ތެރެއިން މިފޮތުގައި (އެބަހީ: سـُـنـَـنُ أبـِى دَاؤُد ގައި) ހިމެނޭ ހަތަރުހާސް އަށްސަތޭކަ ޙަދީޘް ހޮއްވަވާ އިޚްތިޔާރު ކުރެއްވީމެވެ. އިންސާނަކަށް (އޭނާގެ ދީނުގައި ސީދާވެ ސާބިތު ވުމަށްޓަކައި) މި ހުރިހާ ޙަދީޘެއްގެ ތެރެއިން (ވަކި ޚާއްޞަ) ހަތަރު ޙަދީޘެއް ފުދެއެވެ. އެއީ: إنّما الأعمال بالنيات ... (ޢަމަލުތައް ބިނާވެގެން ވާކަން ކަށަވަރީ ނިޔަތްތަކުގެ މައްޗަށެވެ؛ ...) މި ޙަދީޘާއި، مِنْ حُسن إسلام المَرْء تركُه ما لا يعنيه ((ތިމާ އާ ބެހުމެއް ނެތް އަދި ގުޅުމެއް ނުވާ ކަންތައްތަކާ ނުބެހި ދޫކޮށްލުމަކީ އިންސާނާ ގެ އިސްލާމްކަން (އެބަހީ: ކީރިތި މާތް ﷲ އަށް ކިޔަމަންތެރިވެ ބޯލެބުން) ފުރިހަމަ ވެ ރިވެތި ވުމުގެ ތެރެއިން ވާ ބައެކެވެ.)) މި ޙަދީޘާއި، لا يكون المؤمن مؤمنا حتى يرضى لأخيه ما يرضاه لنفسه ((ތިމާގެ (މުސްލިމް) އަޚާއަށްޓަކައި ރުހޭ ކަންތައްތައް (އަދި ގޮތްތައް) އެއީ ހަމަ ތިމާގެ އަމިއްލަ ނަފްސަށްޓަކައި ވެސް ރުހޭ ކަންތައްތައް (އަދި ގޮތްތައް) ކަމުގައި ވެއްޖައުމަށް ދާންދެން (އެއްވެސް) މުއުމިނަކު (ފުރިހަމަ) މުއުމިނަކަށް ނުވާ ހުއްޓެވެ.)) މި ޙަދީޘާއި އަދި الحَلال بَيّن والحَرَام بَيّن ... ((ޙަލާލު ކަންތައްތަކާއި ތަކެތި ވަނީ ހާމަވެ ފާޅުވެގެންނެވެ. އަދި ޙަރާމް ކަންތައްތަކާއި ތަކެތި ވަނީ ޙާމަ ކުރެވި ފާޅުވެގެންނެވެ. ...)) މި ޙަދީޘެވެ." ހަމަ މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޙަދީޘް ޢިލްމުގައި އަރާހުންނެވި އެއް އިމާމު ކަމުގައިވާ الإمام إسحاق بن راهويه (رحمهُ اللهُ) ވިދާޅުވެއެވެ: "އިސްލާމް ދީނުގެ މައިގަނޑު އަޞްލުތައް ވަނީ މާތް ރަސޫލު ﷲ صلى الله و سلم ގެ ހަތަރު ޙަދީޘެއް ގައި ޖަމާ ކުރެވިފައެވެ. އެއީ عمر بن الخطـّاب (رضي الله عنه) ރިވާ ކުރައްވާފައިވާ إنّما الأعمال بالنيات ... (ޢަމަލުތައް ބިނާވެގެން ވާކަން ކަށަވަރީ ނިޔަތްތަކުގެ މައްޗަށެވެ. ...) މި ޙަދީޘާއި، النعمان بن بشير رضي الله عنه ރިވާ ކުރައްވާފައިވާ الحلال بين والحرام بين وبينهما أمور مشتبهات ... ((ޙަލާލު ކަންތައްތަކާއި ތަކެތި ވަނީ ހާމަވެ ފާޅުވެގެންނެވެ. އަދި ޙަރާމް ކަންތައްތަކާއި ތަކެތި ވަނީ ޙާމަ ކުރެވި ފާޅުވެގެންނެވެ. މި ދެމެދުގައި (ޙަލާލް ކަންތައްތަކާއި ޙަރާމް ކަންތައްތަކާ ދެމެދު ގައި މިއިން ކޮންމެ ކޮޅަކަށް ވެސް ޖެހިދާނޭ ކަމަށް) ޝައްކު ކުރެވޭ ކަންތައްތަކެއް ވެއެވެ. ...)) މި ޙަދީޘާއި، عبدالله بن مسعود رضي الله عنه ރިވާ ކުރައްވާފައިވާ إن أحدكم يُجمع خلقه في بطن أمه أربعين يوما نطفة ... ((ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހެއްގެ ވެސް އުފެއްދެވުން އޭނާގެ މަންމަގެ ބަނޑުގައި (ފުރަތަމަ) ސާޅީސް ދުވަސް ވަނދެން އެކުލަވާލެވިގެން ދަނީ ނުޠުފާއެއް ގެ ގޮތުގައެވެ. ...)) މިޙަދީޘާއި، عائشة (رضي الله عنها) ރިވާ ކުރައްވާފައިވާ مَنْ أحدَثَ في أمرنا هذا ما ليس منه فهو ردّ ((އަހރެމެންގެ މި ކަންތައްތަކާ ގުޅިގެން (އެބަހީ: ދީނުގެ ޝަރްޢީ ޙުކްމުތަކާ ގުޅިގެން) އެ އާ ނުބެހޭ އާ ގޮތެއް އުފައްދައިފި މީހާ ގެ އެ އާ އުފެއްދުން ވަނީ ރައްދު ކުރެވި އިންކާރު ކުރެވިގެންނެވެ.)) މި ޙަދީޘެވެ. إسحاق بن راهويه ގެ އެކުވެރިޔާ އަދި أبو داؤد ގެ އުސްތާޛު الإمام أحمد بن حنبل (رحمه الله) ވިދާޅުވަނީ އިސްލާމް ދީނުގެ މައިގަނޑު އަޞްލުތައް ތިން ޙަދީޘެއް ގައި ވަނީ ޖަމާ ކުރެވި ބަޔާން ކުރެވިފައެވެ. އެއީ عمر (رضى الله عنه) ރިވާކުރައްވާފައިވާ إنما الأعمال بالنيات ... ((ޢަމަލުތައް ބިނާވެގެން ވާކަން ކަށަވަރީ ނިޔަތްތަކުގެ މައްޗަށެވެ. ...)) މި ޙަދީޘާއި عائشة (رضى الله عنها) ރިވާކުރައްވާފައިވާ من أحدث في أمرنا هذا ما ليس منه فهو ردّ ((އަހަރެމެންގެ މި ކަންތައްތަކާ ގުޅިގެން (އެބަހީ: ދީނުގެ ޝަރްޢީ ޙުކްމުތަކާ ގުޅިގެން) އަމިއްލައަށް އާ ގޮތެއް އުފައްދައިފި މީހާ ގެ އެ އާ އުފެއްދުން ވަނީ ރައްދު ކުރެވި އިންކާރު ކުރެވިގެންނެވެ.)) މި ޙަދީޘާއި النعمان بن بشير (رضى الله عنهما) ރިވާކުރައްވާފައިވާ الحلال بيّن والحرام بيّن ... ((ޙަލާލު ކަންތައްތަކާއި ތަކެތި ވަނީ ހާމަވެ ފާޅުވެގެންނެވެ. އަދި ޙަރާމް ކަންތައްތަކާއި ތަކެތި ވަނީ ހާމަ ކުރެވި ފާޅުވެގެންނެވެ. ...)) މި ޙަދީޘެވެ.

މި މަތިވެރި ނަބަވީ ޙަދީޘްފުޅު إنّما الأعمال بالنيات ... އިން އަޅުގަޑުމެންނަށް އެގިގެން ދާ ފަދައިން، ހެޔޮ ޢަމަލު ކުރާ އިރު އިޚްލާޞް ތެރި ނިޔަތެއް ނެތް ނަމަ އެ ހެޔޮ ޢަމަލު ކުރި މީހާ އަށް ލިބޭނޭ އެއްވެސް ފައިދާއެއް ނެތެވެ. އެހެނީ މުސްލިމުންނަށް ކީރިތި މާތް ﷲ އަންގަވާ އަމުރު ކުރައްވަނީ އިޚްލާޞް ތެރިވެ ތިބެ ހެޔޮ ނިޔަތުގައި صالح ޢަމަލުތައް ކުރުމަށެވެ. އެކަލާނގެ ވަޙީ ކުރައްވައެވެ:
﴿وَ مَا أُمِرُوا إِلاّ لِيَعبدوا اللهَ مُخلصين له الدّينَ حُنفاء ويُقيموا الصلاة ويُؤتوا الزكاة وذلك دين القَيِّمَة﴾ (سورة البيّنة: 5)
މި ކީރިތި އާޔަތުގެ މާނާގެ ތަރުޖަމާ އަކީީ: ”ބާޠިލު ދީންތަކުން ދުރުހެލިވެ ޙައްޤު ދީނުގައި ސާބިތު ވެ ތިބެ، ﷲ އަށް އިޚްލާޞްތެރިވާ ހާލު އެކަލާނގެ އަށް އަޅުކަން ކުރުމަށާއި ނަމާދު ޤާއިމު ކުރުމަށާއި ޒަކާތް ދިނުމަށް މެނުވީ އެމީހުންނަށް އަމުރު ވެވިގެން ނުވެއެވެ؛ ސީދާ ތެދު މަގު ކަމުގައިވާ ޙައްޤު ދީނަކީ އެއީ އެވެ.“

حَدِيث އިން ނެގެވޭ ބައެއް ފައިދާ
1 - عمل ތައްވަނީ އެ عمل ތަކާއެކުވާ نية އަށް ތަބާވެގެންނެވެ.
2 - ކޮންމެ މީހަކަށްވެސް އޭނާގެ ޢަމަލުން ނުވަތަ ބަހުން ލިބޭހުށީ އޭނާ نية ގަތްކަމެކެވެ. އެއްގޮތަކަށްވެސް އިޢުލާނުކޮށް ފާޅުކުރި ކަންތަކެއްނޫނެވެ.
3 - نية އާނުލާ އެއްވެސް ކަމެއް (فعل އެއް ވިޔަސް ނުވަތަ قول އެއް ((ބަހެއް)) ވިޔަސް) އެއީ ޝަރްޢީ ގޮތުން ބަލައިގަނެވޭނޭ އަދި ޤަބޫލުކުރެވޭނޭ ކަމެއްނޫނެވެ. ވީމާ އެއްވެސްކަމެއް ކުރި މީހާއަށް އާޚިރުގައި ޖަޒާ ލިބޭނީ އޭނާ ނިޔަތު ގެ މައްޗަށް ބިނާ ކޮށެވެ.
4 - فقه ގެ ހުރިހާ باب ތަކަކަށް ، މިޙަދީޘްގައި އައިސްފައިވާ މިޙުކުމް ޝާމިލު ވެއެވެ.

ހެޔޮ ނިޔަތާ އެކު ކުރެވިއްޖެ ނަމަ ދުނިޔަވީ ކަންކަމުންނާއި ޢާދަތަކުން ވެސް ސަވާބު ލިބިދެއެވެ.
މި މާތް ޙަދީޘް ގެ އަލީ ގައި ވިސްނާ އިރު ހާމަވެ ފާޅުވާ ޙަޤީޤަތަކީ ނިޔަތުގެ މުހިއްމު ކަމެވެ. ހެޔޮ ނިޔަތާ ނުލައި ކުރެވޭ އެއްވެސް ހެޔޮ ޢަމަލަކުން އުޚްރަވީ ފައިދާއެއް އެއްވެސް މީހަކަށް ޙާޞިލު ނުވާނޭ ކަމެވެ. މީހަކުކުރާ ޢަމަލު އެއީ ކިތަންމެ ހެޔޮ ކަން ބޮޑު ޞާލިޙު ޢަމަލަކަށް ހިމެނުނު ކަމުގައި ވިޔަސް އުޚްރަވީ ދަރުމައާއި ޘަވާބު އެޢަމަލެއްކުރި މީހަކަށް ލިބޭހުށީ އޭނާ އެކަން ހެޔޮ ނިޔަތު ގައި އިޚްލާޞްތެރިކަމާއެކު ކުރިނަމައެވެ. އަދި ހަމަ މިއާ އެކު ހާމަ ވާ އަނެއް ޙަޤީޤަތަކީ (ސަވާބު ހޯދުމަށް ކުރެވޭ) އަޅުކަންތައް ކަމުގައި ނުވާ ދުނިޔަވީ ކަންކަން ވެސް އެއީ ދީނީ ގޮތުން ހުއްދަ ކަންކަމަށް ވެފައި ދެން ހެޔޮ ނިޔަތް އެ ކަންކަމާ ގުޅިގެން ދިޔުމުން އެއީ އަޅުކަންތައް ފަދައިން ސަވާބު ލިބިދޭ ހެޔޮ ޞާލިޙު ޢަމަލު ތަކެއް ކަމުގައި ހިމެނިގެން ދާކަމެވެ. އެހެން ޢިބާރަތަކުން ދަންނަވާ ނަމަ، އޭގެ ޒާތުގައި އަޅުކަމަކަށް ނުހިމެނޭ މުބާޙު (ހުއްދަ) ޢަމަލުތައް ވެސް އެޢަމަލާއެކުވާ ހެޔޮ ނިޔަތުގެ ސަބަބުން އެއީ އުޚްރަވީ ޘަވާބު ލިބޭ ޢަމަލެއްކަމުގައި ވެދެއެވެ. މިސާލަކަށް ކީރިތި މާތް ﷲ ގެ ޙަޟްރަތުން ޘަވާބު އެދިގެން ތިމާގެ އަނބި ދަރީންނަށް ކުރާ ޚަރަދަކީ ޞަދަޤާތުގެ ގޮތުގައި ކުރެވޭ ހޭދައަކުން ލިބޭ ފަދަ ޘަވާބު ލިބިދޭނޭ ޚަރަދެކެވެ. މިކަން ބަޔާން ކޮށްދެއްވަމުން މާތް رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައެވެ: ”إِذَا أنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَلَهُ صَدَقَةٌ“
މާނައީ: ”ކީރިތިﷲ ގެ ޙަޟްރަތުން ދަރުމައަށް އެދޭ ޙާލު ފިރިހެނަކު އޭނާގެ އަހުލުވެރީންގެ މައްޗަށް ޚަރަދެއްކޮށްފިނަމަ އޭނާ އެކުރި ޚަރަދަކީ އޭނާއަށް ޞަދަޤާތެއް ގެ ދަރުމަ ލިބިދޭނޭ އެއްޗެކެވެ.“ މިއީ أبو مسعود البدرى (رضى الله عنه) ގެ ކިބައިން الإمام البخارى (رحمه الله) އާއި الإمام مسلم (رحمه الله) ރިވާ ކުރައްވާފައި ވާ ޞައްޙަ ޙަދީޘެކެވެ. ހަމަ މި މޭރުމުން އެހެން ޙަދީޘްއެއް ގައި އައިސްފައިވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:
”إنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِى بِهَا وَجْهَ اللهِ إِلاَّ أُجِرْتَ عَلَيْهَا حَتَّى مَاتَجْعَلُ فِى فـَم امْرَأَتِكَ“
މާނައީ: ”ކީރިތި މާތް ﷲ ގެ ވަޖްހުފުޅު އެދިގެން ތިބާ ހޭދަކުރާ އެއްވެސް ހޭދައަކުން ތިބާއަށް ޘަވާބާއި ދަރުމަ ނުލިބި ހަމަކަށަވަރުންވެސް ނުދާހުއްޓެވެ. އެހެނީ ތިބާގެ އަނބިމީހާގެ އަނގަޔަށް ލަވައިދޭ ސުވަލުންވެސް ތިބާއަށް ދަރުމަ ލިބޭހުއްޓެވެ.“ މިއީ سعد بن أبى وقاص (رضى الله عنه) ގެ ކިބައިން الإمام البخارى (رحمه الله) އާއި الإمام مسلم (رحمه الله) ރިވާ ކުރައްވާފައި ވާ ޞައްޙަ ޙަދީޘެކެވެ. އަދި ވެސް ހަމަ މި ކަމަށް (އަޅުކަމަކަށް ނުހިމެނޭ ޢަމަލުތައްވެސް ހެޔޮ ނިޔަތާއެކު ކުރުމުން ކީރިތި ﷲ ގެ ރަޙްމަތްފުޅުން އެ ޢަމަލުތަކަށްޓަކައި ސަވާބު ލިބޭނޭ ކަމަށް ) ބާރު ލިބިދޭ އަދި ޙުއްޖަތް ޤާއިމު ކޮށް ދޭ މާތް ނަބަވީ އިރްޝާދެއް ގައި رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައެވެ:
”وَ فى بُضـْع أحدِكـُم صَدَ قـَة“ قالوا: يارسول الله أَيَأتِى أحدُنَا شهوته ويَكُونُ لَه فِيْها أجْرٌ؟ قال: ”أرأيتُم لَو وضَعَهَا فى حَرامٍ أَ كَانَ عليه وِزْرٌ ، فكذالِكَ إذا وَضعها فى الحلال كانَ له أجرٌ“
މާނައީ: ”އަދި ތިޔަބައިމީހުން ޙަލާލު އަނބީންނާއެކު ރޭކުރުމަކީ ވެސް (އެ ކަމުން ދަރުމަ ލިބޭނޭ) ޞަދަޤާތެކެވެ.“ އަޞްޙާބުބޭކަލުން ދެންނެވިއެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކު އޭނާގެ ޝަހުވަތްތެރިކަން ފުއްދުމުންވެސް އެކަމަށްޓަކައި އޭނައަށް ދަރުމައެއްް ލިބޭނެތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ”ތިޔަ ބޭފުޅުން ނިކަން ވިދާޅުވެ ބައްލަވާށެވެ! ޙަރާމްގޮތުގައި އޭނާ އެކަންކުރިނަމަ އޭނާއަށް ފާފައެއް ލިބޭނޭހެއްޔެވެ؟ ހަމައެފަދައިން (އެބަހީ: ޙަރާމް ގޮތުގައި އެކަން ކުރުމުން ފާފަ ލިބޭ ފަދައިން) ޙަލާލުގޮތުގައި އެކަން ކުރުމުން އޭނައަށް ދަރުމަ ލިބޭހުއްޓެވެ.“ މިއީ أبو ذَرّ (رضى الله عنه) ގެ ކިބައިން الإمام مسلم (رحمه الله) ރިވާ ކުރައްވާފައި ވާ ޞައްޙަ ޙަދީޘެއްގެ ބައެކެވެ.

މުއުމިނުން ސުވަރުގޭގައި އަދި ކާފިރުން ނަރަކާގައި ދާއިމަށް ދެމިތިބުމުގެ ސިއްރަކީ ނިޔަތެވެ.
ކާފަރުން ނަރަކާއިގައި ދާއިމަށް ދެމިތިބެންޖެހެނީ ކީއްވެހެއްޔެވެ؟ ބޭރު ފުށުން ފެންނަ ފެނުމަށް عَدلُ ނިޔާކުރަނީ އެމީހުން ކުފުރުވީ މުއްދަތާ އެއްވަރަށް ޢަޛާބު ލިބުމަށެވެ. އަދި މުއުމިނުން ސުވަރުގޭގެ ނިޢުމަތުގައި ދާއިމަށް ދެމިތިބެވޭނެގޮތް މެދުވެރި ކުރެއްވީ ކީއްވެހެއްޔެވެ؟ އެމީހުން އީމާންކަމާއެކު ކީރިތި މާތް ﷲ އަށް ކިޔަމަންތެރިކަމުގައި ދުނިޔޭގައި ހޭދަކުރީ ވަކި މުއްދަތެއްކަމަށްވާއިރު، މިމުއްދަތާ އެއްވަރުގެ ދަރުމަ ލިބިފައި ސުވަރުގޭގެ ތާއަބަދުގެ ނިޢުމަތް ނިމިގެން ނުދިޔައީ ކީއްވެހެއްޔެވެ؟ މި ދެސުވާލުގެ ޖަވާބުގައިވެސް ޢިލްމުވެރީން ވިދާޅުވަނީ މި ދެޙާލަތުގައިވެސް، ސުވަރުގޭގެ އަހުލުވެރީންނާއި ނަރަކާގެ އަހުލުވެރީން އެބަޔަކު ތިބި ތަނެއްގައި ދާއިމަށް ތިބެންޖެހުމުގެ ސިއްރަކީ އަދި ސަބަބަކީ އެމީހުންގެ ނިޔަތް ކަމުގައެވެ. އެއީ މުއުމިނުން އެމީހުންގެ ދުނިޔަވީ ޙަޔާތުގައި ތިބީ ކީރިތި މާތް ﷲ އަށް ކިޔަމަންތެރިކަން ދާއިމަށް އަދި އަބަދާއި އަބަދަށް އަދާ ކުރުމުގެ ޢަޒުމު ކަނޑައަޅައިގެން އެ ނިޔަތުގެ މަތީގައެވެ. ވީމާ އެމީހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ކީރިތި މާތް ﷲ ދެއްވީއެވެ. އަދި ކާފިރުން އެމީހުންގެ ދުނިޔަވީ ޙަޔާތުގައި ތިބީ ދާއިމަށް އަދި އަބަދާއި އަބަދަށް އުރެދުމާއި ކުފުރުގެ މަތީގައި ތިބުން ގަސްތުކޮށް އެ ނިޔަތުގެ މަތީގައެވެ. ވީމާ މިކާފިރުންނަށް ނަރަކާގެ ދާއިމީ އަޒާބު ޙައްޤުވެ އެ އަޒާބު ގައި ދާއިމަށް ތިބެންޖެހުނީއެވެ. އަޅުގަޑުމެންގެ މާތް ތެދުވެރި ނަބިއްޔާ محمّد رسول الله صلّى الله عليه و سلّم ޙަދީޘް ކުރައްވަނީ ”إنـَّـمَا يُبْعَثُ النـَّاسُ عَلـَى نِيَّاتِهِمْ“ މި ފަދައިންނެވެ. މާނައީ: ”މީސްތަކުން (އާޚިރަތް ދުވަހު، ޚަލްޤު ކުރެއްވުން އިޢާދަ ކުރެވިގެން ފުރާނަ އެޅުއްވިގެން ކަށްވަޅުންނެރެވި) ފޮނުއްވޭ ހުށީ އެމީހުންގެ ނިޔަތްތަކުގެ މައްޗަށެވެ.“ ((މިއީ الإمام ابن ماجه (رحمه الله) އެކަލޭގެފާނު ގެ ސުނަނު ގައި أبو هريرة (رضى الله عنه) ގެ ކިބައިން ރިވާ ކުރައްވާފައި ވާ ޙަދީޘެކެވެ. މި ޙަދީޘް ގެ އިސްނާދަކީ حَسَن ދަރަޖާގެ އިސްނާދެއް ކަމަށް الإمام المنذرى (رحمه الله) ވަނީ ކަނޑައަޅުއްވާފައެވެ. އަދި الشيخ ناصر الدين الألبانى ވަނީ މިއީ صحيح ދަރަޖާގެ ޙަދީޘެއް ކަމުގައި ކަނޑައަޅުއްވާފައެވެ.))

ކާފިރުން ކުރާ ހެޔޮލަފާ ޢަމަލަކުން ވެސް އާޚިރަތުގައި އެމީހުންނަށް އެއްވެސް ސަވާބެއް ނެތީ އިޚްލާޞްތެރި ނިޔަތެއް އެމީހުންގެ ނޯންނާނެތީއެވެ.
އިޚްލާޞްތެރި ހެޔޮ ނިޔަތަކީ ޚާލިޞް ތައުޙީދުގެ މޭވާއެކެވެ. ކާފިރުންނަކީ ޚާލިޞް ތައުޙިދަށް އިންކާރު ކުރާ ބަޔަކަށް ވާތީވެ އެމީހުންގެ އިޚްލާޞް ތެރި ހެޔޮ ނިޔަތެއް ނޯންނާނެއެވެ. އިޚްލާޞް ތެރި ހެޔޮ ނިޔަތެއް ނެތީތީވެ އެ މީހުންގެ ކުރާ އެއްވެސް ހެޔޮ ޢަމަލަކުން އެމީހުންނަށް ލިބޭނޭ އުޚްރަވީ ފައިދާއެއް، ދަރުމައެއް އަދި ސަވާބެއް ނެތެވެ. އެހެނީ އުޚްރަވީ ދިންނެވުމާއި ސުވަރުގޭގެ ނިޢްމަތާއި އަދި ދަރުމައާއި ސަވާބަކީ ކީރިތި މާތް ﷲ އަށް އީމާންވެ ބޯލަނަބައިގެން ތިބި މީހުންނަށް އެކަލާނގެ ދެއްވާ ދަރުމަ ކުރައްވާ އިލާހީ ރަޙްމަތުގެ ހަދިޔާއެވެ. ކީރިތި މާތް ﷲ އަށް އުރެދި، އިސްލާމް ދީނަށް އިންކާރު ކޮށްގެން ބާޠިލު މިއްލަތްތަކަށް ތަބާވެގެން އުޅޭ އެއްވެސް ކާފިރަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތެވެ. އޭނާ (އޭނާ ގެ ބާޠިލު މިއްލަތުގައި ދެމި ހުރެ) ކިތަންމެ ގިނަ ހެޔޮލަފާ ޢަމަލުތަކެއް ކުރިނަމަވެސް އެ ހުރިހާ ކަމަކީ ވެސް ކީރިތި މާތް ﷲ ގެ ޙަޟްރަތުގައި މަރްދޫދު (ޤަބޫލު ނުކުރެވި ރައްދު ކުރެވިގެންވާ)، ބާޠިލު ޢަމަލުތަކެކެވެ. ކީރިތި މާތް ﷲ ވަޙީ ކުރައްވާ އަންގަވައެވެ.
﴿وَ قــَدِمْـنـَا إلـَى مَا عَمِلـُوا مِنْ عَمَلٍ فـَجَعَلـْنـَاهُ هَبَاءً مـَّـنـْـثـُوْرًا﴾ (سورة الفرقان: 23). މާނައީ: ”އަދި ޢަމަލުތަކުގެ ތެރެއިން އެއުރެން (ކާފަރުން) ކުޅަ ކަންތައްތަކަށް ތިމަންކަލާނގެ ބައްލަވާ، އެ ޢަމަލުތައް ވަޔާ ބުރައިގެން ދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.“ އަދިވެސް އަންގަވައެވެ.
﴿مَثـَلُ الـّذين كـَفـَرُوا بـِرَبـّـِـهـِمْ أعـْمـَالـُهـُم كـَرَمَادٍ اشـْـتـَدّتْ بـِهِ الرِيْحُ فِي يَوْمٍ عَاصِفٍ لا يـَـقـْدِرُوْنَ مِمَّا كـَسَبُوا عَلـَى شَيْءٍ ذلك هُوَ الضَّلالُ البَعِيْدُ﴾ (سورة إبراهيم: 18).
މާނައީ: ”އެއުރެންގެ ވެރި ސާހިބު ވަންތަ ކަލާނގެ އަށް ކާފަރުވީ މީހުންގެ ޢަމަލުތަކުގެ މިސާލަކީ އަޅިތަކެއްގެ މިސާލެވެ. ވިއްސާރަ ގަދަ ދުވަހެއްގައި، އެއަށް ގަދަ ވައި ޖެހި، އެ އަޅި ތައް ބުރުއްސާލިއެވެ. އެއުރެން ހޯދައިގަތް އެއްވެސް ކަމެއްގެ މައްޗަށް އެއުރެންގެ އެއްވެސް ބާރެއް ނެތެވެ. ދުރުވެގެންވާ މަގުފުރެދުމަކީ ހަމަ އެއީއެވެ.“ އަދިވެސް އަންގަވައެވެ.
﴿وَ الـّذِيْنَ كـَفـَرُوا أعـْـمَالـُهُمْ كـَسـَرَابٍ بـِقـِـيـْـعـَةٍ يَحـْـسَـبُهُ الظمْآنُ مَاءً حـَـتـّى إذا جَاءَهُ لـَمْ يَجـِـدْهُ شـَيـْـئـًا﴾ (سورة النور: 39).
މާނައީ: ”ކާފަރު ވީ މީހުންގެ ޢަމަލުތައް ދަންނައެވެ! ފަހެ އެ މީހުންގެ ޢަމަލުތައް ވަނީ ތަނަވަސް ހުސް ބިމެއްގައި ވާ އަވާމެންދުރެއް ފަދައިންނެވެ. ފެން ބޮވައިގަނެގެން އަނގަހިއްކައިގަނެފައި ވާ މީހާ، އެ އަވާމެންދުރަކީ ފެން ކަމަށް ހީކުރެތެވެ. (އެކަމަކު) އޭނާ އޭގެ (އެ އަވާމެންދުރު ގެ) ކައިރިއަށް އަތުވެއްޖެ ހިނދު އޭނާއަށް އޭނާ ހީކުރި އެއްޗެއް (ފެނެއް) ނުލިބުނެވެ.“

ކާފަރުން ގެ ތެރެއިން މީހަކު މިސްކީނުންނަށާއި ފަޤީރުންނަށް އެހީތެރިވުން ފަދަ ހެޔޮ ޢަމަލުތައް ކިތަންމެ ގިނައިން ކުރިޔަސް އެ ކަމުން އެއްވެސް ސަވާބެއް އޭނާއަށް ނުލިބެނީ އެއްކައު ވަންތަ ޙައްޤު އިލާހަށް ޚާލިޞް ކުރެވިފައިވާ ހެޔޮ ނިޔަތެއް އޭނާގެ ހިތުގައި ނެތުމުންނެވެ. ކާފިރެއްގެ ހިތުގައި އިޚްލާޞް ތެރި ނިޔަތެއް އޮންނާނީ ކޮންފަދައަކުންތޯއެވެ؟ ޝިރްކާއި ކުފްރުން ފުރާލެވިފައިވާ ހިތަކަށް އިޚްލާޞްތެރި ކަމެއް ދުވަހަކުވެސް ނުވަންނާނެއެވެ. އެއްކައުވަންތަ ޙައްޤު އިލާހު ކަމުގައިވާ މަތިވެރި މާތް ﷲ ވޮޑިގެންވާ ކަމަށް އިންކާރު ކުރާ (އޭތިއިސްޓް) މުލްޙިދުންނާއި، އަދި އެކަލާނގެ އާ އެހެން ބާޠިލު އިލާހުތައް ބައިވެރި ކުރާ މުޝްރިކުން ގެ ހިތްތައް އީމާން ކަމުގެ ނޫރުން އަލިވެ އިސްލާމީ ހިދާޔަތުގެ ހިޔާވަހިކަމުގެ ޙިމާޔަތަށް އެމީހުން އައިސް رسول الله: محمّد صلى الله عليه وسلم އަށް ތަބާ ވެއްޖައުމަށް ދާންދެން އެއިން އެއްވެސް މީހެއްގެ އެއްވެސް ހެޔޮ ޢަމަލެއް ކީރިތި މާތް ﷲ ގެ ޙަޟްރަތުގައި ޤަބޫލު ނުކުރެވޭހުއްޓެވެ.

ފުރިހަމަ ނިޔަތެއް އޮތް ނަމަ ޢަމަލުގެ އުނިކަން ފޫބެދިގެން ދެއެވެ.
ހެޔޮ ޢަމަލެއް ކުރާ އިރު އެންމެ ހެޔޮ ގޮތުގައި، އެންމެ ރަގަޅަށް އެކަން ކުރުމުގެ ނިޔަތް އޮވެއްޖެ ނަމަ އެ ޢަމަލު ކުރާ މީހާ ގެ ޤަޞްދެއް ނެތި އެ ޢަމަލަށް މެދުވެރިވާ އުނިކަމެއްގެ ސަބަބުން ނުވަތަ އޭނާގެ ބާރު ނުފޯރާ ފަދަ ގޮތަކަށް އެ ޢަމަލަށް މެދުވެރިވާ ނުޤްޞާނެއްގެ ސަބަބުން އޭނާ އަށް މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ލިބެން އޮންނަ ދަރުމައަކަށް އެއްވެސް އުނި ކަމެއް ނާންނާނެއެވެ. ކީރިތި ރަސޫލު ﷲ صلى اللهُ عليه و سلم ގެ އަރިހުން ވާރިދު ވެފައިވާ ނަބަވީ އިރްޝާދުތަކުން މި ކަމަށް ދަލީލު ލިބެއެވެ. މި ފަދަ އެއް ދަލީލަކީ އަންނަނިވި ޞައްޙަ ޙަދީޘެވެ. މިއީ އިމާމު ބުޚާރީ އާއި އިމާމު މުސްލިމް (رحمهما اللهُ) އެ ދެ ބޭފުޅުންގެ ދެ ޞަޙީޙު ގައި ރިވާ ކުރައްވާފައިވާ ޙަދީޘެކެވެ. (ތިރީގައި މިވަނީ الإمام البيهقى (رَحِمَهُ اللهُ) އެކަލޭގެފާނުގެ السُّنَنُ الكُبرَى ގައި މި ޙަދީޘް ރިވާ ކުރައްވާފައިވާ لـَفـْـظُ އެވެ.)
عن أبي هريرة رضي الله عنه، قال: قال رسول الله صلى الله عليه وسلم: ”قال رَجُلٌ: لأتـَصَدَّقَنَّ الليلةََ بصدقة، فخَرَجَ بصدقته، فوَضَعَهَا في يَدِ زانية، فأصبَحَ الناسُ يتحدّثون: تـُصـُدِّقَ على زانية! فقال: اللهم لك الحمد، على زانية! لأتصدقن الليلة بصدقة، فخرج بصدقته، فوضعها في يد غنيّ، فأصبحوا يتحدثون: تصدق الليلة على غنيّ! قال: اللهم لك الحمد على غنيّ! لأتـَصَدَّقن الليلة بصدقة، فخرج بصدقته ، فوضعها في يد سارق، فأصبحوا يتحدّثون: تـُصـُدّق الليلة على سارق! فقال: اللهم لك الحمد، على زانية! وعلى غنيّ! وعلى سارق! فأتي فقيل له: أمّا صدقتك فقد قـُبـِلـَتْ، أما الزانية فلعلـّها أن تستعفّ بها عن زِنَاهَا، ولعلّ الغنيّ يَعتبر فيُنفق ممّا أعطاه الله، ولعلّ السارق يستعفّ بها عن سرقته. “
މި މާތް ނަބަވީ އިރްޝާދުގެ މާނާގެ ތަރްޖަމާ އަކީ: أبو هريرة (رضى اللهُ عنه) ވިދާޅުވިއެވެ. رَسُولُ اللهِ صَلـّى اللهُ عَليهِ وَ سَلـَّمَ ޙަދީޘް ކުރެއްވިއެވެ. ”(އިސްވެދިޔަ އުންމަތްތަކުން އުންމަތެއްގެ) މީހަކު މިރޭ ހަމަކަށަވަރުންވެސް އަހަރެން (ކީރިތި މާތް ﷲ ގެ ވަޖްހުފުޅަށްޓަކައި) ޞަދަޤާތެއް ކުރާނަމޭ ބުނެ އެ ޞަދަޤާތް ކުރާ ފައިސާ ހިފައިގެން ނުކުމެ ޒިނޭ ކުރާ އަންހެނެއްގެ އަތަށް ދީފިއެވެ. (އޭނާ އަށް މި އަންހެނާ އަކީ ޒިނޭ ކުރާ މީހެއް ކަމެއް ނޭގެއެވެ.) ދެން ޖެހިގެން އައި ދުވަހު ހެނދުނު (އެ ރަށުގެ) މީސްތަކުން އެ ކަމާ (އިންކާރުކޮށް ނުރުހުން ވެގެން އަދި ޙައިރާން ވެގެން) ވާހަކަ ދައްކަން ފަށައިފިއެވެ. އެ މީހުން ބުނެ އުޅުނެވެ. ރޭގައި ޒިނޭ ކުރާ އަންހެނަކަށް މީހަކު ޞަދަޤާތެއް ކޮށްފިއެވެ! މި އަޑު އިވުމުން އޭނާ ބުންޏެވެ. اللهمّ!، އިބަ އިލާހު އަށް ޙަމްދު ހުށްޓެވެ. (އެބަހީ: ކޮންމެ ޙާލެއްގައި ވެސް އިބަ އިލާހު އަށް މި އަޅާ ޙަމްދު ކުރަމެވެ.). (ދެން އޭނާގެ އަމިއްލަ ނަފްސާ މުޚާޠަބު ކޮށް ބުންޏެވެ.) (އަހަރެންނަށް މި ޞަދަޤާތް ކުރެވުނީ) ޒިނޭ ކުރާ އަންހެނަކަށްހެއްޔެވެ! މިރޭ ހަމަކަށަވަރުންވެސް އަހަރެން (ކީރިތި މާތް ﷲ ގެ ވަޖްހުފުޅަށްޓަކައި) ޞަދަޤާތެއް ކުރާހުށީމެވެ. ދެން އޭނާ ޞަދަޤާތް ކުރާ ފައިސާ ހިފައިގެން ނުކުމެ (ޞަދަޤާތަކަށް ޙާޖަތްތެރި ނުވާ އަދި ޞަދަޤާތް ޙައްޤުވެސް ނުވާ) މުއްސަންޖެއްގެ އަތަށް އެ ފައިސާ ދީފިއެވެ. (އޭނާ އަށް މި ޞަދަޤާތް ކުރެވެނީ މުއްސަނންޖަކަށް ކަމެއް އޭނާއަކަށް ނޭގެއެވެ.) ދެން ޖެހިގެން އައި ދުވަހު ހެނދުނު (އެ ރަށުގެ) މީސްތަކުން އެ ކަމާ (އިންކާރުކޮށް ނުރުހުން ވެގެން އަދި ޙައިރާން ވެގެން) ވާހަކަ ދައްކަން ފަށައިފިއެވެ. އެ މީހުން ބުނެ އުޅުނެވެ. ރޭގައި މުއްސަންޖަކަށް މީހަކު ޞަދަޤާތެއް ކޮށްފިއެވެ! މި އަޑު އިވުމުން އޭނާ ބުންޏެވެ. اللهمّ!، އިބަ އިލާހު އަށް ޙަމްދު ހުށްޓެވެ. (އެބަހީ: ކޮންމެ ޙާލެއްގައި ވެސް އިބަ އިލާހު އަށް މި އަޅާ ޙަމްދު ކުރަމެވެ.). (ދެން އޭނާގެ އަމިއްލަ ނަފްސާ މުޚާޠަބު ކޮށް ބުންޏެވެ.) (އަހަރެންނަށް މި ޞަދަޤާތް ކުރެވުނީ) މުއްސަންޖަކަށް ހެއްޔެވެ! މިރޭ ހަމަކަށަވަރުންވެސް އަހަރެން (ކީރިތި މާތް ﷲ ގެ ވަޖްހުފުޅަށްޓަކައި) ޞަދަޤާތެއް ކުރާހުށީމެވެ. ދެން އޭނާ ޞަދަޤާތް ކުރާ ފައިސާ ހިފައިގެން ނުކުމެ ވައްކަން ކުރާ މީހެއްގެ އަތަށް އެފައިސާ ދީފިއެވެ. ދެން ޖެހިގެން އައި ދުވަހު ހެނދުނު (އެ ރަށުގެ) މީސްތަކުން އެ ކަމާ (އިންކާރުކޮށް ނުރުހުން ވެގެން އަދި ޙައިރާން ވެގެން) ވާހަކަ ދައްކަން ފަށައިފިއެވެ. އެ މީހުން ބުނެ އުޅުނެވެ. ރޭގައި ވައްކަން ކުރާ ވަގަކަށް މީހަކު ޞަދަޤާތެއް ކޮށްފިއެވެ! މި އަޑު އިވުމުން އޭނާ ބުންޏެވެ. اللهمّ!، އިބަ އިލާހު އަށް ޙަމްދު ހުށްޓެވެ. (އެބަހީ: ކޮންމެ ޙާލެއްގައި ވެސް އިބަ އިލާހު އަށް މި އަޅާ ޙަމްދު ކުރަމެވެ.). (ދެން އޭނާގެ އަމިއްލަ ނަފްސާ މުޚާޠަބު ކޮށް ބުންޏެވެ.) (އަހަރެންނަށް މި ޞަދަޤާތް ކުރެވުނީ) ޒިނޭ ކުރާ އަންހެނަކަށާއި މުއްސަންޖަކަށާއި ވަގަކަށް ހެއްޔެވެ! ދެން އޭނާ ގެނެވި (ކީރިތި މާތް ﷲ ގެ އިޛްނަފުޅާ އެކު) އޭނާއަށް އެންގެވޭނެތެވެ. ތިބާ ގެ ޞަދަޤާތް ޤަބޫލު ކުރެވިއްޖެއެވެ. އެހެނީ (ތިބާ އެ މީހަކަށް ޞަދަޤާތް ދިން) ޒިނޭ ކުރާ އަންހެނާ ތިބާގެ ޞަދަޤާތުގެ ސަބަބުން ޒިނޭ ކުރުން ދޫކޮށް ޢިއްފަތްތެރިއަކަށް ވެގެން ހިގައިދާނެއެވެ. އަދި (އެމީހަކަށް ތިބާ ޞަދަޤާތް ކުރި) މުއްސަނދި މީހާ ތިބާގެ ޞަދަޤާތުން ޢިބްރަތް ލިބިގަނެގެން އޭނާ އަށް ކީރިތި މާތް ﷲ ދެއްވި މުއްސަނދި ކަމުން (ﷲ ގެ މަގުގައި) ހޭދަ ކުރަން ފަށާފާނެއެވެ. އަދި (ތިބާ އެމީހަކަށް ޞަދަޤާތް ދިން) ވައްކަން ކުރާ މީހާ ތިބާ ގެ ޞަދަޤާތުގެ ސަބަބުން ވައްކަން ކުުރުން ދޫކޮށް އަބުރުވެރި ވެދާނެއެވެ.“

މި މާތް ނަބަވީ ޙަދީޘްފުޅު ގައި ރަސޫލު ﷲ صَلـّى اللهُ عَليهِ وَ سَلـَّمَ މި އިޝާރަތް ކުރައްވަނީ އިސްވެދިޔަ އިހުގެ އުންމަތްތަކުގެ ތެރެއިން އުންމަތެއްގެ ހެޔޮލަފާ ދީލަތި މީހަކަށް ކުރިމަތިވީ ކަމަކުން މި އުންމަތުގެ މުއުމިނުންނަށް ނެގެވޭނޭ މަތިވެރި ދަރްސަށެވެ. އެ ދަރްސަކީއިޚްލާޞް ތެރި ހެޔޮ ނިޔަތުގެ މުހިންމުކަމާއި އަދި ޤަޞްދެއް ނެތި ހެޔޮ ޢަމަލަށް ކުރިމަތިވާ އުނިކަން ހެޔޮ ނިޔަތުގެ ސަބަބުން ފޫބެދިގެން ދާ ކަމެވެ. މި ޙަދީޘް ގައި އައިސްފައިވާ ވާހަކާގައި ވާ ގޮތުން މި ދީލަތި މީހާ އަށް ކޮންމެ ފަހަރަކު ވެސް މި ޞަދަޤާތް ކުރެވެނީ ޞަދަޤާތް ކުރަން އެންމެ އެދެވިގެން ވާ މީހަކަށް ނޫނެވެ. އެކަމަކު ކީރިތި މާތް ﷲ ގެ ރަޙްމަތްފުޅުން އޭނާ އަށް ރޯދި ވެފައިވާ އިޚްލާޞް ތެރި ހެޔޮ ނިޔަތުގެ ސަބަބުން އެނާގެ ޢަމަލު ގައި ވާ މި އުނިކަން ފޫބެދިގެން ދިޔައީއެވެ. މިކަމަށް ތާއީދު ކޮށް ބާރު ލިބިދޭ އަނެއް ދަލީލަކީ مَعْن بن يزيد (رضي الله عنهما) ގެ ކިބައިން الإمام البخارى (رَحِمَهُ اللهُ) އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާ ޞައްޙަ ޙަދީޘެވެ. (މި ޙަދީޘް މާތް ރަސޫލު ﷲ صَلـّى اللهُ عَليهِ وَ سَلـَّمَ އަރިހުން ރިވާ ކުރައްވާ ޞަޙާބީ ކަމަށްވާ أبو يزيد مَعـْنِ بن يزيد އާއި އެކަލޭގެފާނު ގެ ބައްޕަ يزيد بن الأخنس އާއި އަދި مـَـعــْــن ގެ ކާފަ الأخنس އާއި މި ތިން ބޭފުޅުންނަކީ ވެސް އަޞްޙާބު ބޭކަލުންނެވެ. رضى اللهُ تعالى عنهم).

عن مَعـْنِ بن يزيد قال‏:‏ كان أبي يزيد أخرج دنانير يتصدق بها فوضعها عند رجل في المسجد فجئت فأخذتـُها فأتيتـُه بها، فقال‏:‏ والله ما إيَّاك أردتُ، فخاصمتـُه إلى رسول الله صلى الله عليه وسلم فقال‏:‏ ‏ ”لكَ ما نويتَ يا يزيد، و لكَ ما أخذتَ يا مَعن“‏‏ ‏
މާނައީ: مَعـْن بن يزيد ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ބައްޕަ يزيد ޞަދަޤާތެއް ކުރެއްވުމަށްޓަކައި ދީނާރު ތަކެއް ގެންނަވާ މި دينار ތައް (ފަޤީރުންނަށް ބެހުމަށްޓަކައި) މިސްކިތުގައި އިން މީހެއްގެ ގާތުގައި ބަހައްޓަވައި އޭނާ އާ އެ (ދީނާރުތައް ބެހުން) ހަވާލު ކުރައްވައިފިއެވެ. ދެން ތިމަންކަލޭގެފާނު (އެ މީހާ ގެ ގާތަށް ގޮސް) އެ دينار ތައް ނަގައިގެން އެހިފައިގެން އައުމުން (މަޢްނު ގެ ބައްޕަ ޔަޒީދު) ވިދާޅުވިއެވެ. ކީރިތި ﷲ ގަންދީ ހުވާކޮށް ބުނަމެވެ. ތިޔަ دينار ތައް ދިނުމަށް އަހަރެން ޤަޞްދުކުރީ ކަލެއަކަށްނޫނެވެ. ދެން ތިމަންކަލޭގެފާނު މިކަމުގެ ޝަކުވާ ކީރިތި رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުގައި ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ: ”يزيد އެވެ! ތިބާ ނިޔަތް ގަތް ކަންތައް ތިބާއަށްވެއެވެ. އަދި مَعـْنِ އެވެ! ތިބާ ނެގި ދީނާރު އެއީ ތިބާއަށްވާ އެއްޗެކެވެ.“

މިޙަދީޘުން ދޭހަވާގޮތުގައި معن بن يزيد ގެ ބައްޕަ يزيد ބޭނުންފުޅުވިގޮތަށް އެ ދީނާރުތައް ނިކަމެތި ފަޤީރަކަށް ނުފޯރި ނަމަވެސް ޔަޒީދު (رضى الله عنه) އިޚްލާޞްތެރިކަމާ އެކު ބޭނުންފުޅު ވީ ޞަދަޤާތެއް ކުރެއްވުމަށް ކަމަށް ވީތީވެ ޞަދަޤާތުގެ ހެޔޮ ދަރުމަ އެއްވެސް އުނިވުމެއް މަދުވުމެއްނެތި يزيد އަށް ލިބޭނެއެވެ. މިއިން އެނގެނީ ނިޔަތް ފުރިހަމަވެއްޖެނަމަ عمل ފުރިހަމަނުވިކަމުގައިވިޔަސް ދަރުމައާއި ޘަވާބު ހަމަ ފުރިހަމައަށް ލިބޭނެކަމެވެ. ވީމާ މި މަތިވެރި ނަބަވީ އިރްޝާދުން ލިބޭ ދަރްސަކީ ހެޔޮ ޢަމަލެއް ކުރުމަށް ނިޔަތްގަނެ، އިޚްލާޞްތެރިކަމާއެކު އެކަން ކޮށްފިނަމަ އެކަންކުރި މީހާ ބޭނުންވި އެންމެ ފުރިހަމައަށް އެކަން ނުކުރެވުނަސް ޘަވާބު ލިބޭނޭ ކަމެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ކީރިތި މާތް ﷲ شـَرْعُ ކުރައްވާފައިވާ (އެބަހީ: އިސްލާމީ ޝަރީޢަތުގައި އެ ކަމެއް އެކަށައަޅުއްވާ ހިމަނުއްވާފައި ވާ) ހެޔޮކަމެއް ކުރުމުގެ ޤަޞްދުގައި އިޚްލާޞްތެރި ނިޔަތާއެކު އެކަން ކުރިއިރު އެންމެ އެކަށޭނަ އަދި އެންމެ އެދެވިގެންވާ ގޮތަށް އެކަން ނިމިގެން ނުދިޔަނަމަވެސް ، އެކަން ކުރި މީހާއަށް ކީރިތި މާތް ﷲ ޘަވާބު ދެއްވާނެތެވެ. އެއީ އޭނާގެ ހެޔޮ ނިޔަތަށްޓަކައެވެ.

ޢަމަލަށް ވުރެ މުހިންމީ ނިޔަތެވެ.
ޢަމަލު ގެ މުހިންމު ކަމަކީ އެއްވެސް ޝައްކަކަށް ނުވަތަ ޖަދަލަކަށް ހުޅުވާލެވިފައިވާ މައުޟޫޢެއް ނޫނެވެ. ޢަމަލާ ނުގުޅި އޮންނަ ނިޔަތް އެއީ ނިޔަތެއް ނޫނެވެ. ޙަޤީޤީ ނިޔަތެއް ނޫނެވެ. އެއީ ހިތަށް އަރުވާލެވިފައިވާ ދޮގުވެރި ވަހްމެކެވެ. އެކަމަކު ބައެއް ފަހަރަށް އިޚްލާޞް ތެރި ހެޔޮ ނިޔަތް އޮވެފައި އަދި ހެޔޮ ޢަމަލު ކުރުމުގެ ތެދުވެރި ޢަޒްމު ވެސް އޮވެފައި ކުރިމަތިވާ ކޮންމެވެސް ސަބަބަކަށްޓަކައި އެ ޢަމަލު ކުރުމަށް ނުކުޅެދޭ ގޮތް މެދުވެރި ވެއްޖެނަމަ މި ޙާލަތުގައި ޢަމަލަށް ވުރެ މުހިންމީ ނިޔަތެވެ. އެހެނީ ހެޔޮ ނިޔަތާ އެކު ހެޔޮ ޢަމަލު ކުރުމުގެ ތެދުވެރި ޢަޒްމު އޮވެފައި އެކަމަކު އެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެ ހެޔޮ ޢަމަލު ނުކުރެވުނަސް ކީރިތި ﷲ ގެ ރަޙްމަތްފުޅުން އެ ޢަމަލު ގެ ސަވާބު އުނިވުމެއް ނެތި ހެޔޮ ނިޔަތުގެ ވެރިޔާ އަށް ލިބޭނެތެވެ. މިކަމުގެ ދަލީލަކީ أبو الدرداء (رضى الله عنه) ގެ ކިބައިން الإمام النسائى (رحمه الله) އާއި الإمام ابن ماجه (رحمه الله) ރަގަޅު އިސްނާދަކުން ރިވާ ކުރައްވާފައިވާ މި ޞައްޙަ ޙަދީޘެވެ. ”مَنْ أتـَى إلى فِرَاشِهِ وَ هُوَ يَنـْوِي أنْ يَقـُوْمَ يُصَلـّـِي مِنَ الليلِ فـَغـَلـَبـَـتـْهُ عَيْنـَاهُ حَتـّـَى أصـْبـَحَ كـُتـِبَ لـَهُ مَا نـَوَى ، وَ كـَانَ نـَوْمـُهُ صـَدَقـَةً عـَلـَيْهِ مِنْ رَبـّـِهِ عَزّ وَ جَـلّ“
މި ޙަދީޘް ގެ މާނާ ގެ ތަރުޖަމާއަކީ: ”ދަމު ނަމާދު ކުރުމަށްޓަކައި ތެދުވުމަށް ނިޔަތް ގަނެގެން ތަންމަތީގައި އޮށޯންނަ މީހާ ގެ ނިދި އޭނާގެ މައްޗަށް ގަދަވެގަނެގެން ފަތިސްވެއްޖައުމަށް ދާންދެން ނުހޭލެވުނު ނަމަ އޭނާ އެ ނިޔަތްގަތް ކަންތަކުގެ (އެބަހީ ދަމުނަމާދު ކުރުމުގެ) ދަރުމަ އޭނާ އަށްޓަކައި ލިޔެވިގެން ދާ ހުއްޓެވެ. އަދި އޭނާގެ އެ ނިދުމަކީ އޭނާގެ ވެރި الله عزّ و جلّ ގެ ޙަޟްރަތުން އޭނާ އަށް ދެވޭ ޞަދަޤާތެކެވެ.“ (الترغيب و الترهيب ގެ މުއައްލިފު الإمام الحافظ زكىّ الدين عبد العظيم بن عبد القوىّ المنذرى (رحمهُ اللهُ) މި ޙަދީޘާ ބެހޭ ގޮތުން ވިދާޅު ވަނީ: (رواه النـّسائى و ابن ماجه بإسناد جيـّد) އައްނަސާއީ އާއި ابْنُ مَاجَه މި ޙަދީޘް ރިވާ ކުރައްވާފައި ވަނީ ރަގަޅު އިސްނާދަކުންނެވެ. އަދި މިއީ الشيخ ناصر الدين الألبانى އޭނާގެ ތައުލީފު ކުރައްވާފައިވާ ފޮތް صحيح الترغيب و الترهيب ގައި ޞައްޙަ ކަމަށް ކަނޑައަޅުއްވާފައިވާ ޙަދީޘެކެވެ.) މި މަތިވެރި ޙަދީޘުން ދަލީލު ލިބެނީ އިޚްލާޞްތެރިކަމާ އެކު ޞާލިޙު ޢަމަލެއް ކުރުމުގެ ހެޔޮ ނިޔަތާއި ތެދުވެރި ޢަޒްމު އޮވެފައި ތިމާގެ ބާރު ނުފޯރާ ސަބަބެއް ކުރިމަތި ވެގެން އެ ޢަމަލު ނުކުރެވުނު ނަމަވެސް އެ ޢަމަލުގެ ސަވާބުން އެ ހެޔޮ ނިޔަތުގެ ވެރިޔާ (އިރާދަ ކުރެއްވިއްޔާ) މަޙްރޫމް ވެގެން ނުދާނޭ ކަމެވެ. އެކަމަކު ހެޔޮ ނިޔަތެއް ނެތި އަދި މި ޢަމަލު ކުރުމުގެ ތެދުވެރި ޢަޒްމެއް ނެތި ހަމައެކަނި ހެޔޮ ދަރުމަ އާއި ސަވާބަށް ހިތްކިޔާލުމަށް ފަހު ކަންނެތް ވުމަކުން އެއްވެސް މޮޅެއް ލިބޭނޭ ކަމަކަށް މި ޙަދީޘަކުން އަދި މި ފަދަ އެއްވެސް ޙަދީޘަކުން ދަލީލެއް ނުލިބެއެވެ.

ޢަމަލު ކުރުމަށް ނުކުޅެދޭ ޙާލުގައި ހެޔޮ ނިޔަތް އޮތް ނަމަ އެ ހެޔޮ ޢަމަލު ގެ ސަވާބު އުނި ވުމެއް ނެތި ކީރިތި މާތް ﷲ ގެ ރަޙްމަތްފުޅުން ދެއްވާނެ ކަމުގެ އަނެއް ދަލީލަކީ سَـهْـلُ بن حُنـَيْف (رضى الله عنه) ގެ ކިބައިން الإمام مسلم (رحمه الله) ރިވާ ކުރައްވާފައިވާ މި ޞައްޙަ ޙަދީޘެވެ. ކީރިތި رسول الله صلى الله عليه و سلم ޙަދީޘް ކުރެއްވިއެވެ: ”مَنْ سَألَ اللهَ الشّـَهَادَةَ بـِصِدْقٍ بَلـَّغـَهُ اللهُ مَنَازِلَ الشـُّهَدَاءِ وَإنْ مَاتَ عَلـَى فِرَاشِهِ“ މާނައީ: ”ޝަހީދު ވުމުގެ ތައުފީޤު ދެއްވުން އެދި ތެދުވެރިކަމާ އެކު ކީރިތި ﷲ ގެ ޙަޟްރަތު ގައި ދަންނަވާ ދުޢާކޮށްފި މީހަކު ނަމަ އޭނާގެ އަމިއްލަ ތަންމަތީ ގައި އޮވެ މަރުވިކަމުގައި ވިޔަސް ކީރިތި ﷲ އޭނާ ޝަހީދުންގެ ދަރަޖަތަކަށް ފޯރު ކޮށް ދެވާ ހުއްޓެވެ.“

ޞާލިޙު ޢަމަލު ކުރުމުގެ ހެޔޮ އަދި ތެދުވެރި ނިޔަތާ އެކު އެ ޢަމަލު ކުރުމުގެ ޙަޤީޤީ ޢަޒްމާއި ޤަޞްދު އޮތްނަމަވެސް ބަލިކަށި ޞިއްޙަތެއްގެ ސަބަބުން ނުވަތަ އަތްމަތި ދަތި ފަޤީރު ކަމެއްގެ ސަބަބުން ނުވަތަ އެނޫންވެސް ޤަބޫލު ކުރެވޭ ފަދަ ޝަރްޢީ ޢުޒުރެއްގެ ސަބަބުން އެ ޞާލިޙު ޢަމަލު ނުކުރެވުނު މުސްލިމަކަށް އެ ޢަމަލުގެ ދަރުމަ އެއްވެސް އުނިކަމަކާ ނުލައި ކީރިތި މާތް ﷲ ގެ ޙަޟްރަތުން ލިބޭނޭ ކަމުގެ އަނެއް ދަލީލަކީ نَبِىّ اللهِ: مُحَمّدٌ صلّى اللهُ عليهِ و سلّم ގެ މި ޙަދީޘްފުޅެވެ. މިއީ ތަބޫކު ހަގުރާމައިން ރުޖޫޢަ ވެވަޑައިގަންނަވަމުން އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އަގުހުރި މަތިވެރި އިރްޝާދެކެވެ. ”لقد تركتم بالمدينة أقواماً، ما سِرتم مَسِيراً ولا أنفقتم من نفقة ولا قطعتم من واد إلا وهم معكم فيه“، قالوا: يا رسول الله كيف يكونون معنا وهم بالمدينة؟ فقال: ”حَبَسَهُم العُذرُ“ މާނައީ: ”ހަމަކަށަވަރުން ތިޔަބައިމީހުން ހިނގި ކޮންމެ ހިނގުމެއްގައި، އަދި ތިޔަބައިމީހުން ހޭދަ ކުރި ކޮންމެ ހޭދައެއްގައި، އަދި ތިޔަބައިމީހުން ކަޑައްތު ކުރި ކޮންމެ ވާދީ އެއް ގައި ތިޔަބައިމީހުންނާ އެކު ވާ ބަޔަކު މަދީނާ ގައި ތިޔަބައިމީހުން ވަނީ ދޫކޮށްފަައެވެ.“ އަޞްޙާބު ބޭކަލުން ދެންނެވިއެވެ. މަދީނާ ގައި އެ މީހުން ވާ އިރު އަޅުގަނޑުމެންނާ އެކު ވާނީ ކޮން ފަދަ އަކުން ތޯ އެވެ؟ އެހިނދު ރަސޫލު ﷲ صلّى الله عليه وسلّم ޙަދީޘް ކުރެއްވިއެވެ. ”އެމީހުން (މަދީނާ ގައި) ހައްޔަރު ކުރީ (އެމީހުންގެ) ޢުޒުރުވެރިކަމެވެ.“ މިއީ الإمام أبو داؤد އެކަލޭގެފާނުގެ سُنَنُ ގައި ރިވާ ކުރައްވާފައިވާ ޞައްޙަ ޙަދީޘެކެވެ. ހަމަ މި ޙަދީޘް ވަނީ ވަރަށް ކުޑަކުޑަ ލަފްޒީ ތަފާތަކާ އެކު ޙަދީޘް ޢިލްމުގައި ފޮތް ތައުލީފު ކުރެއްވި އިމާމުންގެ ދެ ޝައިޚުން ކަމުގައިވާ الإمام البخارى އާއި الإمام مسلم ވެސް އެ ދެ ބޭފުޅުންގެ ދެ ޞަޙީޙު ގައި ރިވާ ކުރައްވާފައެވެ.

ހެޔޮ ޢަމަލު ކުރުމަށް ހެޔޮ ނިޔަތް ގަންނަ މުސްލިމަކަށް ހެޔޮ ދަރުމަ ލިބޭ ފަދައިން ނުބައި ޢަމަލެއް ކުރުމުގެ ނުބައި ނިޔަތް ގަނެ އެކަމުގެ ޢަޒްމު ހިތުގައި ހަރުލައްވާ އަދި އެކަމަށް ޤަޞްދު ކޮށްގެން އެކަން ކުރުމަށް ތެދުވާ މީހާ އަށް ކުރިމަތިވާ ސަބަބެއް އެކަން ކުރިއަ ނުދިން ނަމަވެސް އެ ނުބައި ކަމުގެ އަޒާބު އޭނާ އަށް ލިބުމަކީ ވަރަށް ގާތް ކަމެކެވެ. އެ ފަދަ މީހަކަށް ރަޙްމާނު ވަންތަ ރަޙީމު ވަންތަ ކީރިތި މާތް ﷲ ގެ مَغـْـفِرَة އިން އެއްވެސް ނަޞީބެއް ނުލިބުނު ނަމަ އޭނާ ގެ ނުބައި ނިޔަތުގެ ސަބަބުން ޢަޛާބު ގެ އަނދަވަޅުތަކަށް އޭނާ ވެއްޓިގެން ދާނޭކަން ޔަޤީނެވެ. މި ކަމުގެ ދަލީލު އަންނަނިވި ނަބަވީ ޙަދީޘްފުޅުން ލިބެއެވެ. أبُوْ بَكـْـرَة نـُـفـَيْعُ بنُ الحَارِثِ الثــَّـقــَـفِى (رضى اللهُ عنه) ރިވާ ކުރައްވައެވެ.
سَمِعـْتُ رَسُوْلَ اللهِ صلّى الله عليه وسلم يَقـُولُ: ”إذا الـْـتـَـقــَى المُسْلِمَان بـِـسَـيْفـَيْهـِمَا فـَالقــَاتِلُ وَ المَـقــْـتـُوْلُ فِي النـَّارِ“ قـُلـْتُ: يَا رَسُوْلَ اللهِ، هَذا القـَاتِل، فـَمَا بَالُ المَقـْـتـُوْلِ؟ قـَالَ: ”إنـَّهُ كـَانَ حَرِيْصًا عَلـَى قـَـتــْلِ صَاحِبـِهِ“
މި ޙަދީޘް ގެ މާނާގެ ތަރުޖަމާ އަކީ: (أبو بكرة ވިދާޅުވިއެވެ.) رَسُوْلَ اللهِ صلّى الله عليه وسلم ޙަދީޘް ކުރައްވާތީވެ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. ”ދެ މުސްލިމަކު އެ ދެ މީހުންގެ ދެ ކަނޑި ހިފައިގެން (އެކަކު އަނެކަކު ޤަތުލު ކުރުމަށްޓަކައި) ބައްދަލު ކޮށްފި ނަމަ (އެ ދެ މީހުންގެ ތެރެއިން) ޤާތިލު (ޤަތުލު ކުރި މީހާ) އާއި މަޤްތޫލު (ޤަތުލު ކުރެވުނު މީހާ) އާއި ދެމީހުން ވެސް ވަނީ ނަރަކާގައެވެ.“ (أبو بكرة ވިދާޅު ވެއެވެ.) އެހިނދު رَسُوْلَ اللهِ صلّى الله عليه وسلم ގެ އަރިހުގައި ތިމަންކަލޭގެފާނު ދެންނެވީމެވެ. ޤާތިލު އަށް މިވީ ގޮތް (ނަރަކައަށް ވަންނާން ޖެހުނީ ކީއްވެގެން ކަން) އަޅުގަނޑުމެންނަށް ވިސްނެއެވެ. އެކަމަކު މަޤްތޫލު ނަރަކަ އަށް ވަންނާން ޖެހުނީ ކީއްވެގެންތޯއެވެ؟ رَسُوْلَ اللهِ صلّى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ”އެހެނީ އޭނާ (މަޤްތޫލު) ވީކަން ކަށަވަރީ އޭނާ އާ އެކުގައިވީ މީހާ (ޤާތިލު) މަރާލުމަށް ދަހިވެތިވެ އެކަމަށް އެދުންވެރިވެފައި ވާ މީހެއް ކަމުގައެވެ.“ މިއީ ޞައްޙަ ޙަދީޘެއް ކަމަށް ޙަދީޘް ޢިލްމު ވެރީން އިއްތިފާޤު ވެ ވަޑައިގަންނަވާ ޙަދީޘެކެވެ. ޙަދީޘް ރިވާ ކުރެއްވި ޢިލްމުވެރި އިމާމުން ގެ ތެރޭގައި البخارى އާއި مسلم އާއި أبو داؤد އާއި النسائى އާއި ابن ماجه ހިމެނިވަޑައިގަންނަވައެވެ. (رحمهم اللهُ).

އިސްވެ ދިޔަ މާތް ނަބަވީ ބަސްފުޅުގައި ބަޔާން ވެފައި ވާ ފަދައިން މަޤްތޫލު ނަރަކައަށް ވަންނަން ޖެހުނު ސަބަބަކީ އޭނާ (މަޤްތޫލު) ގެ ނުބައި ނިޔަތް ފިޔަވައި އެހެން އެއްޗެއް ނޫންކަން ކަށަވަރެވެ. ވީމާ ނުބައި ނިޔަތުގެ ވެރިޔާ އަށް އޭނާގެ ނުބައި ޢަމަލު ފުރިހަމަ ނުކުރެވުނަސް އޭނާ ކުރުމަށް ނިޔަތް ގަތް ނުބައި ޢަމަލު ގެ ނުބައި ޖަޒާ ލިބޭތަން އެބަ އާދެއެވެ. ހަމަ މިކަމަށް ދަލީލު ލިބިދޭ އެހެން ޙަދީޘްފުޅެއްގައި ވެއެވެ.
”إِنـَّمَا الدُّنْيَا لأَرْبَعَةِ نَفَرٍ: عَبْدٌ رَزَقَهُ اللهُ مَالاً وَعِلْمًا، فَهُوَ يَتَّقِي فِيهِ رَبَّهُ، وَيَصِلُ فِيهِ رَحِمَهُ، وَيَعْلَمُ ِللهِ فِيهِ حَقًّا، فَهَذَا بِأَفْضَلِ الْمَنَازِلِ، وَعَبْدٌ رَزَقَهُ اللهُ عِلْمًا وَلَمْ يَرْزُقْهُ مَالاً، فَهُوَ صَادِقُ النِّيَّةِ، يَقُولُ: لَوْ أَنَّ لِي مَالاً لَعَمِلْتُ بِعَمَلِ فُلاَنٍ، فَهُوَ بِنِيَّتِهِ، فَأَجْرُهُمَا سَوَاءٌ، وَعَبْدٌ رَزَقَهُ اللهُ مَالاً وَلَمْ يَرْزُقْهُ عِلْمًا، فَهُوَ يَخْبِطُ فِي مَالِهِ بِغَيْرِ عِلْمٍ، لاَ يَتَّقِي فِيهِ رَبَّهُ، وَلاَ يَصِلُ فِيهِ رَحِمَهُ، وَلاَ يَعْلَمُ ِللهِ فِيهِ حَقًّا، فَهَذَا بِأَخْبَثِ الْمَنَازِلِ، وَعَبْدٌ لَمْ يَرْزُقْهُ اللهُ مَالاً وَلاَ عِلْمًا، فَهُوَ يَقُولُ: لَوْ أَنَّ لِي مَالاً لَعَمِلْتُ فِيهِ بِعَمَلِ فُلاَنٍ، فَهُوَ بِنِيَّتِهِ، فَوِزْرُهُمَا سَوَاءٌ. “
މި މާތް ނަބަވީ ބަސްފުޅު ގެ މާނާގެ ތަރުޖަމާ އަކީ: ”ދުނިޔެ ވާކަން ކަށަވަރީ ހަތަރު މީހަކަށެވެ. (އެބަހީ: ދުނިޔޭގެ މީހުން ބެހެވޭ ކަން ކަށަވަރީ ހަތަރު ބަޔަކަށެވެ.) ފުރަތަމަ މީހަކީ އޭނާ އަށް މުދަލަކާއި ޢިލްމެއް ކީރިތި މާތް ﷲ ރޯދި ކުރެއްވި އެކަލާނގެ އަޅެކެވެ. އޭނާ އެ މުދަލާބެހޭ ގޮތުން އޭނާ ހައްދަވާ ބޮޑުކުރެއްވި ސާހިބުވަންތަ ކަލާނގެއަށް ބިރުވެތިވެއެވެ. އަދި އެ މުދަލުން އޭނާ އޭނާގެ ތިމާގެ ކަމުގެ ގުޅުން ވާޞީލު ކުރެއެވެ. އަދި އެ މުދަލުގައި ކީރިތި މާތް ﷲ ގެ ޙައްޤެއް ވާ ކަން ދަނެ އެ ޙައްޤު އޭނާ އަދާ ކުރެއެވެ. ފަހެ މި މީހާ ވަނީ އެންމެ ހެޔޮވެގެންވާ މަތިވެރި ދަރަޖާގައެވެ. ދެވަނަ މީހަކީ އޭނާއަށް ކީރިތި މާތް ﷲ ޢިލްމެއް ދެއްވާފައި މުދަލެއް އޭނާ އަށް ރޯދި ނުކުރައްވާ އެކަލާނގެ އަޅެކެވެ. އޭނާ ވަނީ ހެޔޮ ނިޔަތެއްގެ ވެރިއެއް ކަމުގައެވެ. ވީމާ އޭނާ ބުނެ އުޅެއެވެ. އަހަރެންނަށް މުދަލެއް ލިބިފައި ވީ ނަމަ އަހަރެން ކަންތައް ކުރީހީ މިވެނި މީހާ (ފުރަތަމައަށް ނަންގެނެވުނު ރަގަޅު މީހާ) ކަންތައް ކުރާ ފަދައިންނެވެ. ފަހެ މި މީހާ ވަނީ އޭނާ ގެ ނިޔަތުގެ މަތީގައެވެ. ފަހެ މި ދެ މީހުން ގެ ދަރުމަ ހަމަހަމ ވެގެން ވެއެވެ. ތިން ވަނަ މީހަކީ އޭނާ އަށް ކީރިތި މާތް ﷲ މުދަލެއް ރޯދި ކުރައްވާފައި ޢިލްމެއް އޭނާ އަށް ރޯދި ނުކުރައްވާ އަޅެކެވެ. އޭނާ ޢިލްމެއް ނެތި ހުރެ އޭނާގެ މުދާ އެގޮތް މިގޮތަށް ގޮތެއް ފޮތެއް ނުބަލާ ހޭދަ ކުރަމުން ނަގާލަމުން ގެންދެއެވެ. އެ މުދަލާބެހޭ ގޮތުން އޭނާ ހައްދަވާ ބޮޑުކުރެއްވި ސާހިބުވަންތަ ކަލާނގެއަށް އޭނާ ތަޤްވާ ވެރިއެއް ނުވެއެވެ. އަދި އެ މުދަލުން އޭނާ ތިމާގެ ކަމުގެ ގުޅުން ވާޞިލެއް ނުކުރެއެވެ. އަދި އެ މުދަލުގައި ކީރިތި މާތް ﷲ ގެ ޙައްޤެއް ވާ ކަން އޭނާ ނުދަނެއެވެ. ފަހެ މި މީހާ ވަނީ އެންމެ ނުބައި ވެގެން ވާ ދަށު ދަރަޖާގައެވެ. ހަތަރު ވަނަ މީހަކީ ކީރިތި މާތް ﷲ އޭނާ އަށް މުދަލެއް ވެސް އަދި ޢިލްމެއް ވެސް ރޯދި ނުކުރައްވާ އަޅެކެވެ. އޭނާ ބުނެ އުޅެއެވެ. އަހަރެންނަށް މުދަލެއް ލިބުނު ނަމަ އަހަރެން ކަންތައް ކުރީހީ މިވެނި މީހާ (ގޮތެއް ފޮތެއް ނުބަލާ އަދި ކީރިތި ﷲ އަށް ތަޤްވާ ވެރި ނުވެ މުދާ ނަގާލަމުން ދާ މީހާ) ކަންތައް ކުރާ ގޮތަށެވެ. ފަހެ މި މީހާ ވަނީ އޭނާ ގެ ނިޔަތުގެ މަތީގައެވެ. އަދި އެދެމީހުންގެ ފާފަ ވަނީ ހަމަހަމަ ވެގެންނެވެ.“ (މިއީ أبُو كـَبْـشـَـة الأنـْمـَارى (رضى اللهُ عنه) ގެ ކިބައިން الإمام أحمد އާއި الإمام الترمذى (رحمهما الله) ރިވާ ކުރައްވާފައި ވާ ޙަދީޘެއްގެ ބަޔެކެވެ. މި ޙަދީޘާ ބެހޭ ގޮތުން الإمام الترمذى ވިދާޅުވަނީ މިއީ حَسَنٌ صَحِيْحٌ ދަރަޖާ ގެ ޙަދީޘެއް ކަމަށެވެ. އަދި الشيخ ناصر الدين الألبانى ވިދާޅުވަނީ މިއީ صحيح ދަރަޖާގެ ޙަދީޘެއް ކަމަށެވެ.)

ހެޔޮ ނިޔަތެއް ނެތް ނަމަ ޞާލިޙު ޢަމަލަކުން ލިބޭނޭ ދަރުމައެއް ނެތެވެ.
އިޚްލާޞްތެރި ހެޔޮ ނިޔަތެއް ނެތް ނަަމަ ކިތަންމެ މަތިވެރި، އަދި ކިތަންމެ ބޮޑު ޞާލިޙު ޢަމަލަކުންވެސް ލިބޭނޭ އެއްވެސް އުޚްރަވީ ފައިދާ އެއް ނޯންނާނެއެވެ. އަދި ކީއްތޯއެވެ؟ އިޚްލާޞްތެރި ހެޔޮ ނިޔަތެއް ނެތި ކުރެވޭ ޞާލިޙު ޢަމަލު ބަދަލު ވެގެން ދާނީ އޭގެ ވެރިޔާއަށް އާޚިރަތުގައި ވޭންދެނިވި އަޒާބު ގެނެސްދޭ ސަބަބެއް ކަމުގައެވެ. އަދި ވޭންދެނިވި އަޒާބު ގެ އިތުރުން އެމީހަކަށް ކީރިތި މާތް ﷲ ގެ ކޯފާ ވެސް ޙައްޤު ވެގެން ދާނެއެވެ. މިކަން ބަޔާން ކޮށްދެއްވަމުން މާތް رسول الله صلّى الله عليه و سلم ޙަދީޘް ކުރައްވާފައި ވެއެވެ.
”إِنَّ أَوَّلَ النَّاسِ يُقضَى يَومَ القِيَامَةِ عَلَيهِ رَجُلٌ استشهِدَ ، فَأُتِيَ بِهِ ، فَعَرَّفَه نِعَمَه ، فَعَرَفَهَا ، قَالَ : فَمَا عَمِلتَ فِيهَا ؟ قَالَ : قَاتَلتُ فِيكَ حَتَّى استُشهِدتُ ، قَالَ : كَذَبتَ ، وَلكِنَّكَ قَاتَلتَ لأَن يُقَالَ جَرِيء ، فَقَد قِيلَ ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجهِهِ حَتَّى أُلقِيَ فِي النَّارِ ، وَرَجُلٌ تَعَلَّمَ العِلمَ وَعَلَّمَهُ وَقَرَأَ القُرآنَ ، فَأُتِيَ بِهِ ، فَعَرَّفَه نِعَمَه ، فَعَرَفَهَا ، قَالَ : فَمَا عَمِلتَ فِيهَا ؟ قَالَ : تَعَلّمتُ العِلمَ وَعَلَّمتُه وَقَرَأتُ فِيكَ القُرآنَ ، قَالَ : كَذَبتَ ، وَلكِنَّكَ تَعَلَّمتَ العِلمَ لِيُقَال عَالِمٌ ، وَقَرَأتَ القُرآنَ لِيُقَالَ هُوَ قَارِئٌ ، فَقَد قِيلَ ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجهِهِ حَتَّى أُلقِيَ فِي النَّارِ ، وَرَجُلٌ وَسَّعَ اللهُ عَلَيهِ ، وَأَعطَاهُ مِن أَصنَافِ المَالِ كُلِّهِ ، فَأُتِيَ بِهِ ، فَعَرَّفَه نِعَمَه ، فَعَرَفَهَا ، قَالَ : فَمَا عَمِلتَ فِيهَا ؟ قَالَ : مَا تَرَكتُ مِن سَبِيلٍ تُحِبُّ أَن يُنفَقَ فِيهَا إِلا أَنفَقتُ فِيهَا لَكَ . قَالَ : كَذَبتَ ، وَلَكِنَّكَ فَعَلتَ لِيُقَالَ هُوَ جَوَادٌ ، فَقَد قِيلَ ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجهِهِ ثُمَّ أُلقِيَ فِي النَّارِ“
”މި މާތް ތެދުވެރި ނަބަވީ ބަސްފުޅު ގެ މާނާގެ ތަރުޖަމާ އަކީ: ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ އެ ބަޔަކާ މެދު ނިޔާ ކަނޑައެޅި ފައިޞަލާ ކުރެވޭ މީހުންގެ ތެރެއިން އެކަކީ ޝަހީދު ވެފައިވާ ފިރިހެނެކެވެ. ފަހެ އޭނާ ގެނެވި އޭނާ އަށް ދެއްވިފައިވާ ނިޢްމަތްތައް އަންގަވާ އެ ނިޢްމަތްތައް މަތިން ހަނދުމަ ކޮށްދެއްވުމުން އޭނާ އަށް އެ ނިޢްމަތްތައް އެނގި އެ ނިޢްމަތްތަކުގެ މަތިން ހަނދުމަ ވާ ހުއްޓެވެ. އެ ހިނދު ކީރިތި މާތް ﷲ އޭނާ އާ ސުވާލު ކުރައްވާހުއްޓެވެ. އެ ނިޢްމަތްތަކާ ގުޅިގެން ތިބާ ކުރީ ކީއްކީއްހެއްޔެވެ؟ އޭނާ ދަންނަވާނެތެވެ. މި އަޅާ ޝަހީދު ވެއްޖައުމަށް ދާންދެން އިބަ އިލާހުގެ މަގުގައި ޖިހާދު ކޮށް ހަނގުރާމަ ކުރީމެވެ. ކީރިތި ﷲ ވަޙީ ކުރައްވާނެތެވެ. ތިބާ ތިޔަ ހެދީ ދޮގެވެ. ތިބާ ހަނގުރާމަ ކުރީ މީސްތަކުން ތިބާ އަކީ ކެރޭ ހިތްވަރުގަދަ މީހެކޭ ބުނޭތޯއެވެ. ފަހެ މީސްތަކުން އެހެން ބުނެފިއެވެ. ދެން އޭނާ އާ ބެހޭ ގޮތުން މަލާއިކަތްބޭކަލުންނަށް އަމުރު ކުރެއްވޭނެތެވެ. ދެން މޫނުވަތަށް ދަމަމުން އޭނާ ގެންދެވި ނަރަކަ އަށް އޭނާ އެއްލާލެވޭނެތެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ އެ ބަޔަކާ މެދު ނިޔާ ކަނޑައެޅި ފައިޞަލާ ކުރެވޭ މީހުންގެ ތެރެއިން އަނެކަކީ ޢިލްމު އުގެނި އެއަށްފަހު ޢިލްމު އެހެން މީހުންނަށް އުގަންނައި ދިން އަދި ޤުރްއާން ކިޔަވާ ދަސް ކުރި މީހެކެވެ. ފަހެ އޭނާ ގެނެވި އޭނާ އަށް ދެއްވިފައިވާ ނިޢްމަތްތައް އަންގަވާ އެ ނިޢްމަތްތައް މަތިން ހަނދުމަ ކޮށްދެއްވުމުން އޭނާ އަށް އެ ނިޢްމަތްތައް އެނގި އެ ނިޢްމަތްތަކުގެ މަތިން ހަނދުމަ ވާ ހުއްޓެވެ. އެ ހިނދު ކީރިތި މާތް ﷲ އޭނާ އާ ސުވާލު ކުރައްވާހުއްޓެވެ. އެ ނިޢްމަތްތަކާ ގުޅިގެން ތިބާ ކުރީ ކީއްކީއްހެއްޔެވެ؟ އޭނާ ދަންނަވާނެތެވެ. (އިބަ އިލާހުގެ ވަޖްހުފުޅަށްޓަކައި) ޢިލްމު އުގެނި އެއަށްފަހު ޢިލްމު އެހެން މީހުންނަށް އުގަންނައި ދިނީމެވެ. އަދި އިބަ އިލާހުގެ ވަޖްހުފުޅަށްޓަކައި ޤުރްއާން ކިޔަވާ އުޅުނީމެވެ. ކީރިތި ﷲ ވަޙީ ކުރައްވާނެތެވެ. ތިބާ ތިޔަ ހެދީ ދޮގެވެ. އެކަމަކު ތިބާ ޢިލްމު އުގެނުނީ ތިބާ އަކީ ޢިލްމުވެރި ޢާލިމެކޭ މީސްތަކުން ބުނޭތޯއެވެ. އަދި ޤުރްއާން ކިޔަވާ އުޅުނީ ތިބާ އަކީ ޤުރްއާން ކިޔެވުންތެރި ޤާރީ އެކޭ މީސްތަކުން ބުނޭތޯއެވެ. ފަހެ މީސްތަކުން އެހެން ބުނެފިއެވެ. ދެން އޭނާ އާ ބެހޭ ގޮތުން މަލާއިކަތްބޭކަލުންނަށް އަމުރު ކުރެއްވޭނެތެވެ. ދެން މޫނުވަތަށް ދަމަމުން އޭނާ ގެންދެވި ނަރަކަ އަށް އޭނާ އެއްލާލެވޭނެތެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ އެ ބަޔަކާ މެދު ނިޔާ ކަނޑައެޅި ފައިޞަލާ ކުރެވޭ މީހުންގެ ތެރެއިން އަނެއް މީހަކީ ކީރިތި ﷲ އޭނާ އަށް ތަނަވަސްކަން ދެއްވާ މުދަލުގެ ތަފާތު ހުރިހާ ބާވަތްތަކުން ރޯދި ކުރައްވާފައިވާ މީހެކެވެ. ފަހެ އޭނާ ގެނެވި އޭނާ އަށް ދެއްވިފައިވާ ނިޢްމަތްތައް އަންގަވާ އެ ނިޢްމަތްތައް މަތިން ހަނދުމަ ކޮށްދެއްވުމުން އޭނާ އަށް އެ ނިޢްމަތްތައް އެނގި އެ ނިޢްމަތްތަކުގެ މަތިން ހަނދުމަ ވާ ހުއްޓެވެ. އެ ހިނދު ކީރިތި މާތް ﷲ އޭނާ އާ ސުވާލު ކުރައްވާހުއްޓެވެ. އެ ނިޢްމަތްތަކާ ގުޅިގެން ތިބާ ކުރީ ކީއްކީއްހެއްޔެވެ؟ އޭނާ ދަންނަވާނެތެވެ. އިބަ އިލާހުގެ މަގުގައި ހޭދަ ކުރުމަށް އިބަ އިލާހު ލޯބިވެވޮޑިގަންނަވާ އެއްވެސް މަގެއްގައި ހޭދަ ނުކޮށް މި އަޅާ ދޫކޮށްލާފަކާ ނޯންނާނެއެވެ. ކީރިތި ﷲ ވަޙީ ކުރައްވާނެތެވެ. ތިބާ ތިޔަ ހެދީ ދޮގެވެ. އެކަމަކު ތިބާ އެކަން ކުރީ ތިބާ އަކީ ދީލަތި މީހެކޭ މީސްތަކުން ބުނޭތޯއެވެ. ފަހެ މީސްތަކުން އެހެން ބުނެފިއެވެ. ދެން އޭނާ އާ ބެހޭ ގޮތުން މަލާއިކަތްބޭކަލުންނަށް އަމުރު ކުރެއްވޭނެތެވެ. ދެން މޫނުވަތަށް ދަމަމުން އޭނާ ގެންދެވި ނަރަކަ އަށް އޭނާ އެއްލާލެވޭނެތެވެ.“
(أبو هريرة – رضى الله عنه – ގެ އަރިހުން ރިވާ ވެގެން އައިސްފައިވާ މި ޞައްޙަ ޙަދީޘް ރިވާ ކުރައްވާ އިމާމުންނަކީ مسلم އާއި النسائى އާއި الترمذى އާއި ابن حبان އާއި އަދި البيهقى އެވެ. رحمهم الله).

ހެޔޮ ނިޔަތާ ޞާލިޙު ޢަމަލު ގުޅިއްޖެ ނަމަ ދުނިޔަވީ ފައިދާތައް ވެސް ލިބެއެވެ.
ހެޔޮ ނިޔަތާއި ހެޔޮ ޢަމަލު ގުޅިގެން ދިއުމުން އާޚިރަތުގެ ދަރުމާގެ ކުރީގައި ދުނިޔަވީ މަންފާ ތައް ލިބުމާއި ދުނިޔަވީ ގެއްލުންތަކުން ސަލާމަތް ވުމުގެ ދޮރު ވެސް، ކީރިތި މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ހުޅުވިގެން ދެއެވެ. މިކަމުގެ އަލި ގަދަ އަދި ކުލަ ގަދަ ދަލީލުތައް ކީރިތި ޤުރްއާނާއި މާތް ސުންނަތުން ލިބެން އެބަ ހުއްޓެވެ. މި ފަދަ އެއް ދަލީލަކީ ޞައްޙަ ސުންނަތުގައި ތަސްޖީލު ކުރެވިފައިވާ ތެދުވެރި ޢިބްރަތްތެރި އަދި ޙަޤީޤީ ޙާދިޘާއެކެވެ. ވާރެއިން ހިޔާވަހިކަން ހޯދުމަށް ފަރުބަދައެއްގެ ހޮހަޅެއް ގެ ނިވާ ކަން ހޯދުމަށް އެ ހޮހަޅަށް ވަނުމާ އެކު ތިރިއަށް ފުރޮޅިގެން އައި ހިލަގަނޑަކުން ހޮހަޅު ގެ ދޮރު ބަންދު ވެ ހައްޔަރު ވީ ތިން ފިރިހެނުން ގެ ވާހަކައަކީ ހެޔޮ ނިޔަތާއި ޞާލިޙު ޢަމަލު ގެ ސަބަބުން ދުނިޔަވީ މުޞީބާތްތަކުން ސަލާމަތްވުމާއި ދުނިޔަވީ ނިޢްމަތްތައް ޙާޞިލުވުން ކީރިތި މާތް ﷲ މިންވަރު ކޮށް ދެއްވާ ކަމުގެ އަލިގަދަ އަދި ކުލަ ގަދަ ދަލީލެކެވެ. އިލާހީ ޤުދްރަތުގެ ޢިނާޔަތް މި ތިން މީހުންނަށް ސަލާމަތް ކަން ހޯދައި ނުދީފި ނަމަ އެ ހޮހޮޅު ގެ އަނދިރީގައި ކެއުމާއި ބުއިމާއި އަދި ސާފު ވައިން މަޙްރޫމް ވެ ތިބެ ދަތި، އުދަގޫ، ވޭންދެނިވި، އަދި ދިގު ދެމިގެން ދާނޭ މަރަކުން މަރުވާނެކަން ޔަޤީން ވުމުން އެމީހުން ކީރިތި މާތް ﷲ އަށް ތަޟައްރުޢުވެރިވެ ދުޢާ ދެންނެވީ އެމީހުން އިޚްލާޞް ތެރިކަމާ އެކު ކޮށްފައިވާ ޞާލިޙޫ ޢަމަލުތައް ވަސީލަތެއްގެ ގޮތުގައި ޤަބޫލު ކުރެއްވުން އެދޭ ޙާލު ގައެވެ. މި ތިން މީހުން ގެ ތެރެއިނ ްކޮންމެ މީހަކު ވެސް އެ މީހަކު ކޮށްފައިވާ ޞާލިޙު ޢަމަލުގެ މަތިން ހަދާން ކޮށް އެ ޢަމަލު ގެ ޛިކްރު ދުޢާ ގައި ގެނައުމަށް ފަހު ކީރިިތ މާތް ﷲ އަށް ކުއްތަން ވެފައި ވަނީ އޭނާގެ އިޚްލާޞްތެރި ހެޔޮ ނިޔަތް މެދުވެރިކޮށެވެ. އެއިން ކޮންމެ މީހަކު ވެސް އޭނާގެ ދުޢާ ނިންމާލަމުން ދަންނަވައެވެ: "އޭ އަޅަމެން ގެ ވެރި ސާހިބު ވަންތަ އިލާހުއެވެ! މި އަޅާ މި (ހެޔޮ) ޢަމަލު ކުރީ ހަމައެކަނި އިބަ އިލާހުގެ ވަޖްހުފުޅަށްޓަކައި ކަމުގައި ވާ ނަމަ އަޅަމެން މިތިބަ ބިކަ ޙާލުން މިންޖު ކުރައްވާފާނދޭވެ!" އަޅުތަކުންގެ ދުޢާ އައްސަވާ އިޖާބަ ކުރައްވާ މަތިވެރި ކީރިތި ވަންތަ މާތް ﷲ މި ތިން މީހުންގެ ދުޢާ އައްސަވާ އިޖާބަ ކުރެއްވިއެވެ. ((މި ޢިބްރަތުން ފުރިފައިވާ ޙަޤީޤީ ތެދު ވާހަކަ ވާރިދު ވެފައި ވާ ޙަދީޘް އަކީ البخارى އާއި مُسْلِم (رحمهما الله)، عبد اللهِ بن عمر (رضى اللهُ عنهما) ގެ ކިބައިން ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެކެވެ. އަދި ހަމަ މި ޙަދީޘް النـّـَـسـائِى އާއި الطبرانى އާއި އަދި ابن حِبّان ވެސް ރިވާ ކުރައްވާފައި ވެއެވެ. رَحِمَهُم اللهُ))

ނިޔަތާ ބެހޭގޮތުން ބައެއް ޢިލްމުވެރިން ދެއްވާ އިރުޝާދު
ތެދުވެރި އީމާން ކަމަކަށް ފަހު ދެން އެންމެ މުހިއްމީ އިޚްލާޞްތެރި ނިޔަތެކެވެ. އެހެނީ އިޚްލާޞް ތެރި ނިޔަތެއް ނެތް ނަމަ މީހަކު ކިތަންމެ މުރާލިކަމާ އެކު ޞާލިޙު ޢަމަލު ކުރުމުގެ މަތީގައި ދެމިހުރި ކަމުގައި ވިޔަސް އޭނާ އެ ކުރާ ހުރިހާ ކަމެއް ގޮސް ނިމޭނީ ފޫ ނެތް ފަޔަށް ފެން ފުރުން ކަމުގައި ވެގެންނެވެ. މިހެންވެ ކުރިއާއި ފަހުގެ މުސްލިމް ޢިލްމުވެރިން ވަނީ ނިޔަތާ ބެހޭ ގޮތުން ވާހަކަ ދައްކަވާ އޭގެ އަހައްމިއްޔަތު މި އުންމަތުގެ ޖީލުތަކަށް އުގަންނަވާ ދެއްވާފައެވެ. މި ގޮތުން ބައެއް ޢިލްމުވެރި އިމާމުން ދައްކަވާފައި ވާ ބައެއް ވާހަކަފުޅުތަކަށް ބަލާލަމާތޯއެވެ!
عـُـمَـر بن الخطـّاب (رضى اللهُ عنه) ވިދާޅުވާ ކަމަށް ބައެއް ޢިލްމުވެރީން ނަޤްލު ކުރައްވައެވެ. لا عمل لمن لا نية له، ولا أجر لمن لا حسبة له. މާނައީ: (ހެޔޮ) ނިޔަތެއް ނެތް މީހާ ގެ އެއްވެސް (ހެޔޮ) ޢަމަލެއް ނުވެއެވެ. އަދި އިޚްލާޞްތެރިކަމެއް ނެތް މީހާއަށް ލިބޭނޭ އެއްވެސް ދަރުމައެއް ނުވެއެވެ.
عبد الله بن مسعود (رضى اللهُ عنه) ވިދާޅުވާ ކަމަށް ބައެއް ޢިލްމުވެރީން ނަޤްލު ކުރައްވައެވެ. لا ينفع قول إلا بعمل، ولا ينفع قول وعمل إلا بنية. މާނައީ:ޢަމަލަކާ ނުލައި އޮންނަބަހަކުން މަންފާ އެއް ނެތެވެ. އަދި (ހެޔޮ) ނިޔަތަކާ ނުލައި އޮންނަ ބަހަކުންވެސް އަދި ޢަމަލަކުން ވެސް މަންފާ އެއް ނެތެވެ.
مُطرف بن عبدِ الله (އަވަހާރަވީ: 86 هـ ގައި) (رَحِمَهُ اللهُ) ވިދާޅުވެއެވެ. ހިތް އިޞްލާޙުވެ ހެޔޮ ވާނީ ޢަމަލުތައް އިޞްލާހުވެ ހެޔޮ ވެގެންނެވެ. ޢަމަލުތައް ޢިޞްލާޙުވެ ހެޔޮ ވެގެން ދާނީ ނިޔަތް ހެޔޮ ކުރެވިގެންނެވެ.
زبيد بن الحارث اليامي (އަވަހާރަވީ: 122 هـ ގައި) (رَحِمَهُ اللهُ) ވިދާޅުވެއެވެ. ކޮންމެ ކަމެއް ކުރާ އިރުވެސް ހެޔޮ ނިޔަތަކާ އެކު އެކަން ކުރުމަށް ތިމަންކަލޭގެފާނު ލޯބި ކުރައްވަމެވެ؛ އެއީ ކެއިން ބުއިން ކަމުގައި ވިޔަސްމެއެވެ.
يحيى بن أبى كثير (އަވަހާރަވީ: 129 هـ ގައި) (رَحِمَهُ اللهُ) ވިދާޅުވެއެވެ. ނިޔަތް ހެޔޮކުރާނީ ކޮންފަދައަކުންކަން އުގެނި ދަސް ކުރާށެވެ! އެހެނީ ޢަމަލަށް ވުރެ އަވަހަށް ކީރިތި މާތް ﷲ ގެ ޙަޟްރަތަށް ވާޞިލު ވަނީ ނިޔަތެވެ.
سفيان الثورى (އަވަހާރަވީ: 161 هـ ގައި) (رَحِمَهُ اللهُ) ވިދާޅުވެއެވެ. ނިޔަތް ހެޔޮ ކުރުމަށް ވުރެ ބޮޑު ބުރައެއް ތިމަންކަލޭގެފާނު ނުއުފުއްލަވަމެވެ.
عبد الله بن المبارك (އަވަހާރަވީ: 181 هـ ގައި) (رَحِمَهُ اللهُ) ވިދާޅުވެއެވެ. ކިތަންމެ ދަށް އަދި ކުޑަ ޢަމަލެއް ވެސް (ހެޔޮ) ނިޔަތުގެ ސަބަބުން މަތިވެރިވެގެން ހިގައިދާނެއެވެ. އަދި ކިތަންމެ މަތިވެރި އަދި ބޮޑު ޢަމަލެއް ވެސް (ނުބައި) ނިޔަތުގެ ސަބަބުން ކުޑަ ވެގެން ދަށް ވެގެން ހިގައިދާނެއެވެ.

ދުނިޔޭގައި އަޅުގަޑުމެން ވޭތި ކުރާ މި ކުރުކުރު ޢުމުރު ހެޔޮ ޞާލިޙު ޢަމަލުން ފުރާލުމުގެ ހެޔޮ ތައުފީޤު ކީރިތި ވަންތަ، ދީލަތި ވަންތަ މާތް ﷲ تبارك و تعالى، އަޅުގަޑުމެންނަށް ދެއްވާށިއެވެ! އަދި ކޮންމެ ހެޔޮ ޢަމަލެއްވެސް ކީރިތި މާތް ﷲ އަށް އިޚްލާޞް ތެރި ވެ ހެޔޮ ނިޔަތުގައި ކުރުމުގެ ތައުފީޤު އަޅުގަޑުމެންނަށް ރޯދި ކުރައްވާށިއެވެ!
و صلّى اللهُ و سلّم و بارك على عبدِه و نبيّه سيّدنا محمّد و على آله و أصحابه، و الحمد لله ربّ العالمين.

Monday, November 8, 2010

Sunday, September 26, 2010

ކީރިތި ޤުރްއާން ހިތުދަސް ދިވެހި ޒުވާނުން އިތުރު ކުރުމަކީ ޓެރީ ޖޯންސް ފަދަ ޞަލީބީންނަށް ދިވެހިރާއްޖެ އިން ދޭ ރައްދު ކަމަށް ހަދަމާތޯއެވެ

ހިތި ހިތާމާގެ ކަރުނަ ލޮލަށް ގެނުވާ، އަދި ބޮލާއި ސިކުނޑިއަށް ތަދުކުރުވާ ފަދަ ރުޅިވެރިކަން ހިތަށް ގެނުވާ ޚަބަރުތައް ދިވެހިބިމުން ކޯދުލާ އަރަމުން ދާ ދުވަސްވަރެއްގައި ކީރިތި ޤުރްއާން ކިޔެވުމުގެ އިންޓަރނޭޝަނަލް މުބާރާތަކުން ބާރަ އަހަރުގެ ދިވެހި ދަރިވަރަކު ހޯދި ކާމިޔާބީ ގެ ވާހަކަ އަކީ ލޮލަށް ފިނިކަމާއި ހިތަށް ހަމަޖެހުން ގެނެސްދިން އުފާވެރި ޚަބަރެކެވެ. މި ޚަބަރު އުފާވެރި ވީ ދުވަސް ހަމަވެ އެކްސްޕަޔަރީ ޑޭޓް ފަހަނައަޅާ ގޮސްފައިވާ ވެރިކަމެއް ގެ މުގުލުގައި ހުރި ޙުސްނީ މުބާރަކް ގެ އަތުން އިނާމު ލިބުމުގެ ޝަރަފު ދިވެހި ދަރިއަކަށް ލިބުމަކުންނެއް ނޫނެވެ. އަދި ކީއްތޯއެވެ! މި ޚަބަރު މިހާ އުފާވެރި ޚަބަރަކަށް ވީކީ ދިވެހިރާއްޖެއަށް މި ރީތި ނަން ހޯދައި ދިން ރިފްދާ މުޙައްމަދު ރަޝީދު (زَادَهَا اللهُ عِلمًا و حُبًّا للعِلم) މަތީ ވަނައެއް މި މުބާރާތުގައި ޙާޞިލު ކުރުމަކުންނެއްވެސް ނޫނެވެ. އެކަމަކު މިހާ މަތިވެރި އަދި މިހާ އުފާވެރި ޚަބަރަކަށް މި ޚަބަރު ވީ ކީރިތި މާތް الله سبحانه و تعالى ގެ މާތް ކަލާމްފުޅަށް އަހަމިއްޔަތުކަން ދޭ އުއްމީދީ ދިވެހި ދަރީންތަކެއް ބޮޑުވަމުން އަންނަ ޅަ ޖީލުތަކުގެ ކުދީން ގެ ތެރެއިން ނުކުންނާނޭކަން ގައިމުވެ ކަށަވަރު ވެގެން ދިޔުމުންނެވެ. މިއީ ހަމަ ޔަޤީނުންވެސް އެ ކަމާ މެދު އުފާ ކުރުން ޙައްޤު ޙަޤީޤަތެކެވެ

ކީރިތި ޤުރްއާން ހިތުދަސް حافِظ އަކު މުސްލިމުންގެ ތެރޭގައި އިތުރުވުމަކީ އެއީ ބައެއް މީހުން ހީކުރާ ފަދައިން ހަމައެކަނި މުޞްޙަފެއް (ނުވަތަ ޚަތިމެއް) ގެ ނުސްޚާ އެއް އިތުރުވުމެއް ނޫނެވެ. އެކަމަކު އެއީ ކީރިތި މާތް الله سبحانه و تعالى މަތިވެރި ކަލާމްފުޅު ހިތުގައި ރައްކާކުރުމުގެ ޝަރަފު ލިބިފައިވާ މީހަކު މުސްލިމުންގެ ޖަމާޢަތަށް އިތުރުވެގެން ދިއުމުގެ މާތްކަމާއި އުފާ ހުރިހާ މުސްލިމުންނަށް ޙާޞިލުވުމެކެވެ. އަދި އެއީ މުޅި މުސްލިމް އުއްމަތު ގެ މައްޗަށް ފަރްޟު ވެފައިވާ ކީރިތި ޤުރްއާން ގެ ތަވާތުރު ހިފަހައްޓާ ދެމެހެއްޓުމުގެ ވާޖިބު އަދާ ކުރުމަށް ތައްޔާރުވެ އިސްނަގާ ހިތްވަރުގަދަ ހީވާގި މުސްލިމް ދަރީންގެ ތެރެއިން އެކަކު އެ އަމާނާތް ތަޙައްމަލުކޮށް އުފުލުމު ގައި ކާމިޔާބު ކުރުމެކެވެ. ވީމާ އެއްވެސް މުސްލިމަކު ކީރިތި ޤުރްއާން އޭނާގެ ހަނދާނުގައި ޖަމާ ކޮށް ރައްކާ ކޮށްފި ނަމަ އެހެން ހުރިހާ މުސްލިމުން އޭނާގެ އެ އަގު ހުރި މަސައްކަތުގެ އަގު ވަޒަން ކޮށް އޭނާ އަށް ޙައްޤު މަޤާމް އެބަ ދޭން ޖެހެއެވެ. އެއީ އިސްވެދިޔަ މާތް ޤަރްނުގެ صالح ބޭބޭފުޅުން ނަމޫނާ ދެއްކެވި ގޮތެވެ. އަދި އެއަށް ވުރެ ކުރީގައި އެއީ އަހަރެމެން މުސްލިމުންނަށް އަމުރު ކުރެވިފައިވާ ގޮތެވެ. މި ގޮތުން ނަމާދުގައި އިމާމަކަށް ވުމަށް އިސްކަން ދޭން ޖެހެނީ (ނަމާދާ ބެހޭ ފިޤްހީ ޙުކުމްތައް ދަތުމާ އެކު) ކީރިތި ޤުރްއާން އެންމެ ބޮޑަށް ހިތުދަސް މީހަކަށެވެ. އަޞްޙާބު ބޭކަލުން ކަންތައް ކުރެއްވީ އެފަދައިންނެވެ.
عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما ގެ ކިބައިން الإمام البخارى رحمه الله ރިވާ ކުރައްވާ ޙަދީޘެއްގައި އައިސްފައިވެއެވެ. عَبْدِ اللَّهِ بْنِ عُمَرَ ވިދާޅުވިއެވެ
لَمَّا قَدِمَ الْمُهَاجِرُونَ الْأَوَّلُونَ الْعُصْبَةَ -مَوْضِعٌ بِقُبَاءٍ - قَبْلَ مَقْدَمِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم ، كَانَ يَؤُمُّهُمْ سَالِمٌ مَوْلَى أَبِي حُذَيْفَةَ ، وَكَانَ أَكْثَرَهُمْ قُرْآنًا
މާނައީ: ހިޖްރަ ކުރެއްވުމުގައި އެންމެ އަވަހަށް އިސްނެންގެވި މުހާޖިރިއްޔަ ބޭބޭފުޅުން (ޤުބާ ގެ ހިސާބެއް ކަމަށްވާ) އަލްޢުޞްބާ އޭ ކިޔުނު ތަނަށް ފޯރުމުން رسول الله صلى الله عليه و سلم މަދީނާ އަށް ވަޑައިގަތުމުގެ ކުރީގައި އެ ބޭބޭފުޅުންނާއިގެން އިމާމުވެ ނަމާދު ކުރައްވާ ކަމަށް ވަނީ އަބޫ ޙުޛައިފާ ގެ މައުލާ (ގެ ގޮތުގައި މަޝްހޫރު ވެފައިވާ) ސާލިމު އެވެ.
މި ޙަދީޘް ގެ އެހެން ރިވާޔަތެއްގައި މިކަމާ ބެހޭ އިތުރު ތަފްޞީލު އައިސްފައިވެއެވެ. އަލްއިމާމް އައްޛަހަބީ (رحمه اللهُ)ގެ سير أعلام النبلاء ގައި ވާ އެއް ރިވާޔަތެއްގައި މިކަމާބެހޭ ތަފްޞީލު ދެއްވަމުން عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما ވިދާޅުވެއެވެ
فأمّهم سالم مولى أبي حذيفة ؛ لأنّه كان أكثرهم قرآنا ، فيهم عمر ، وأبو سلمة بن عبد الأسد
މާނައީ: އަބޫ ޙުޛައިފާ ގެ މައުލާ ސާލިމު އެބޭބޭފުޅުންނާއިގެން (މުހާޖިރިއްޔަ ބޭކަލުންނާއިގެން) އިމާމުވެ ނަމާދު ކުރެއްވީ އެއީ (އެވަގުތު) ސާލިމު އަކީ އެބޭބޭފުޅުންގެ ތެރެއިން އެންމެ ބޮޑަށް ކީރިތި ޤުރްއާން ހިތުދަސް ފަރާތް ކަމަށް ވުމުންނެވެ. އެބޭބޭފުޅުންގެ ތެރޭގައި ޢުމަރުގެފާނާއި އަދި أبو سلمة بن عبد الأسد ވެސް ހިމެނިވަޑައިގަންނަވައެވެ. (رضى الله عنهم)
(ނޯޓް 1: މި އަބޫ ސަލަމާ (رضى الله عنه) އަކީ އިސްލާމް ވެވަޑައިގަތުމުގައި އަދި ހިޖްރަ ކުރެއްވުމުގައި އިސްކަން ހޯއްދަވާފައި ޞަޙާބީއެކެވެ. رضاعة ގެ ގޮތުން މާތް رسول الله صلى الله عليه و سلم ގެ އަޚެކެވެ. އަދި ތިމާގެ ކަމުގެ ގޮތުން މާތް رسول الله صلى الله عليه و سلم އާ ދެބެންގެދެދަރި ބޭފުޅެކެވެ. އަބޫ ސަލަމާ ގެ މަންމައަކީ رسول الله صلى الله عليه و سلم ގެ ބޮޑުދައިތާފުޅު ކަމަށްވާ بَـــرّة بنت عبد المطلب އެވެ. ބަދްރު ހަނގުރާމަ އާއި އަދި އުޙުދު ހަނގުރާމާގައި ބައިވެރިވެވަޑައިގެންނެވި އަދި حَبَشَة އަށާއި المدينة المنوّرة އަށް ހިޖްރަ ކުރެއްވި މާތް ޞަހާބީއެކެވެ. އަބޫ ސަލަމާ އަކީ ޤުރައިޝުވަންހާގެ ބަނޫ މަޚްޒޫމު ދަރިކޮޅުގެ ބޭފުޅެކެވެ. އަވަހާރަވީ އުޙުދު ހަނގުރާމައަށް ފަހު އަބޫސަލަމާ ގެ ޤިޔާދަތުގައި ކުރެވުނު سريّة قطن އޭ ކިޔުނު ސަރިއްޔާ އަށް ފަހުގައެވެ. އެއީ އުޙުދު ހަނގުރާމާގައި ލިބިވަޑައިގެންނެވި ޒަޚަމް ތައް ހިސާބަކަށް ފަސޭހަވުމަށް ފަހުވެސް އެ ޒަޚަމްތަކުން އަލުން ލޭ އަންނަ ގޮތް ވެގެންނެވެ. ދުނިޔެ ދޫކުރައްވަންދެން ވެސް އަބޫސަލަމާ ގެ އަނބިކަނބަލުންނަކީ ފަހުން أمّ المؤمنين ކަމުގައި ހިމެނިވަޑައިގެންނެވި އުއްމު ސަލަމާ (رضى الله عنها) އެވެ. أبو سلمة އަށާއި أمّ سلمة އަށް ލިބިވަޑާއިގެންނެވި ބޭފުޅުންނަކީ سلمة އާއި، عمر އާއި، درّة އާއި، އަދި زينب އެވެ. أبو سلمة (رضى الله عنه) އަވަހާރަވުމުން އަބޫ ސަލަމާ ގެ ބޭބޭފުޅުން ތަރުބިޔަތު ވެގެން ދިޔައީ މާތް نبىّ الله محمّـد صلى الله عليه و سلم ގެ އޯގާތެރި ބެއްލެވުމާ ބަރަކާތްތެރި ޙިމާޔަތުގެ ދަށުންނެވެ.)ހ

(ނޯޓް 2: މި ޙަދީޘް ގައި ނަން ގެނެވިފައިވާ ސާލިމް އަކީ سالم مولى أبي حذيفة ގެ ނަމުގައި މަޝްހޫރު ވެފައިވާ سالم بن معقل އެވެ. އިސްލާމް ވެ ވަޑައިގަތުމުގައި ވަރަށް ކުރީން އިސްނެންގެވި އަދި ބަދްރު ހަނގުރާމައިގައި ބައިވެރިވެ ވަޑައުގެންނެވި ޒުވާން ޞަޙާބީއެކެވެ. އަޞްޙާބު ބޭކަލުންގެ ތެރެއިން ޢިލްމަށް އަރާ ހުންެނެވި އަދި ވަރަށް ރީތިކޮށް ޤުރްއާން ކިޔަވާ ވިދާޅުވާ ބޭފުޅެކެވެ. ވަރަށް ޅަފަތުގައި އަޅުވެތިކަމުގެ ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންފައި ވަނިކޮށް سالم (رضى الله عنه) އަށް މިނިވަންކަން ހަދިޔާ ކުރައްވާ ހެޔޮކޮށް ހިއްތެވީ އަންޞާރިއްޔަ ޞަޙާބިއްޔަ ބޭކަނބަލެއް ކަމަށްވާ ثبيتة بنت يعار (رضى الله عنها) އެވެ. މި ކަމަނާ އަކީ (ބައެއް) ޢިލްމު ވެރިން ވިދާޅުވާ ފަދައިން أبو حذيفة بن عتبة ގެ އަނބިކަނބަލެކެވެ. (މި ރައުޔު ابن سعد (رحمه الله) އަށް ވެސް ނިސްބަތް ވާ ކަމަށް الإصابة‏ في تمييز الصحابة މި ފޮތުގައި ނަންގެނެވިފައި ވެއެވެ. އަދި އަލްއިމާމް އައްޛަހަބީ (رحمه اللهُ) ގެ سير أعلام النبلاء ގައި މި ރައުޔު موسى بن عقبة އަށާއި ابن أبي مليكة އަށް ނިސްބަތް ކުރައްވާފައިވެއެވެ. އަދި ابن عبد البرّ (رحمه اللهُ) ގެ الاستيعاب ގައި ވެސް ތާއީދު ކުރައްވާ ނިންމަވާފައި ވަނީ ޘުބައިތާ އަކީ އަބޫ ޙުޛައިފާ ގެ އަނބިކަނބަލެއް ކަމަށެވެ.) ޘުބައިތާ ބިންތު ޔަޢާރް ގެ ފަރާތްޕުޅުން ސާލިމް އަށް މިނިވަންކަން ލިބުމުން ދެން އެކަމަނާ ގެ ފިރިކަލުން އަބޫ ޙުޛައިފާ ވަނީ ސާލިމް ތަބައްނީ (އެޑޮޕްޓް) ކުރައްވާ ދަރިކަލަކަށް ހައްދަވާފައެވެ. ނަމަވެސް ފަހުން ތަބަންނީ އަކީ ބާޠިލް ކަމެއް ކަމުގައި ހަމަޖެހިގެން ދިޔަ ނަމަވެސް ސާލިމް އަކީ رضاعة ގެ ގޮތުން أبو حذيفة (رضى الله عنه) ގެ ދަރިކަލުންނެވެ. އެއީ أبو حذيفة (رضى الله عنه) ގެ އަނބިކަނބަލުން سَهْلـَة بنت سُهَيل (رضى الله عنها) ސާލިމް އަކީ ރަޟާޢާ ގެ ގޮތުން ސާލިމް ގެ މަންމަ ކަމުގައި ހިމެނިވަޑައިގަތުމުންނެވެ. އަދި އަބޫ ޙުޛައިފާ ވަނީ އޭނާ އަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮ فاطمة بنت الوليد بن عتبة އާ ސާލިމް އާ ކައިވެނި ކޮށްދެއްވާފައެވެ. رضى الله عنه).ހ

عمرو بن سلمة الجرمي (رضى الله عنهما) ގެ ޢުމުރުން އެންމެ ހަ އަހަރު ނުވަތަ ހަތް އަހަރު ގައި އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއިގެން ނަމާދު ކުރައްވާ އިމާމަކަށް ހިމެނިވަޑައިގަތީވެސް މި ޒުވާން ބޭފުޅާއަކީ އޭނާގެ ޤައުމުގައި އެންމެ ބޮޑަށް ކީރިތ ޤުރްއާން ހިތުދަސް ފަރާތް ކަމުގައި ވުމުންނެވެ. އެއީ ކީރިތި رسول الله صلى الله عليه و سلم ގެ އިރްޝާދުގެ މަތީންނެވެ. އެއީ وليؤمكم أكثركم قرآناً (ތިޔަބައިމީހުންގެ ތެރެއިން އެންމެ ބޮޑަށް ޤުރްއާން ހިތުދަސް މީހަކު ތިޔަބައިމީހުންގެ އިމާމަކަށް ވާހުށިކަމެވެ.) މިއީ عمرو بن سلمة (رضى الله عنه) ގެ ކިބައިން الإمام البخارى (رحمه الله) ރިވާ ކުރައްވާފައިވާ ޙަދީޘެއްގެ ބަޔެކެވެ. އަދި الإمام مسلم (رحمه الله) أبو مسعود الأنصاري (رضي الله عنه ) ގެ ކިބައިން ރިވާ ކުރައްވާ ޙަދީޘް ގައިވަނީ يؤمّ القوم أقرؤهم لكتاب الله (ކީރިތި الله ގެ ފޮތް ޤުރްއާން ކިޔެވުމުގައި އެންމެ އަރާހުރި ފަރާތެއް ކޮންމެ ބަޔެއްގެވެސް އިމާމު ކަމުގައި ވާހުށިކަމެވެ) މި ފަދައިންނެވެ. أبو سعيد الخدرى (رضى الله عنه) ގެ ކިބައިން ابن أبى شيبة (رحمه الله) އޭނާގެ المصنّف ގައި ރިވާކުރައްވާފައިވާ ޙަދީޘް ގައި ވެއެވެ؛ إذا كانوا ثلاثة فليؤمهم أحدهم وأحقهم بالإمامة أقرؤهم (މާނައީ: ތިން މީހުން ތިބި ނަމަ އޭގެ ތެރެއިން އެކަކީ އިމާމު ކަމުގައި ހަދާހުށިކަމެވެ. ފަހެ އެމީހުންގެ ތެރެއިން އިމާމު ކަމުގައި ވުމަށް އެންމެ ޙައްޤުކަން ބޮޑު ވެގެން ވަނީ އޭގެ ތެރެއިން ޤުރްއާން ކިޔެވުމުގައި އެންމެ އަރާ ހުރި މީހެކެވެ). މި ަމތިވެރި ނަބަވީ އިރްޝާދުތަކުން އެގި ޔަޤީން ވާ ޙަޤީޤަތަކީ ނަމާދު އިމާމު ކަމަށް އެންމެ ޙައްޤު ފަރާތަކީ އެންމެ ގިނައިން ކީރިތި ޤުރްއާން ހިތުދަސް މީހާ ކަމެވެ

ނަމާދުގެ އިމާމު ކަމުގެ އިތުރުން ޙަޤީޤީ ބާރާއި ނުފޫޒު ހިމެނޭ ވެރިކަމުގައި ވެސް އެހެން ޝަރްޠުތައް ފުރިހަމަ ވުމާ އެކު އިސްކަން ދޭން ޖެހޭނީ އިސްލާމީ ފިޤްހު ކަނޑައަޅާ ގޮތުގައި ކީރިތި ޤުރްއާނުން އެންމެ ބޮޑު ބައެއް ހިތުދަސް މީހާއަށެވެ. މުޅި އިންސާނިއްޔަތު ދުށް އެންމެ ހެޔޮ ޒަމާން ކަމުގައިވާ ކީރިތި رسول الله صلى الله عليه و سلم ގެ ޢަޞްރުގައި އެކަލޭގެފާނުގެ ދެއްވި ރައްބާނީ އިރްޝާދުގެ މަތީން އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން (رضى الله عنهم) ކަންތައް ކުރެއްވީ އެ ފަދައިންނެވެ. މީގެ ރީތި މިސާލެއް އަޅުގަނޑު ދަންނަވާނަމެވެ

عمر بن الخطّاب (رضى الله عنه) ގެ ޚިލާފަތުގައި މައްކާގެ އިދާރީ ހިންގުމުގެ ވެރިޔަކަށް نافع بن عبد الحارث އޭ ކިޔުނު ބޭފުޅަކު ޢައްޔަން ކުރެއްވިއެވެ. (އެއީ މައްކާގެ عَامِل ގެ މަޤާމަށެވެ. މި ޒަމާނުގެ ބަހުރުވައިން ނަމަ އެއީ މައްކާ ގެ މޭޔަރ ކަމެވެ.) މި نافع بن عبد الحارث (رضى الله عنه) ގެ ކިބައިން الإمام مسلم (رحمه الله) އާއި އަދިވެސް އެތައް އިމާމުންނެއް ރިވާ ކުރައްވާ ޞައްޙަ ޙަދީޘެއް ގެ މާނާގައި ވެއެވެ. މައްކާ ގެ ޢާމިލު ގެ މަޤާމުގައި ނާފިޢު ހުންނެވި ދުވަސްވަރު މައްކާ ގެ (އިދާރީ) ވެރިކަން عبد الرحمن بْنُ أبْزَى (رضى الله عنه) އޭ ކިޔުނު ބޭފުޅަކާ ހަވާލު ކުރެއްވުމަށް ފަހު عمر بن الخطّاب (رضى الله عنه) އާ ބައްދަލު ކުރެއްވުމަށް ވަޑައިގަތެވެ. ޢަސްފާނު އޭ ކިޔުނު ތާނގައި ޢުމަރުގެފާނު ވަޑައިގެން ވަނިކޮށް ނާފިޢު ވަޑައިގެން ބައްދަލު ކުރެއްވުމުން މައްކާ ހަވާލު ކުރެއްވީ ކާކާތޯ ޢުމަރުގެފާނު ސުވާލުކުރެއްވިއެވެ. ޖަވާބުގައި ނާފިޢު ދެންނެވީ އިބްނު އަބްޒާ އާ މައްކާ ގެ ކަންތައްތައް ހަވާލު ކުރެއްވި ކަމަށެވެ. ދެން އިބްނު އަބްޒާ އެއީ ކާކުކަން އޮޅުންފިލުވައިދެއްވުމަށް ޢުމަރުގެފާނު އެދިވަޑައިގަތުމުން ނާފިޢު ބަޔާން ކޮށް ދެއްވީ އިބްނު އަބްޒާ އެއީ މައުލާ އެއް (މިނިވަން ކުރެވިފައިވާ އަޅެއް) ކަމުގައެވެެ. މައްކާ އަކީ އެ ރަށެއްގައި މާތްވެގެންވާ ޙަރަމްފުޅާއި ގެފުޅު ހުރި ރަށް ކަމަށް ވެފައި އެ ޙަރަމް ފުޅު ބަލަހައްޓާ ޤުރައިޝު ވަންހާގެ ޝަރަފުވެރި ދަރިކޮޅުތަކަށް ނިސްބަތްވާ ޢަރަބިން އުޅޭ ރަށަކީ މައްކާ ކަމަށް ވާއިރު މިނިވަން ކުރެވިފައިވާ ކުރީގެ އަޅަކު އެ ރަށަށް ވެރި ކުރެއްވުމުގެ ޙިކްމަތާމެދު ޙައިރާން ވެ ވަޑައިގެން ޢުމަރުގެފާނު ސުވާލު ކުރެއްވިއެވެ؛ މައްކާގެ އަހުލު ވެރީންގެ މައްޗަށް ތިބާ ތިޔަ އިސް ކުރީ މައުލާއެއް ހެއްޔެވެ؟ ނާފިޢު ދެންނެވިއެވެ. އޭނާ (އިބްނު އަބްޒާ) އަކީ ކީރިތި މާތް الله عزّ و جلّ ގެ ކަލާމްފުޅު (ހިތުންދަސްކޮށްގެން އެ ކަލާމްފުޅު) ކިޔަވާ މީހެކެވެ؛ އަދި އޭނާ އަކީ ވާރުތަމުދާ ބެހުމާ ބެހޭ ޢިލްމު ދަންނަ މީހެކެވެ. މި ޖަވާބު އަޑު އިވި ވަޑާއިގަތުމުން ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވާ ޢުމަރުގެފާނު ވިދާޅުވިއެވެ. أمَا إنّ نبيّكم صلى الله عليه وسلم قَد قال : إنّ الله يَرفَعُ بِهذا الكتابِ أقواماً ويَضَعُ به آخرين ((މާނައީ: ފަހެ ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ނަބިއްޔާ صلى الله عليه وسلم ވަނީ ވިދާޅުވެފައެވެ: މި ފޮތުގެ ސަބަބުން (ކީރިތި ޤުރްއާން ގެ ސަބަބުން) މާތް الله އެތައް ބައެއްގެ ދަރަޖަ އުފުއްލަވާނެކަން ކަށަވަރެވެ؛ އަދި ހަމަ މިފޮތުގެ ސަބަބުން އެތައް ބައެއްގެ ދަރަޖަ ދަށް ކުރައްވާނެ ކަން ކަށަވަރެވެ.)).ހ

ވިސްނަވާށެވެ! އަޅުވެތިކަމުގެ ނިކަމެތިކަމުން ކައިރި މާޒީއެއްްގައި ސަލާމަތް ވެވުނު އިބްނު އަބްޒާ (رضى الله عنه) އަށް ޤުރައިޝުގެ އަޝްރާފުން ގެ މައްޗަށް ބަސްކިޔާ އަމުރު ކޮށް ނުފޫޒު ފޯރުވުމުގެ މަގު މި ފަހި ކޮށް ދިނީ ކީރިތި ޤުރްއާން ހިތުދަސް ވުމާއެކު އެ މާތް ފިތުގައި ވާރިދު ވެފައިވާ ބައެއް ޝަރްޢީ ޢިލްމު އިބްނު އަބްޒާ ޙާޞިލު ކުރައްވާފައި ވުމުންނެވެ. އަދި އިބްނު އަބްޒާ އަކީ ކީރިތި ޤުރްއާން ހިތުދަސް އަދި ޤުރްއާން ކިޔަވާ ޢިލްމު ވެރިއެއްކަން އެނގިވަޑައިގަތުމުން ޢުމަރު (رضى الله عنه) ވެސް އިބްނުއަބްޒާ އަށް އެ ހަވާލު ކުރެވުނު މަތިވެރި މަޤާމާ މެދު ހިތްޕުޅު ހަމަޖެހިވަޑަިއގަން ކަން ދޭހަ ކޮށްދެނީ މި ފަދަ މަޤާމުތަކަށް މީހުން ހޮވުމުގައި ކީރިތި ޤުރްއާން ހިތުދަސް މީހުންނަށް އަޞްޙާބުބޭކަލުން އިސްކަން ދެއްވާ ކަމެވެ

(ނޯޓް: މި ނާފިޢު އަކީ نافع بن عبد الحارث بن حبالة بن عمير الخزاعي އެވެ. ނާފިޢު އަކީ މައްކާ ފަތަޙަ ވީ ދުވަހު އިސްލާމް ދީނަށް ވެދެވަޑައިގެންނެވި ޞަޙާބީއެކެވެ. (رضى الله عنه).
މި އިބްނު އަބްޒާ ނަމަކީ عبد الرحمن بن أبزى އެވެ. އެއީ نافع بن عبد الحارث الخزاعي‏ މިނިވަން ކުރެއްވި ބޭފުޅެކެވެ. އިބްނު އަބްޒާ ހިމެނިވަޑައިގަންނަވަނީ އަޞްޙާބު ބޭކަލުންގެ ތެރޭގައެވެ. ކީރިތި رسول الله صلى الله عليه و سلم ދެކެވަޑައިގެން އަދި އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދު ކުރެއްވުމުގެ ޝަރަފު ޢަބްދުއްރަޙްމާން އިބްނު އަބްޒާ އަށް ވަނީ ލިބިވަޑައިގެންފައެވެ. އިބްނު އަބްޒާ އާ ބެހޭ ގޮތުން ޢުމަރު ގެފާނު (رضى الله عنه) ވިދާޅުވާ ކަމަށް ވެއެވެ: عبد الرحمن بن أبزى ممن رفعه الله بالقرآن. (މާނައީ: ޢަބްދުއްރަޙްމާން އިބްނު އަބްޒާ އަކީ ކީިރިތި ޤުރްއާން ގެ ސަބަބުން މާތް الله މަތިވެރި ކުރައްވާފައިވާ މީހުންގެ ތެރެއިން މީހެކެވެ.) މައްކާ ގެ ޢާމިލު ނާފިޢު ގެ ނައިބަކަށް ޢުމަރުގެފާނުގެ ދުވަސްވަރުގައި ހުންނެވި މި އިބްނުއަބްޒާ ވަނީ ޢަލީ އިބްނު އަބީ ޠާލިބް (رضى الله عنه) ގެ ޚިލާފަތުގައި ޢަލީގެފާނުގެ ފަރާތްޕުޅުން ޚުރާސާނު ގެ ވެރިކަން ވެސް ބަލަހައްޓަވާފައި ވެއެވެ. (رضى الله عنه)ހ

ކީރިތި ޤުރްއާން ހިތުދަސްކޮށް ޤުރްއާން ކިޔަވާ އަދި އެއަށް ޢަމަލު ކުރާ މީހުންނަކީ އެހެން އެއްވެސް ބަޔަކަށް ނުލިބޭ މަތިވެރި ޝަރަފެއް ލިބިފައިވާ މާތް ބަޔެކެވެ. އަދި އެމީހުންނަށް ލިބިފައިވާ ޝަރަފަކީ އެއަށް ވުރެމަތީ ޝަރަފެއް ނުވާހާ މަތިވެރި، ޤަދަރުވެރި، ޢިއްޒަތްތެރި އަދި އަގުހުރި ޝަރަފެކެވެ. އެ ޝަރަފަކީ ތޯއެވެ؟ އެއީ ކީރިތި މާތް الله سبحانه و تعالى އާ އެންމެ ކުއްތަންވުމުގައި އެންމެ އަރާ ތިބި ބަޔަކަށް އަދި އެކަނލާގެ ޙަޟްރަތުގައި އެންމެ އިސް ބަޔަކަށް އެމީހުން ވުމެވެ. ކީރިތި رسول الله: محمّد صلى الله عليه و على آله و سلم ގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘް ގައި ވެއެވެ: إنّ لله تعالى أهلين من الناس : أهل القرآن ، هم أهل الله و خاصّـته (މާނައީ: މީސްތަކުންގެ ތެރެއިން ކީރިތި މާތް الله އަށް އަހުލުވެރިންތަކެއް ވެއެވެ. ކީރިތި ޤުރްއާން ގެ އަހުލުވެރީންނަކީ އެއީ ކީރިތި މާތް الله ގެ އަހުލުވެރީންނެވެ. އަދި އެމީހުންނަކީ އެކަލާނގެ އާ އެންމެ ކުއްތަންވެގެންވާ މީހުންނެވެ.). މި މަތިވެރި ޝަރަފާ އެކީގައި (އިޚްލާޞްތެރި ނިޔަތަކާ އެކު) ޤުރްއާން ހިތުދަސްކޮށްފައިވާ މީހުންނަށް ލިބޭ ނިޢްމަތަކީ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ތަކަށް ވާޞިލު ވުމުގެ ހެޔޮ ތައުފީޤު ކީރިތި މާތް الله އެމީހުންނަށް ދެއްވުމެވެ. މިކަމުގެ ތެދުވެރި ޚަބަރު ދެއްވަމުން އެންމެ ތެދުވެރި މާތް އިންސާނާ ކީރިތި رسول الله: محمّد صلى الله عليه و على آله و سلم ޙަދީޘް ކުރައްވައެވެ. يقال لصاحب القرآن اقرأ وارتق ورتل كما كنت ترتل في الدنيا، فإن منزلتك عند آخر آية تقرأ بها ((މާނައީ: ކީރިތި ޤުރްއާން ގެ އެކުވެރިޔާއަށް (ޤިޔާމަތް ދުވަހު) އެންގެވޭނެތެވެ: ތިބާ (ޤުރްއާން) ކިޔަވާށެވެ! އަދި (ކިޔަވަމުން) މައްޗަށް އަރަމުން ދާށެވެ! އަދި ދުނިޔޭގައި ވެސް ތިބާ ތަރްތީލު ކޮށް (ޤުރްއާން) ކިޔެވި ފަދައިން (މިހާރުވެސް) ތަރްތީލު ކޮށް ކިޔަވާށެވެ! ފަހެ (ސުވަރު ގޭގައި) ތިބާ ގެ މާޤާމު ވާ ކަން ކަށަވަރީ ތިބާ ކިޔަވާ އެންމެ ފަހުގެ އާޔަތާ ހަމައިގައެވެ.)) މި ޙަދީޘް ގައި ވާ تــَـرْتِـيْـل ގެ މާނައަކީ އަވަސް އަރައިގަތުމެއް ނެތި، ލަސް ލަހުން އަދި ކިޔެވުމުގެ ހަމަތައް ނިޔާ ކުރާ ގޮތަށް ޤުރްއާން ކިޔެވުމެވެ. އަދި މިޙަދީޘް ގައި ވާ صَـاحِب القرآن ނުވަތަ ޤުރްއާން ގެ އެކުވެރިޔާ އަކީ އައްޝައިޚު ނާޞިރުއްދީން އަލްއަލްބާނީ ވިދާޅުވާ ގޮތުގައި މުޅި ޤުރްއާން އެއްކޮށް ހިތުދަސް މީހާއެވެ. ދެން އައްޝައިޚު އަލްއަލްބާނީ (رحمه الله) ވިދާޅުވެއެވެ: ”ސުވަރުގޭގެ ދަރަޖަ ތަކުގައި އެކަކަށްވުރެ އަނެކަކު މަތިވެރި ވުން ބިނާ ވެފައި ވަނީ ދުނިޔޭަގައި އެމީހުން ކީރިތި ޤުރްއާން ހިތުދަސް ކުޅަ މިންވަރެއްގެ މައްޗަށެވެ. އެއްގޮތަކަށް ވެސް އެކަން ބިނާ ވެފައި އޮންނަނީކީ ބައެއް މީހުން ހީ ކުރާ ގޮތަށް ހިތުދަސް ކުރުމެއް ނެތި ވެސް ކޮންމެ ދުވަހަކު ޤުރްއާނުން ކިޔަވާ މިންވަރުގެ މައްޗަކަށް ނޫނެވެ.“ ހަމަ މި މޭރުމުން އަލްއިމާމް އަލްޚައްޠާބީ (رحمه الله) ވިދާޅުވެފައިވާ ބަސްފުޅެއް އެއަށް ތާއީދު ކުރައްވަމުން އަލްއިމާމް އަލްމުންޛިރީ (رحمه الله) އޭނާގެ ފޮތް އައްތަރްޣީބު ވައްތަރްހީބު ގައި ނަކަލު ކުރައްވާފައި ވެއެވެ. الإمام الخطـّابى (رحمه الله) ވިދާޅުވެއެވެ: ”ކީރިތި ޤުރްއާން ގެ އާޔަތްތައް ވަނީ އާޚިރަތު ގައި ސުވަރުގޭގެ ދަރަޖަތައް ހުންނާނެ ޢަދަދަށް ކަމަށް ބައެއް ޚަބަރުތަކުން މާނަ ލިބެއެވެ. މި ގޮތުން ކީރިތި ޤުރްއާން (ހިތުދަސްކޮށް) ކިޔަވާ މީހާއަށް ދުނިޔޭގައި ތިބާ ކިޔަވާ މިންވަރަށް ސުވަރުގޭގެ ދަރަޖަ ތަކުން މަތިވެރިކަން ޙާޞިލު ކުރުމަށް އެންގެވޭނެތެވެ. ފަހެ އެހިނދު މުޅި ޤުރްއާން ހިތުދަސް ކޮށްގެން ކިޔަވާ މީހާއަށް ސުވަރުގޭގައި މަތިވެރި ވުމަށް އޮންނަ ހުރިހާ މަރްޙަލާ އެއް ކަޑަތުކޮށް އެންމެ މަތީ ދަރަޖަ ޙާޞިލު ކުރެވޭ ހުއްޓެވެ. މުޅި ޤުރްއާން ހިތުދަސް ނުކޮށް އެކަމަކު ޤުރްއާން ގެ ބައެއް ހިތުދަސް މީހާ އަށް އޭނާ ހިތުދަސްކޮށް ކިޔަވާ މިންވަރުން މަތިވެރި ވުމުގެ މަރްޙަލާތައް ގިރާ ކުރަމުން ގޮސް އޭނާ ހިތުދަސް ކުރި މިންވަރާ އެކަށޭނަ ދަރަޖަ އޭނާ އަށް ޙާޞިލު ކުރެވޭ ހުއްޓެވެ.“ އަދިވެސް ހަމަ މި ޙަދީޘް އާ ބެހޭ ގޮތުން الإمام ابنُ الجوزى (رحمه الله) ވިދާޅުވެއެވެ: މި ޙަދީޘް އަޑު އިވުމަށް ފަހު ދެން ޤުރްއާން ހިތުދަސް ކުރުމަށް ޝައުޤުވެރި ނުވާނީ ހެޔޮ ކަމުން ދުރުކުރެވި ފައްސާލެވިފައިވާ މީހެކެވެ. އިބްނުލްޖައުޒީ މި ވިދާޅުވީ ވަރަށް ބޮޑު ތެދެކެވެ. ޤުރްއާން ހިތުދަސް ކުރުމުން ދުނިޔެ އާއި އާޚިރަތު ގައި މި ލިބޭ މަތިވެރި ނަޞީބު އެނގުމަށް ފަހުގައި (ޤުރްއާން ހިތުދަސް ކޮށްގެން) އެ ނަޞީބު ޙާޞިލު ކުރުމަށް ހިތުގައި ދަހިވެތިކަން ނުއުފެދޭ މީހާ އަކީ ހާދަ ބޮޑު ހެވަކާއި ނިޢްމަތަކުން މަޙްރޫމު ވެފައިވާ މީހެކެވެ. އެ ފަދަ ބަދުނަޞީބުވެރި މަޙްރޫމަކަށް މީހަކު ވާނީ ހިތާއި ސިކުނޑި ފާފައިގެ ކިލަނބު ކަމުގައި އަމިއްލައަށް ޣަރަޤު ކުރުމުންނެވެ. އެހެނީ ފާފަތަކުގެ އަނދިރި ކިލަނބު ކަމާއި، އަދި މަތިވެރި كلام الله ގެ ލޯބީގެ ނޫރާއި އެއްތަނެއްގައި ޤަރާރު ވުމަކީ ވަރަށް ދުރު ކަމެކެވެ. عثمان بن عفـّـان (رضى الله عنه) ވިދާޅުވާ ފަދައިން އަހަރެމެންގެ ހިތް ތައް (ފާފައިން) طـَاهِر ކުރެވިއްޖެ ނަމަ ދެން ކިތަންމެ ގިނައިރު ކީރިތި ޤުރްއާން ކިޔެވި ކަމުގައި ވިޔަސް އެއްގޮތަކަށްވެސް ފޫހި ކަމެއް ނާންނާނެއެވެ. އަދި ކިތަންމެ ގިނައިރު ޤުރްއާން ކިޔެވުމުންވެސް ފުދުނީ ކަމަށް ހީ ކޮށް ފޫއްސެއް ނުވާނެއެވެ

ސުވަރުގޭގެ މަތިވެރި ދަރަޖައަށް ވާޞިލު ވެވުމުގެ އިތުރުން ޤުރްއާން ދަސްކޮށް ޤުރްއާން ކިޔަވާ އަދި ޤުރްއާން ގައިވާ ގޮތަށް ޢަމަލުކުރުމުގައި އިޚްލާޞްތެރި ނިޔަތަކާ އެކު ދެމިހުރެ ދުނިޔެ ދޫކުރާ މީހާ އަށް އާޚިރަތުގައި ޤުރްއާން ޝަފާޢަތްތެރިވެ އޭނާ އަށް މަތިވެރިކަމާއި މާތް ކަމުގެ ތާޖާއި އަދި މަތިވެރިކަމާއި މާތްކަމުގެ ގަހަނާ ގެ އިނާމު ދެއްވޭ ހުއްޓެވެ. أبو هريرة (رضى الله عنه) ގެ ކިބައިން الإمام الترمذى (رحمه الله) ރިވާ ކުރައްވާ ޙަދީޘް ގައި ވެއެވެ. يجيء القرآن يوم القيامة فيقول : يا ربّ حلِّه ، فيلبس تاج الكرامة ثم يقول : يا ربّ زِدْه ، فيلبس حلة الكرامة ، ثم يقول : يا ربّ ارض عنه فيرضى عنه ، فيقال له : اقرأ وارق وتزاد بكل آية حسنة (މާނައީ: ޤިޔާމަތް ދުވަހު ޤުރްއާން ކީރިތި ﷲ ގެ ޙަޟްރަތަށް އައިސް (ޤުރްއާން ހިތުދަސްކޮށްފައިވާ މީހާ އާބެހޭ ގޮތުން) ދަންނަވާނެތެވެ. އޭ އަޅަމެންގެ ސާހިބުވަންތަ ރައްބުއެވެ! ރިވެތި ގަހަނާ އިން އޭނާ (ޤުރްއާން ހިތުދަސް މީހާ) އަށް ފޭރާން ދެއްވާނދޭވެ! އެހިނދު މާތްކަމާއި މަތިވެރި ކަމުގެ ތާޖު އޭނާ ގެ ބޮލުގައި ތުރުކުރެއްވޭ ހުއްޓެވެ. ދެން ޤުރްއާން ދަންނަވާނެތެވެ. އޭ އަޅަމެންގެ ސާހިބުވަންތަ ރައްބުއެވެ! އަދިވެސް އޭނާއަށް އިތުރުކޮށް ދެއްވާނދޭވެ! އެހިނދު މާތްކަމާއި މަތިވެރި ކަމުގެ ފޭރާމުން އޭނާ ޒީނަތްތެރި ކުރެވޭހުއްޓެވެ. ދެންވެސް ޤުރްއާން ދަންނަވާނެތެވެ. އޭ އަޅަމެންގެ ސާހިބުވަންތަ ރައްބުއެވެ! އޭނާއާމެދު އިބައިލާހު ރުހވޮޑިގަންނަވާނދޭވެ! އެހިނދު ކީރިތ މާތް ﷲ ގެ ރުހިވޮޑިގަތުން އޭނާއަށް ދެއްވާ ދަރުމަ ކުރައްވާހުއްޓެވެ. ދެން އޭނާ އަށް އެންގެވޭނެތެވެ. ތިބާ (ޤުރްއާން) ކިޔަވަމުން މަތީ ދަރަޖަތަކަށް އަރަމުން ދާށެވެ. އަދި ތިބާ ކިޔަވާ ކޮންމެ އާޔަތަކާ އެކު ތިބާ އަށް އިތުރު ހެޔޮ ކަމެއް ދެއްވޭ ހުއްޓެވެ.) މި ޙަދީޘް ރިވާ ކުރެއްވި އަލްއިމާމް އައްތިރްމިޛީ ކަނޑައަޅުއްވާ ގޮތުގައި މިއީ حسن صحيح ދަރަޖާގެ ޙަދީޘް އެކެވެ. އަދި الشيخ محمد ناصر الدين الألبانى ތަޞްނީފު ކުރައްވާފައިވާ صحيح الترمذى އޭ ކިޔުނު ޙަދީޘް ފޮތުގައި މި ޙަދީޘް އަކީ حسن ދަރަޖާ ގެ ޙަދީޘް އެއް ކަމަށް ވަނީ ނިންމަވާފައެވެ. ((ޞަޙީޙުއްތިރްމިޛީ އަކީ އަލްއިމާމް އައްތިރްމިޛީ ގެ ސުނަނު، ޙަދީޘް ޢިލްމު ގެ ހަމަތައް ނިޔާ ކުރާ ގޮތުގެ މަތީން ވަރަށް ފުރިހަމައަށް ތަޚްރީޖު ކުރެއްވުމަށް ފަހު އެ ސުނަނު ގައި ހިމެނޭ ޞަޙީޙު އަދި حسن ދަރޖާ ގެ ޙަދީޘް ތައް ހިމެނޭ ގޮތަށް الشيخ محمد ناصر الدين الألبانى އެކުލަވާލައްވާފައި ވާ ޙަދީޘް ފޮތެކެވެ. ހަމަ މިފަދައިން سنن أبى داؤد އާއި سنن النسائى އާއި އަދި سنن ابن ماجه ވެސް الشيخ محمد ناصر الدين الألبانى ވަނީ ތަޚްރީޖު ކުރައްވާ މިއިން ކޮންމެ ސުނަނު އެއްގެ ވެސް صحيح އާއި ضعيف ވަކި ކުރައްވާ (ކޮންމެ ސުނަނު އެއްގެ ވެސް) އެދެބައި ދެފޮތެއްގައި ވަކިން އެކުލަވާލައްވާ ނެރުއްވާފައެވެ.))ހ

ޤުރްއާން ހިތުދަސްކޮށްފައިވާ ކޮންމެ މުސްލިމަކީ އޭނާއަށް އެހެން ހުރިހާ މުސްލިމުން އިޙްތިރާމް ކުރުން ވާޖިބު މީހެކެވެ. މި ވާޖިބު ގެ މަތިވެރިކަމާ މެދު ވިސްނާލަމާތޯއެވެ! އަޅުގަނޑުމެންގެ ތެރެއިން ޤުރްއާން ހިތުދަސް މުސްލިމް އަޚުންނާއި އުޚްތުންނަށް އިޙްތިރާމް ކުރުން އިސްލާމް ދީނުގައި ހިމަނުއްވާފައިވަނީ އެއީ ކީރިތި މާތް الله عزّ و جلّ އަށް ކިޔަމަންތެރިވެ ބޯލަނބާ އެކަލާނގެ މަތިވެރިކަން ދަނެ އެކަލާނގެ އަށް އަދަބު تـَعــْظِيم އަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ. އެކަން މި މާތް ނަބަވީ ޙަދީޘްފުޅުން ދޭހަ ވެއެވެ. إِنَّ مِنْ إِجْلَالِ اللَّهِ : إِكْرَامَ ذِي الشَّيْبَةِ الْمُسْلِمِ، وَ حَامِلِ الْقُرْآنِ غَيْرِ الْغَالِي فِيهِ وَ الْجَافِي عَنْهُ، وَإِكْرَامَ ذِي السُّلْطَانِ الْمُقْسِطِ،. (މާނައީ: މުސްކުޅިވެ ނުރަ ޖަހާފައިވާ މުސްލިމުންނަށާއި އަދި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެމީހުންގެ ހިތްތަކުގައި އެ ޤުރްއާން އުފުލާއިރު ޤުރްއާނާ ގުޅިގެން ހަރުކަށިވެގެން ޙައްދު ފަހަނައެޅުމެއް ނުގެންގުޅޭ އަދި ޤުރްއާނާ މެދު އިހުމާލުވެގެން ދުރުހެލިވުމެއް ވެސް ނުގެންގުޅޭ މީހުންނަށް މާތްކޮށްހިތާ ކަމޭ ހިތުމަކީ އަދި ޢަދްލުވެރި ވެރީންނަށް މާތް ކޮށް ހިތާ ކަމޭހިތުމަކީ ކީރިތި މާތް الله ގެ މަތިވެރިކަން ދަނެ އެ ކަލާނގެ އަށް އަދަބު تعظيم އަދާ ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.) މިއީ حسـن ދަރަޖާ ގެ ޙަދީޘެކެވެ. މި ޙަދީޘަކީ حسن ދަރަޖާގެ ޙަދީޘެއް ކަމަށް ކަނޑައަޅުއްވާ ޢިލްމުވެރީންގެ ތެރޭގައި الإمام النووى، އާއި الإمام الذهبى، އާއި الإمام الحافظ العراقى، އާއި الإمام ابن حجر العسقلانى އާއި އަދި الشيخ ناصر الدين الألبانى ހިމެނިވަޑައިގަންނަވައެވެ. (رَحِمَهُم اللهُ) މި ޙަދީޘް ގައި ވާ الْغَالِي فِيهِ ނުވަތަ ޤުރްއާނާ ގުޅިގެން ޙައްދު ފަހަނައަޅާ ދާ މީހަކީ ބައެއް ޢިލްމު ވެރިން ވިދާޅުވާ ގޮތުގައި ޤުރްއާނުގެ ބަރަކާތްތެރި އާޔަތްތަކުގެ މާތް ލަފްޒުތަކުން ނެރެވެން ނޯންނަ މާނަ އެއް އަމިއްލައަށް ގެނެސްގެން އެ މާނައެއް އެއާޔަތްތަކަށް ނިސްބަތް ކުރާ މީހާއެވެ. އަދި އަމިއްލަ ހިތަށް ފެންނަހާ ގޮތަކަށް ޤުރްއާނުގެ މާނަ ކުރާ މީހާއެވެ. އަދި ޤުރްއާނުގެ ޙުކުމްތަކުން ތިމާގެ ހަވާނަފްސު އެއާ އިދިކޮޅު ނުހަދާ ބައިތަކަށް ޢަމަލު ކޮށްފައި ތިމާގެ ހަވާނަފްސު އެއާ ހިތާނުވާ ޙުކުމްތައް އިހުމާލުކޮށް ހަނދާން ނައްތާލާ މީހާއެވެ. އަދި ބައެއް ޢިލްމު ވެރީން ވިދާޅުވާ ގޮތުގައި މި ޙައްދު ފަހަނައެޅުމުގެ ތެރޭގައި ޤުރްއާނުގެ މަތިވެރިކަމާ ނުގުޅޭފަދައަކުން މާ އަވަސް އަރުވައިލައިގެން ޤުރްއާނު ގެ ތިލާވަތު ކުރުން ހިމެނޭއިރު އަނެއް ކޮޅުން ތަޖްވީދަށް ޤުރްއާން ކިޔެވުމުގައި މާ ކަންތައްގަނޑު ބޮޑުކޮށްގެން މުބާލަޣާ ކުރުންވެސް އެއީ ޙައްދު ފަހަނައެޅުމެވެ. މި މާތް ނަބަވީ އިރްޝާދުގައިވާ الْجَافِي عَنْهُ ނުވަތަ ޤުރްއާނާ ދުރުހެލިވާ މީހާ އަކީ ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޤުރްއާން ދަސްކޮށް ޤުރްއާނާ ގުޅޭ ޢިލްމުތައް އުގެނުމަށް ފަހު ޤުރްއާން އިހްމާލުކޮށް ދޫކޮށްލާ މީހާއެވެ؛ އަދި ޚާއްޞަކޮށް ހަނދާން ނައްތާލާ ދަރަޖައަށް މި އިހްމާލުގައި ދެމިހުންނަ މީހާއެވެ. އަދި ބައެއް ޢިލްމުވެރީން ވިދާޅުވަނީ އެއީ ޤުރްއާނަށް ޢަމަލު ކުރުމާއި ޤުރްއާން ތިލާވަތު ކުރުން ދޫކޮށްލާ މީހާއެވެ. އަދިވެސް ބައެއް ޢިލްމުވެރީން ވިދާޅުވަނީ ޤުރްއާން ރަނގަޅަށް ކިޔެވުމަށްޓަކައި ތަޖްވީދު މަގުން އެ ކިޔުވުން އިހްމާލުކުރާ މީހާ އަކީވެސް މި الْجَافِي عَنْهُ ގެ ތެރެއަށް ވަދެގެން ދާނޭ މީހެއްކަމަށެވެ

ޝައްކެއް ނެތެވެ. ފަތްފުށްތަކާއި ފޮތް ތަކުގައި ލިޔެވި އަދި މިޒަމާނުގައި ނަމަ ސިލިކޯން ޗިޕްސް ތަކުގައި ރެކޯޑް ކުރެވިގެން ރައްކާ ކުރެވުމުގެ ކުރީގައި ކީރިތި ޤުރްއާނަކީ މުސްލިމުން ގެ ހިތްތަކާއި ސިކުނޑިތަކުގައި ރައްކާތެރިކަމާއެކީ ތަސްޖީލުކުރެވިފައިވާ މަތިވެރި މާތް އިލާހީ ވަޙީއެވެ. އަދި ޢަރަބި ނޫން ބަސްބަހަށް މި ސަމާވީ ފޮތް ތަރުޖަމާ ކުރެވުމުގެ ކުރީގައި އެ ފޮތުގެ ޢަމަލީ ތަރުޖަމާ މުސްލިމުންގެ ޢަމަލުތަކުން ފެންނާންވާނެއެވެ. މި މާތް ފޮތަކީ ކީރިތި މާތް الله ގެ މުޤައްދަސް ކަލާމްފުޅެވެ. މި ކަލާމްފުޅުގައިވާ އައިސްފައިވާ ތައުޖީހާތުތަކަކީ މުޅި އިންސާނިއްޔަތަށް އެ އިންސާނިއްޔަތުގެ ވެރި ސާހިބާ މަތިވެރި މާތް ޚާލިޤު الله سبحانه و تعالى ދެއްވާ ދަރުމަ ކުރައްވާފައިވާ އެންމެ މަތިވެރި ހަދިޔާއެވެ. މިއަދުގެ ދުނިޔޭގައި މުސްލިމުންގެ ޢަދާވާތްތެރި ދުޝްމަނުން އެމީހުންގެ ފާފަވެރި އަތްތަކުން މުސްލިމުންނަށް އަނިޔާ ކުރުމަށްޓަކައި ކީރިތި ޤުރްއާނަށް އިހާނަތްތެރިކޮށް ހިތުމުގެ ނުބައި ނިޔަތް އެ މީހުންގެ ޙަސަދަވެރި ހިތްތަކުގައި ރައްކާ ކުރަމުން ދާއިރު އަޅުގަނޑުމެން މުސްލިމުން ސަމާލު ވާން ޖެހޭ އެންމެ މުހިންމު ކަމަކީ ކީރިތި ޤުރްއާން އަކީ އެއަށް ޢަމަލު ކުރެވޭ މަންހަޖު ކަމުގައި ބަލައިގަތުމެވެ

މި މަޤާމުގައި ހަނދާން ކުރަން ޖެހޭ އަނެއްް ޙަޤީޤަތަކީ ތެދުމަގުގެ ހިދާޔަތު ދެއްކެވުމަށް ކީރިތި މާތް الله سبحانه و تعالى ބާވާލެއްވި އިލާހީ ވަޙީ އަކީ ކީރިތި ޤުރްއާނާއި އަދި އެ ޤުރްއާނުގެ ބަޔާނާއި ތަފްސީރު ކަމުގައި ވާ މާތް ސުންނަތެވެ. ވީމާ ޤުރްއާނަށް ޢަމަލު ކުރެވުނު ކަމަށް ވާނީ ސުންނަތަށް ވެސް ޢަމަލު ކުރެވިގެންނެވެ. ޤުރްއާނު ގައި ހިފެވޭނީ ސުންނަތުގައި ވެސް ހިފައިގެންނެވެ. ޤުރްއާން އުގެނި ދަސްކުރެވޭނީ ސުންނަތުން ޤުރްއާނުގެ ބަޔާނާއި ތަފްސީރު އެނގިގެންނެވެ. އެހެނީ ސުންނަތަށް އަހައްމިއްޔަތުކަން ނުދެވޭ ނަމަ ޤުރްއާނަށް އަހައްމިއްޔަތުކަން ދެވުނީކަމަކަށް ނުވާނެއެވެ. މި ސަބަބަށްޓަކައި މާތް ނަބަވީ ސުންނަތަށް އަޅުގަނޑުމެންގެ ރާއްޖޭގައި ދެވޭ އަހައްމިއްޔަތު މިހާރަށް ވުރެ އިތުރު ކުރާން އެބަ ޖެހެއެވެ. ފަރްދީ ފެންވަރުގަޔާއި ރަސްމީ ފެންވަރުގައެވެ. ރަސްމީ ގޮތުން ވެސް މިކަމަށް އެޅިދާނެ ފިޔަވަޅު ތަކާއި ކުރެވިދާނެ ކަންތައްތައް ބައިވަރެވެ. މިސާލަކަށް 'ޤުރްއާނާ ބެހޭ މަރުކަޒު' އެއީ "ކީރިތި ޤުރްއާނާއި މާތް ސުންނަތަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު" ކަމުގައި ހެދުން އެއީ ރަނގަޅު ފިޔަވަޅެއް ކަމުގައި ދެކި އެކަން އެ ގޮތަށް ކުރެއްވުމަށް ކަމާ ބެހޭ މަސްއޫލު ވެރީންނަށް އިލްތިމާސް ކުރަމެވެ

Sunday, August 8, 2010

فِـداكَ أبى و أمّـِى يا رَسُـــولَ اللهِ

ކީރިތި މާތް الله އަކީ ޙައްޤު އިލާހެވެ. އެއީ އެއްކައުވަންތަ ގަދަ ކީރިތި ވަންތަ މާތް އިލާހެވެ. ޢިއްޒަތާއި ޖަބަރޫތުގެ އަދި މަލަކޫތުގެ ވެރި ޚާލިޤް ވަންތަ އިލާހެވެ. އެކަލާނގެ އަށް ޝަރީކަކު ނުވަތަ ބައިވެރިޔަކު ނުވެއެވެ. އަދި އެކަލާނގެއަށް ދަރިކަލަކު އަދި އަނބިކަނބަލަކު ވެސް ނުމެ ވޭމެއެވެ. އެކަނލާގެ އަށް ފިރިހެންވަންތަ ކަމެއް ނުވަތަ އަންހެންވަންތަ ކަމެއް ނިސްބަތް ނުކުރެވޭ ހުއްޓެވެ. ފިރިހެން އަދި އަންހެން މި ދެޖިންސު އުފައްދަވާ ދިރޭތަކެތި އެ ދެޖިންސުގެ މަތީގައި އެކަލާނގެ ޚަލްޤު ކުރެއްވިއެވެ. އެކަމަކު އެކަލާނގެ ޒާތުފުޅު ވަނީ މި ދެ ޖިންސުން ދުރުވެ ހުސްޠާހިރު ވެ ވޮޑިގެންނެވެ. އަހަރެމެންގެ އިލާހަކީ، އަދި ސާހިބަކީ އެކަލާނގެއެވެ. އަހރެމެން މުސްލިމުން ބޯލަނބާ ކިޔަމަންވާ ފަރާތަކީ އެކަލާނގެއެވެ. އެކަލާނގެ އެންގެވިނަމަ އަހަރެމެން އަހަރެމެންގެ އަމިއްލަ ނަފްސުތައްވެސް ކަތިލައިފީމުހެވެ. (ކީރިތި މާތް الله عزّ و جلّ ގެ ހެޔޮ ރަޙްމަތުން އެފަދަ އަމުރު ފުޅެއް ނުކުރައްވައެވެ. އެފަދަ އަމުރުފުޅެއް ކުރައްވައިގެން އެ އަމުރުފުޅަށް އަހަރެމެން އުރެދިއްޖެ ނަމަ ފުރިހަމަ މުސްލިމުން ކަމުގައި އަހަރެމެން ނުވާނެއެވެ.) އެކަލާނގެ ހެޔޮ ރަޙްމަތުން އަހަރެމެންނަށް ތެދު މަގު ދެއްކެވުމަށް ރަސޫލުންނާއި ނަބިއްޔުން ފޮނުއްވެވިއެވެ. އެ ހުރިހާ ބޭބޭފުޅުންނަށް އަހަރެމެން އީމާން ވަމުއެވެ. އަދި އެހުރިހާ ބޭފުޅުންނަށް އަހަރެމެން އަދަބު އިޙްތިރާމާ އެކު ކަމޭހިތާ މާތްކުރަމެވެ. އެއީ އިންސާނުންގެ ތެރެއިންވާ އެންމެ ޢިއްޒަތްތެރި ޤަދަރުވެރީން ކަން ދަންނަމުއެވެ. އެއީ ރިވެތި އަޚަލާޤުގެ އެންމެ ރީތި ނަމޫނާތައް ކަމާއި އަދި ތަޤްވާވެރިކަމުގެ އެންމެ ހެޔޮ މިސާލުތައް ކަން ވެސް ދަންނަމުއެވެ. މި ހުރިހާ ނަބިއްޔުންނާއި ރަސޫލުން ގެންނެވީ އެއް ދީނެކެވެ. އެއީ ޙައްޤު ދީން ކަމުގައި ވާ އިސްލާމް ދީނެވެ. ކީރިތި މާތް الله ރުހިވޮޑިގަންނަވާ ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ. އެކަލާނގެ ޙަޞްރަތުގައި ދީނަކީ އިސްލާމް ދީނެވެ. އެ ނޫން ދީނެއް އެ ކަލާނގެ ޙަޞްރަތުގައި ޤަބޫލު ވެވިގެންނެއް ނުވެއެވެ. އަދި އެނޫން ދީނެއް ކީރިތި މާތް الله މި ބިމަށް ބާވާލައްވާފައި ނުވެއެވެ. މި ޙައްޤު ދީނަށް ތަބާވެ އަދި އެންމެހާ ނަބިއްޔުންނާއި ރަސޫލުންނަށް އީމާން ވެގެން ތިބި ބަޔަކީ ހަމައެކަނި އަހަރެމެން މުސްލިމުންނެވެ. މި އީމާން ކަމަކީ ކީރިތި މާތް الله ގެ ޙަޟްރަތުން ލިބިފައިވާ މަތިވެރި ނިޢްމަތެކެވެ. އެ ނިޢްމަތުން މަޙްރޫމު ވެފައިވާ ކާފިރުންނަކަށް އެ ނިޢްމަތުގެ އަގެއް ވަޒަން ނުކުރެވޭނެއެވެ. އަދި އެހުރިހާ ކާފިރުން ކިތައްމެ ރުޅި އަޔަސް އަހަރެމެން މުސްލިމުން އަހަރެމެންގެ މި އީމާންކަން ދުވަހަކުވެސް ދުލެއް ނުކުރާނޫއެވެ. އެ އީމާން ކަން ރައްކާތެރިކުރުމުގެ އަގަކީ އަހަރެމެންގެ ހުރިހާ މުދަލާއި އަދި ޖާނާއި ނަފްސާއި އަދި ފުރާނަ ކަމަށް ވާނަމަ އެ ހުރިހާ އެއްޗެއް ޤުރްބާން ކޮށްފައިވެސް އަހަރެމެން އަހަރެމެންގެ އީމާންކަން ހިފަހައްޓާ އެ އީމާންކަމަށް ރައްކާތެރިވާނޫއެވެ. އަހަރެމެންގެ قدوة އަކީ އަދި أسوة އަކީ نبيّ الله و رسوله ކަމުގައި ވާ محمـّــد بن عبد الله بن عبد المطلب އެވެ. (ކީރިތި މާތް الله އެކަލޭގެފާނަށާއި އެކަލޭގެފާނުގެ أهل البيت އިންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. އާމީން). محمـّد صلى الله عليه و سلم އަކީ އެންމެ ފަހުގެ ނަބިއްޔާއެވެ؛ އަދި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެ ފާނު ގެންނެވި ޝަރީޢަތަކީ އެންމެ ފަހުގެ ސަމާވީ ޝަރީޢަތެވެ. އެ ޝަރީޢަތް އައުމުން އެންމެހާ ސަމާވީ ޝަރީޢަތްތައް މަންސޫޚު ވީއެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ޤިޔާމަތާ ޖެހޭންދެން ހުރިހާ އިންސީންނާއި ޖިންނީން އެއަށް ތަބާވުން ވާޖިބު ސަމާވީ ރިސާލަތެވެ. ގަދަ ކީރިތި ވަންތަ މާތް الله ކަނޑައަޅުއްވާ ނިންމަވާފައި ވާ ފަދައިން محمّد صلى الله عليه و سلم އަކީ އާދަމުގެ ދަރީންގެ ތެރެއިން ވާ އެމީހުންގެ ސާހިބާއެވެ. ވީމާ އަހަރެމެން މުސްލިމުން ގެ ކުރިމަތީގައި އަހަރެމެންގެ އަމިއްލަ ނަފްސާއި އަދި އަހަރެމެންގެ އަނބިދަރީންނާއި އަދި އަހަރެމެންގެ މައިންބަފައިންނަށް ވުރެވެސް އިސްވެފައި މަތިވެރި ފަރާތަކީ މާތް رسول الله ކަމުގައިވާ محمّد صلى الله عليه و سلم އެވެ. މި ކަމަށް އިންކާރު ކުރާ މީހަކު އިންކާރު ކުރިޔަސް އަހަރެމެންނަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި ބާރުގަދަ ޔޫރަޕާއި އަދި އެމެރިކާ ގެ ޞޮލީބީ އަދި ޔަހޫދީ ބާރުތަކާއި ބުދަށް އަޅުކަންކުރާ ހިންދީ އަދި ބުޑިސްޓް ބާރުތައް ގުޅިގެން އައިސް އިންކާރު ކުރިޔަސް އަހަރެމެން މި ކަމުގައި ކުޑަވެސް ދުލެއް ނުދޭނޫއެވެ. ފާފަވެރި ކާފިރުންނާއި، ގެއްލެނިވެ މަގުފުރެދިގެން ގޮސް މި ކާފިރުންގެ ނިގުލުގައި އެލިގަނެގެން އުޅޭ މީހުންނަށް އަހަރެމެން މުސްލިމުން ދޭނޭ ޖަވާބަކީ އަހަރެމެންގެ އަމިއްލަ ނަފްސާއި މައިންބަފައިންނާއި އަދި ދަރީންނަށް ވުރެ އަހަރެމެން ގެ ގާތުގައި މަތިވެރި އަދި ލޮބުވެތި އަދި ޢިއްޒަތާއި ޤަދަރު ބޮޑު ފަރާތަކީ رسول الله محمـّــد صلّى الهަ عليه و سلّم އެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ! އަހަރެމެން ގެ ތެރެއިން ކޮންމެ މީހަކުމެ އެމީހެއްގެ ވާހަކަ ދައްކާ ދުލުންނާއި އަދި ޙާލުގެ ދުލުން ހަރުއަޑުން މި އިޢްލާން ކުރަނީ أشهد أنّ محمـّــدا رســول الله (މުޙައްމަދުގެފާނަކީ الله ގެ ރަސޫލާ ކަން އަހަރެން ދަނެ އެކަމަށް ހެކިވަމެވެ.) صلّى الله عليه و على آله وسلّم. ހަތް އުޑުގެ މަތިން އެކަލޭގެފާނަށް (محمّد صلى الله عليه و سلم އަށް) ބާވާލެއްވުނު އިލާހީ ވަޙީ އަހަރެމެން ޤަބޫލު ކުރަމެވެ. އެންމެ ތެދުވެރި، އެންމެ އަމާނާތްތެރި، އެންމެ ޢަދްލުވެރި، އަދި އެންމެ ތަޤްވާވެރި އިންސާނަކީ އެކަލޭގެފާނެވެ. ކީރިތި މާތް الله تبارك و تعالى އަށް ބޯލަނބާ ކިޔަމަން ވުމުގައި އެންމެ ހެޔޮ ނަމޫނާ އަކީ އެކަލޭގެފާނެވެ. މީސްތަކުންނާ މުޢާމަލާތް ކުރުމުގައި އެންމެ އިންޞާފުވެރި އެންމެ ޢަދްލުވެރި އިންސާނަކީ އެކަލޭގެފާނެވެ. ދުނިޔަވީ ދިރިއުޅުމުގައި އެންމެ ޠާހިރު އަދި އެންމެ ރީތި ނަމޫނާއެއް ފެންނާނީ އެކަލޭގެފާނުގެ ރިވެތި މާތް ސީރަތުންނެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޢަދްލުވެރިކަމާއި ޚުލުޤުގެ ރިވެތިކަމާއި ހިތްވަރުފުޅުގަދަކަމަށް އެކަލޭގެފާނުގެ ދުޝްމަނުން ކަމުގައި ވީ މައްކާގެ މުޝްރިކުން އެއްބަސްވިއެވެ. އަދި ހަމަ އެކަންކަމަށް މި ޒަމާނުގެ އެތައްބައިވަރު ޣައިރު މުސްލިމު ޢިލްމުވެރީން ވަނީ އެއްބަސްވެ އިޢްތިރާފު ވެފައެވެ. އެކަމަކު މި ހުރިހާ އެންމެންގެ ތާރީފަށް ވުރެ އަގުބޮޑުވެފައި ޤަދަރު މަތިވެރީ އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ އިލާހީ ޘަނާ އާއި މަދަޙައެވެ. وَ إنّك لعلى خُلُق عَظِيم ގެ މަތިވެރި ތާރީފެވެ

އަމިއްލަ ނަފްސާއި މައިންބަފައިންނާއި އަދި އަނބިދަރީންނަށް ވުރެވެސް އަހަރެމެންގެ ގާތުގައި އިސްވެފައި މަތިވެރި ފަރާތަކީ މާތް رسول الله އެވެ(صلى الله عليه و سلم)

اللهمّ صلّ على محمّد النّبىّ الأمّىّ و على آل محمّد صلّى الله عليه و سلّم

Thursday, May 6, 2010

ޑރ ޒާކިރް ނައިކް އަށް މަރްޙަބާ

ޑރ ޒާކިރް ނައިކް ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަކީ ދިވެހީންނަށް އުފަލާއި ހިތްހަމަ ޖެހުން ލިއްބައިދޭނޭ ކަމެކެވެ. އަދި ރާއްޖޭގައި ފަހަކަށް އައިސް އުފެދިގެންއުޅޭ ސެކިޔުލަރ ޚިޔާލުތަކުގެ ވެރީން ހިތުގައިޖެހި ބޯފަޅައިގެން ހިގައިދާ ފަދަ ކަމަކަށް ވާނެއެވެ. ޢަލްމާނިއްޔަތު ނުވަތަ ސެކިޔުލަރިޒަމް ގައި ހައްދު ފަހަނައަޅައިގެން މިއުޅޭ ލާދީނީ ސެކިޔުލަރ ނޭއްގާނި ސޮރުންތަކާއި ކޮއެތައް ޑރ ޒާކިރުނައިކް ގެ ލެކްޗަރތައް އަޑު އަހައިފިނަމަ ފަހަރެއްގައި އެމީހުންގެ ކިލަނބު އަދި ދަނބުޅި ވިސްނުންތަކަށް ކޮންމެވެސް ޠާހިރު ކަމެއް ލިބިދާނެއެވެ. އެ ކަމަށް އުއްމީދު ކުރަމެވެ. މާތްވެގެންވާ ޙައްޤު ދީނަށް އިޙްތިރާމް ކުރުން އިހުމާލު ކުރެވިފައިވާ ތަރުބިޔަތުތަކެއް ލިބިފައިވާ އަދި ދީނީ ހޭލުންތެރިކަމާއި ޢިލްމުން މަޙްރޫމް ވެފައިވާ މި މިސްކީނުމީހުންތައް ޒާކިރްނައިކް ގެ ދަރުސްތަކުން ފައިދާލިބިގަނެގެން މާތްވެގެންވާ އިސްލާމް ދީނަށް އެ މީހުންގެ ޖާހިލު ލިޔުންތަކުން އެ ކުރާ ފުރައްސާރަ ދޫ ކޮށްލައިފިނަމަ އެއީިހާދަ ރަގަޅު ނަތީޖާ އަކަށް ވާނެއެވެ. އެކަމަކު ދަންނާށެވެ! ސެކިޔުލަރ، ލާދީނީ ޖާހިލުން ކިތަންމެ ވަރަކަށް ދިވެހިބަހުންނާއި ކޮށި އިގިރޭސިބަހުން ބްލޮގްތައް ހަދައިގެން ކީރިތި މާތް ޙައްޤު އިލާހު އެ ދީނަކަށް ރުހިވޮޑިގަންނަވާ ދީނަށް، އިސްލާމް ދީނަށް، ކިތަންމެ ފުރައްސާރަ ކުރިޔަސް މި ތެދުވެރި ޙައްޤު ދީނަށް ދެވޭނޭ އެއްވެސް އަދި ކުޑަވެސް ގެއްލުމެއް ނޯންނާނެއެވެ. ގެއްލުން ވާނީ އެ ސެކިޔުލަރ ގަމާރު ސިކުޑިތަކުގެ ވެރީންނަށެވެ

ދިވެހީންގެ ދީނަކީ އިސްލާމް ދީނެވެ

ސެކިޔުލަރ ޚިޔާލުގެ މީހުން ކިތަންމެ ހިތުގައި ޖެހުނަސް ދިވެހީން އެމީހުންގެ ދީން ދޫކޮށެއްނުލާނެއެވެ. ދިވެހީން ދިވެހީންގެ ގޮތުގައި މިތިބީ މާތްވެގެންވާ އިސްލާމް ދީނުގެ ސބަބުންނެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަސިޔާދަކީ މި ރާއްޖެއަށް އިސްލާމް ދީން ދީފައިވާ ހަދިޔާއެކެވެ. ދިވެހި ރާއްޖޭގެ މިނިވަންކަމާސިޔާދަތު ރައްކާތެރިކުރުމަށް ޖިހާދު ކުރެއްވި ހުރިހާ ޤައުމީ ބަޠަލުން ވެސް ޖިހާދު ކުރައްވާފައިވަނީ މާތް އިސްލާމް ދީނުގެ ނަމުގައެވެ. ވީމާ މާ ލާދީނީ ވެގެން މި އުޅޭ ހުރިހާ ސެކިޔުލަރ ޖާހިލުންނަށް ދޭން އޮތް ނަސޭހަތަކީ ދިވެހި ރާއްޖޭގައި ކަލޭމެން ދިރިއުޅެން ބޭނުންނަމަ ޙައްޤު ތެދުމަގު ކަމުގައިވާ މާތް އިސްލާމް ދީނާ ހަނގާ ނުކޮށް ތިބޭށެވެ. އެހެނީ އަހަރެމެން ދިވެހީން މި ދިވެހި ބިމުގައި އެއްވެސް ބާޠިލު ދީނަކަށް ޖާގައެއް ނުދޭނޫއެވެ. ކީރިތި މަތިވެރި ކުޅަދުންވަންތަ އެއްކައުވަންތަ މާތް އިލާހުގެ އިރާދަފުޅާއެކު ދިވެހި ރާއްޖެ އަކީ އިސްލާމް ދީނުގެ، ހަމައެކަނި އިސްލާމް ދީނުގެ ވަޠަނެކެވެ. މި ޙަޤީޤަތް ގަބޫލު ނުކުރެވޭ މީހުން ކަނޑަށް އެރިގެން ކަނޑުގެ ލޮނުގަނޑު ބޮއެގެން ހަލާކުވެދާހުށިކަމެވެ! ދިވެހި ވަންތަ ކަމާއި އިސްލާމް ވަންތަ ކަން ދުވަހަކުވެސް ވަކި ނުކުރެވޭހުއްޓެވެ

Tuesday, April 20, 2010

ޕްރެފެސަރ ތަޤީ ޢުޘްމާނީ އަށް މަރްޙަބާ

ޕްރޮފެސަރ ތަޤީ ޢުޘްމާނީ އަކީ މިއަދު ދުނިޔޭގައި ތިއްބެވި އެންމެ މަތީފަންތީގެ ޢިލްމުވެރީންގެ ތެރެއިން އެއް ބޭފުޅެކެވެ. ޢަރަބި، އިގިރޭސި އަދި އުރުދޫ ބަހުން އަމިއްލަޔަށް (ތަރުޖަމާ އެއް ނޫން) ފޮތް ތައުލީފު ކުރައްވާ ފިޤްހު ޢިލްމުގައި މިއަދު ދުނިޔޭގައި ތިއްބެވި އެއންމެ ވަރުގަދަ ޢާލިމުން ގެ ތެރެއިން އެއް ބޭފުޅެކެވެ. ޙައްޤު ބަސް ވިދާޅުވުމުގައި ސިހިވަޑައިގަތުމެއް ނުވަތަ ފަހަތަށްއ ޖެހިވަޑާއި ގަތުމެއް ނު ގެންގުޅުއްވާ ޙަޤީޤީ ޢިލްމުވެރިޔެކެވެ. މީގެ ދަލީލަކީ ޕާކިސްތާނުގެ ސްޕްރީމްކޯޓުގެ ޝަރީޢާ ބެންޗް ގެ ޖަޖް އަކަށް ޕްރޮފެސަރ ތަޤީޢުޘްމާނީ ހުންނެވި އިރު ބޭންކް އިންޓްރެސްޓަކީ ރިބާކަމުގައި އަދި މި ޙަޤީޤަތާ ގުޅިގެން ޕާކިސްތާނުގެ ހުރިހާ ބޭންކް ތަކެއް އެއީ އިސްލާމީ ޝަރީޢަތް ރުހޭ ފަދައިން ރިބާއާ ނުލައި ހިންގޭ ބޭންކް ތަކަކަށް ވާން ޖެހޭނެކަމަށް ކަނޑައަޅުއްވައި ނެރުއްވި ޖަޖްމެންޓް އެވެ. ޕްރެފެސްރ ތަޤީ ޢުޘްމާނީ ދިވެހިރާއްޖެއަށް ވަޑައިގަތުމަކީ މުޅި ރާއްޖެއަށް ލިބުނު ފަޚްރެކެވެ. ޙަޤީޤަތުގައި ދުނިޔޭގެ އެއްވެސް ހެޑް އޮފް ސްޓޭޓަކަށް ކިޔޭ ރަތްދޫލައިގެ މަރްޙަބާ އަށް ވުރެ މާ މަތީ ތަރްޙީބެއް މި ޢިލްމުވެިރޔާއަށް ޙައްޤެވެ