
بسم الله , و الحمد لله الذى لا إله غيره و لا رب سواه , و صلى الله و سلم و بارك على من لا نبىّ بعده - صلى الله عليه و على آله و سلم , ...... السلام عليكم و رحمة الله ދިވެހި ރާއްޖެ ބްލޮގް އަށް މަރްޙަބާ
Wednesday, February 17, 2010
Friday, February 12, 2010
އާ ދުވަހެއް: އާ އުއްމީދު ތަކެއް
އަޅުގަޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ލިބިފައިވާ ނިޢްމަތްތައް އެއީ ގުނާ ޢަދަދު ކުރެވޭވަރަށް ވުރެ މާ ގިނަ އަދި މިނެ ކިރޭ ވަރަށް ވުރެ މާ މަތިވެރި ނިޢްމަތްތަކެކެވެ. މި ހުރިހާ ނިޢްމަތްތަކެއް އަޅުގަނޑުމެންނަށް ލިބިފައިވަނީ ކީރިތި މާތް الله سبحانه و تعالى ގެ ދީލަތިވަންތަކަމާއި ދަރުމަވަންތަ ކަމުންނެވެ. މި ގޮތުން އަޅުގަނޑުމެންނަށް މި ދުނިޔޭގައި ދިރިއުޅެން ލިބިފައިވާ މި ޢުމުރަކީވެސް ބޮޑު ވެގެންވާ ނިޢްމަތެކެވެ. އަދި ކީއްތޯއެވެ. މި ޢުމުރު ގެ ކޮންމެ ދުވަހަކީ ވެސް އަދި ކޮންމެ ހިނދުކޮޅަކީވެސް ބޮޑުވެގެންވާ އަދި މަތިވެރިވެގެންވާ ނިޢމަތެކެވެ
ކޮންމެ ދުވަހަކީވެސް ބޮޑު ނިޢްމަތަކަށް ވާއިރު ކޮންމެ ދުވަހެއްގެ ކޮންމެ ހިނދު ކޮޅެއްގައިވެސް އަޅުގަނޑުމެންނަށް ކީރިތި މާތް الله تبارك و تعالى ގެ ޙަޟްރަތަށް ރުޖޫޢަވެ އެ ކަލާނގެ ޙަޟްރަތުން މަޣްފިރަތާއި ރަޙްމަތަށް އެދި ކުރެވިދާނެއެވެ. އެކަލާނގެ ރަޙްމަތުގައި ޝާމިލު ކުރެއްވުން އެދި ތަޟައްރުޢުވެ ދުޢާ ކުރެވިދާނެއެވެ. މި އިން އެއްވެސް ކަމަކީ މި ކުރުކުރު ޢުމުރު ނިމުމުން ކުރެވޭނެ ކަމެއް ނޫނެވެ
ރާއްޖޭގައި ބަނގުރާ ވިއްކުން
ރާއްޖޭގައި ރާއްޖޭގެ މީހުން (ދިވެހީން) ދާއިމީ ކޮށް ވަޒަން ވެރިވެ އުޅޭ ރަށްރަށުގަޔާއި އަދި އެނޫން ރަށްރަށުގައިވެސް ބަނގުރާ (އަދި މަސްތުވާ ތަކެތި) އަދި އޫރުމަސް ވިއްކުމާއި ބޭނުންކުރުމާއި އަދި ގެންގުޅުން ހުއްދަކުރެވިގެންނުވާނެއެވެ. އަޅުގަނޑުމެން ދިވެހީން ވަރަށް ސީރިއަސްކޮށް ވިސްނަންވީ މިހާރުވެސް ރާއްޖޭގެ ރިސޯޓްތަކުގައި ހުއްދަ ދެވިގެން ކުރެވެމުން އަންނަ ބަނގުރާ ވިއްކުމުގެ ވިޔަފާރި މުޅިން ހުއްޓާލުމަށެވެ. ވަގުތުން އެކަން ކުރެވެން ނެތް ނަމަ ދުރާލާ މިކަމާ ވިސްނާ ރަގަޅަށް ދިރާސާތަކެއް ކުރެވި ޕްލޭން ތަކެއް އެކަށައެޅިގެން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ބަނގުރަލާ ނުލައި ޓޫރިޒަމް އިންޑަސްޓްރީ ހިންގުމަށް ޢަމަލީ މަސައްކަތް މިހިނދު މިހިނދަށް ފަށަންވީއެވެ. އަޅުގަޑުމެން ދަންނަން ޖެހޭނެ ޙަޤީޤަތަކީ ބަނގުރާ އިސްލާމް ދީނުގައި ޙަރާމް އެއްޗަކަށް ވާއިރު އެއީ ހަލާލު އެއްޗަކަށް ހެދުމުގެ ބާރު އަޅުގަޑުމެންގެ ތެރެއިން އެއްވެސް ފަރާތަކަށް ލިބިފައި ނުވާ ކަމެވެ. އިކޮނޮމިކް މިނިސްޓރީ އަކަށް ވެސް ނުވަތަ މުޅި ސަރުކާރަކަށް ވެސް ނުވަތަ ރައީސުލް ޖުމްހޫރިއްޔާއަކަށް ވެސް ނުވަތަ ރައްޔިތުން ގެ މަޖިލީހަކަށް ވެސް ބަނގުރާ އެއީ ޙަލާލު އެއްޗަކަށް ނުހެދޭނެއެވެ. ބަނގުރާ އުފެއްދުމުގެ ނުވަތަ ބުއިމުގެ ނުވަތަ ވިއްކުމުގެ ނުވަތަ ގަތުމުގެ ނުވަތަ އުފުލުމުގެ ހުއްދަ މި ދެންނެވުނު އެއްވެސް ފަރާތަކަށް (އެއީ ރައްޔިތުންގެ މަޖިލީހަށް ވިޔަސް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަށް ވިޔަސް ނުވަތަ އިކޮނޮމިކް މިނިސްޓަރަށް ވިޔަސް) ލިބިގެންނެއް ނުވެއެވެ. ވީމާ ޙަޤީޤަތުގައި މިހާރު ރިސޯޓުތަކަށް ބަނގުރާ އެތެރެކޮށް އެ ރާ ވިއްކުމަށް މިހާރުގެ ސަރުކާރުންނާއި އަދި ކުރީގެ ސަރުކާރުން ދީފައިވާ ހުއްދަތަކަކީ ބާޠިލު ހުއްދަތަކެކެވެ. އެކަހަލަ ކިތައްމެ ބައިވަރު ހުއްދަތަކެއް ނަގައިގެން ކުރާ ކަމަކަށް ވިޔަސް އެކަމުގެ ޙަރާމް ކަމަކަށް ބަދަލެއް ނާންނާނެއެވެ. ވީމާ ބަނގުރާ އަދި އެނޫންވެސް ޙަރާމް ތަކެއްޗާއި ކަންތައްތައް ނުހިމެނޭ އިންޑަސްޓްރީ އަކަށް ދިވެހި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހެދުމަށް އަޅުގަޑުމެން ހުރިހާ ދިވެހީން ޢަޒުމް ކަނޑައަޅާ އެކަން ޢަމަލީ ގޮތެއްގައި ޙަޤީޤަތަކަށް ހެދޭތޯ ވިސްނާ ފިކުރު ކޮށް މަސައްކަތް ފަށަން ވެއްޖެއެވެ. މިކަމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަމަށް އަޅުގަޑަށް ފެންނަނީ ޓޫރިސްޓް ރިސޯޓް ތަކުގެ ވެރީންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސްބޭފުޅުންނެވެ. ޚާއްޞަކޮށް ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި އަދި ޚުދް ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައްޔިތުން ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އަޅުގަޑުމެން ހައްދަވާ ބޮޑުކުރައްވާ ރޯދިދެއްވާ އަދި ފަހުން މަރު ގަންނަވާ ޚާލިޤު ވަންތަ ރާޒިޤު ވަންތަ މާތް އިލާހު ގެ ރުހިވޮޑިގަތުން ޙާޞިލު ކުރުމަށްޓަކައި މިކަން ހިތްވަރާ އެކީ ކުރަމާތޯއެވެ! ނުވަތަ މި ކަން ކުރެވޭތޯ މަސައްކަތް ކުރަމާތޯއެވެ! ނުވަތަ އެންމެ ކުޑަވެގެން މިކަން ކުރެވޭތޯ މަސައްކަތް ކުރާނެ ކަމުގެ އިޚްލާޞްތެރި ނިޔަތަކާއި ތެދުވެރި ޢަޒްމެއް ހިތްތަކުގައި ކަނޑައަޅަމާތޯއެވެ. އެއިރުން ފަހަރެއްގައި އެއްކައުވަންތަ ކީރިތި މާތް އިލާހުގެ ރުހިވޮޑިގަތުން އަޅުގަޑުމެންނަށް މިންވަރު ކޮށްދެއްވަފާނެއެވެ
الحمد لله
އެންމެހާ ޙަމްދު ޘަނާ އާއި ތަޢްރީފު ގެ ޙައްޤު ވެރިޔަކީ ގަދަ ކީރިތި ވަންތަ މަތިވެރި މާތް الله سبحانه و تعالى އެވެ. އެކަލާނގެ އަށް ޙަމްދު ޘަނާ ދެންނެވުމަށް ފަހު މުޅި ޢާލަމް ތަކަށް ރަޙްމަތެއް ކަމުގައި އެކަލާނގެ ފޮނުއްވި އެކަލާނގެ އަޅާ އަދި ނަބިއްޔާ محمد رسول الله صلى الله عليه و على آله و سلم ގެ މައްޗަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ކީރިތި މާތް الله سبحانه و تعالى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި محمد رسول الله صلى الله عليه و على آله وسلم ގެ އާލުންނާއި އަޞްޙާބުންނަށް ކީރިތި މާތް الله تبارك و تعالى ގެ ރުހި ވޮޑިގަތުމާއި ރަޙްމަތާއި މަޣްފިރަތު ދެއްވާ ދަރުމަ ކުރެއްވުން އެދި ދުޢާ ކުރަމެވެ
Thursday, February 11, 2010
Subscribe to:
Posts (Atom)